Last Updated: May 9, 02:20
Wednesday, May 8, 2024
ސިޔާސީ

އުތުރު ދާއިރާގެ އަޑު އެހުން ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ އިންތުހާބް ބާޠިލް ކުރުމަށް އެދި ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުން ނިންމާލައިފި އެވެ.

އިންތިހާބަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަކޮށް ނާކާމިޔާބްވި އަލީ އިބްރާހިމްގެ ގާނޫނީ ވަކީލް ދައުވާ ހުށަހަޅުއްވަމުން ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބަށް ނުފޫޒު ފޯރާފައިވާ ކަމަށެވެ. އެގޮތުން ރިޝްވަތުން ދިނުމުގެ ކަންތައްތަކެއް، އެ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއަމަލް ހިންގާފައި ވަނީ އިދިކޮޅު ކެންޑިޑޭޓް މުހައްމަދު އަސްލަމްގެ ފަރާތުން ކަމަށެވެ.

މި މައްސަލާއި ގުޅިގެން ފަޑިޔާރުންގެ ބެންޗުން ކުރި ގިނަ ސުވާލްތަކަށް އަލީގެ ވަކީލް ހަންނަނާނަށް ޖަވާބު ނުދެވުނެވެ. އެގޮތުން ވޯޓު ފޮށި ނަންބަރާއި، ދައުވާގައި ބުނާ ވޯޓު ފޮށި ހުރިތަނެއް ބުނެ ނުދެވުނެވެ.

މި މައްސަލާގައި އިލެކްޝަން ކަމިޝަންގެ ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ބާތިލްކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ހެކިވެރިންގެ ބަޔާންތަކުގައި ހުރި ވާހަކަތައް ސާފުނުވާ ކަމަށެވެ.

މި މައްސަލާއިގެ ތެރެއަށް އަސްލަމް ވަނީ ތަދައްޚުލްވެފައެވެ. އަސްލަމްގެ ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވީ ގާނޫނުގައި ބުނާ މިންވަރަށް އެކަށީގެންވާ ހެކި، އެ މައްސަލައިގައި ކޯޓަށް ހުށަހަޅާފައި ނެތް ކަމަށެވެ. އަދި ހުށަހަޅާފައިވާ ހެކިވެރިންނާ ބެހޭ މައްސަލަތަކެއް ވެސް ހިސާން ޝަރީއަތުގެ ސަމާލު ކަމަށް ގެންނެވި އެވެ

މައްސަލާއިގެ ދައުވާގައި އަލީ އިބްރާހިމްގެ ފަރާތުން ހުށަހެޅި 10 ހެކި ވެރިންނާއި ބެހޭ ގޮތުން ހިސާން ވިދާޅުވީ އޭގެ ތެރެއިން އެކަކީ އަލީ އިބްރާހިމްގެ ކޮއްކޮ ކަމަށާއި އިތުރު 2 މީހުންނީ ކުށުގެ ރިކޯޑް އޮތް ބައެއް ކަަމަށެވެ. އަދި އެމީހުންނާއި ގުޅޭނެ ފޯން ނަންބަރުވެސް ހިސާން އިއްވެވިއެވެ.

ހިސާން ވިދާޅުވީ ހެކިންގެ ތެރެއިން ބައެއް މީހުނީ ހިތަދޫ މެދު ދާއިރާއަށް ނިސްބަތްވާ މީހުން ކަމަށެވެ.

އަދު ހެނދުނު ބޭއްވިއިރު ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު، ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އަޑުއެހުންތައް ނިމުނީ ކަމަށާއި ހުކުމް ކުރާނެ ދުވަސް ފަހުން އަންގާނެ ކަމަށެވެ. ނަމަވެސް ހުކުމް ކުރާނެ ވަކި ދުވަހެއް ފަނޑިޔާރުންގެ ބެންޗުން އިއުލާނެއް ނުކުރައްވަ އެވެ.

ހިތަދޫ މެދު ދާއިރާގެ އިންތިހާބް ބާޠިލް ކުރުމުގެ މައްސަލަވެސް އޮތީ އަޑު އެހުން ނިންމާ ހުކުމް ކުރާ ހިސާބުގައެވެ. އަދި ފޭދޫ ދާއިރާގެ މައްސަލަ ކޯޓުން ބަލައިގަނެ ޝަރީއަތް ބާއްވާނެ ތާރީހެއް ބަޔާން ނުކުރެއެވެ.