Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ނޫރާނީ ސްކޫލްގެ ޝަބާ ތުރުކީ އަށް

ތުރުކީއަށް ދާން ފުރުސަތު ލިބުނު ފާޠިމަތު ޝަބާ އަޒީޒް. ފޮޓޯ: ނޫރާނީ ސްކޫލް

ތުރުކީގެ ރޭޑިއޯ އެންޑް ޓެލެވިޝަން (ޓީއާރުޓީ) އިން މި މަހުގެ 16-23 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނެޝަނަލް ޗިލްޑްރެންސް ފެސްޓިވަލްގައި ބައިވެރިވުމަށް ނޫރާނީ ސްކޫލްގެ ގްރޭޑް ހަތެއްގައި ކިޔަވާ ފާތިމަތު ޝަބާ ޢަޒީޒު އިއްޔެ ތުރުކީ އަށް ފުރައިފި އެވެ.

ތުރުކީވިލާތުގެ ގާޒިއަންޓެޕް ސިޓީގައި އާއި އަންކާރާގައި ބާއްވާ މި ހަރަކާތުގައި ޝަބާ އަޒީޒްގެ އިތުރުން 12 ދަރިވަރަކު ވަނީ ތުރުކީއަށް ފުރައިފަ އެވެ.

މި ހުރިހާ ކުދިންގެ ދަތުރު ހަރަދުތައް ހަމަޖައްސާފައިވަނީ ބައިވެރިވި ކުދިން އަމިއްލައަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މާލޭގެ ހަ ސުކޫލަކުންނާއި އަތޮޅުތެރޭގެ ތިން ސުކޫލަކުން އެ ދަތުރުގައި ބައިވެރިވާ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބުދުﷲ ނަޒީރު ވަނީ އިއްޔެ ބައްދަލު ކުރައްވާފަ އެވެ.

ނޫރާނީ ސްކޫލުން ބުނީ ފެސްޓިވަލްގައި ބައިވެރިވާ ދަރިވަރުން އެކިއެކި އައިޓަމްތައް ހުށަހެޅުމާއި ތަފާތު އެކިއެކި އިވެންޓްތަކުގައި ބައިވެރިވުމާއި އެކިއެކި ހިސްޓޯރިކް ސައިޓްތަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މި ފެސްޓިވަލްގައި ބައިވެރިވާ ދުނިޔޭގެ އެކި ޢުމުރުތަކުގެ ގިނަ ކުދިންގެ ތެރެއިން އައު ރަޙްމަތްތެރިން ހޯދުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ.

މި ދަތުރުގެ ބައިވެރިން ތުރުކީވިލާތައް ފައިބާ ހިސާބުން ފެށިގެން ފެސްޓިވަލް ނިމެންދެން ހުރިހާ ޙަރަކާތެއް ތުރުކީވިލާތުގެ ޓީއާރްޓީ ޗެނެލްތަކުން ލައިވްކޮށް ގެނެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.