Last Updated: April 26, 15:47
Friday, April 26, 2024
ކުޅިވަރު

ޗެލެންޖް ކަޕްގެ ޕްރެކްޓިސް ދަނޑަކަށް މީދޫ ދަނޑު

މީދޫ ބޯޅަދަނޑު ވިނަ ހައްދަމުން ދަނީ. ފުޓްސަލް ދަނޑު ހެދުމަށް އެމްއާރްޑީސީ އާއި ވަނީ ހަވާލިކޮށްފައި. ފޮޓޯ: ކިއުންތެރިއެއް

އަންނަ މަހު މާލެ އާއި އައްޑޫގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ ޓީމްތައް ޕްރެކްޓިސް ކުރާނެ އެއް ދަނޑަކަށް މީދޫ ފުޓްބޯޅަ ދަނޑު ހަމަޖެހިއްޖެ އެވެ.

ޔޫތު މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ މީދޫ ޒުވާނުންގެ އިސް ނެގުމުގެ މަތިން މީދޫ ބޯޅަ ދަނޑު ޓީމްތަކަށް ޕްރެކްޓިސް ކުރެވޭ ފެންވަރަށް މިހާރު ތައްޔާރު ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ދަނޑުގެ ވިނަ ނެތް ސަރަހައްދުގައި ވިނަ އިންދައި، ގަސްކާނާ އަޅައި ދުވާލު ދެއިރު ފެންދީ ދަނޑު ދަނީ ބަލަހައްޓަމުންނެވެ. މިހުރިހާ މަސައްކަތެއްވެސް ކުރަނީ ރަށުގެ ޒުވާނުންނެވެ.

އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ ޓީމްތައް ތިބެން ހަމަޖެހިފައިވަނީ ހެރެތެރެ ރިސޯޓްގައިއެވެ. އަދި އެޓީމްތައް ޕްރެކްޓިސް ކުރުމަށް މީދޫގެ އިތުރުން ހުޅުދޫ ބޯޅަ ދަނޑު ތައްޔާރު ކުރެވޭތޯ މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޔޫތު މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ މީދޫ ޒުވާނުން ދަނޑު ތައްޔާރު ކުރުމުގައި ދައްކާފައިވަނީ ނަމޫނާ ހިތްވަރެއް ކަމަށެވެ، އެހެންވެ މިނިސްޓަރ ވަނީ ޒުވާނުންނަށް ހިތްވަރުދީ ޝުކުރު ދަންނަވާފައެވެ.

މީދޫ ދަނޑު ތައްޔާރު ކުރުމަށް ބޭނުންވާ ބައެއް ގަސްކާނާ އާއި ވިނަކޮށާ މެޝިން މިވަގުތު ބޯޓަށް އަރުވާފައިވާއިރު ދަނޑުގެ ވަށާ ފާރު ނިންމުމަށް ވެސް ވަރަށް އަވަހަށް ބަޖެޓް ހަމަޖެހޭނެކަމަށް މައުލޫމާތު ލިބިއެވެ.

މީދޫ ބޯޅަ ދަނޑަކީ މިވަގުތު ޒޯން 8 ސްޓޭޑިއަމް ފިޔަވައި އެންމެ ފުރިހަމަައަށް ވިނަ ހެދި ތައްޔާރުވެފައިވާ ދަނޑެވެ.