Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ޕްރީ ސްކޫލް ޓީޗަރުންނަށް މުސާރަ ނުލިބޭ!

މީގެ ކުރިން އައްޑޫ ސިޓީ ކައުންސިލްގެ ބަޖެޓްގައި ހިމަނައިގެން ފިނޭންސް މިނިސްޓްރީން ދޫކުރަމުން ގެންދިޔަ އައްޑޫ ޕްރީ ސްކޫލްތަކުގެ ޓީޗަރުންގެ މުސާރަ ފައިސާ ފިނޭންސް މިނިސްޓްރީން އެޑިއުކޭޝަން މިނިސްޓްރީގެ ބަޖެޓަށް ބަދަލުކޮށްފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.

ފިނޭންސްގެ އޮފިޝަލަކު މިކަން ކައުންސިލަށް ފޯނު މެދުވެރިކޮށް އަންގަވާފައިވާ އިރު، ޕްރީ ސްކޫލްތަކުގެ ޓީޗަރުންގެ މާޗް މަހުގެ މުސާރަ ނުލިބިގެން ސްކޫލްތަކުން ވަނީ ކަންބޮޑުވުން ވެސް ފާޅު ކުރަން ފަށައިފަ އެވެ.

މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ކައުންސިލުން ކުރިން ދެމުން ދިޔަ ޕްރީ ސްކޫލް ޓީޗަރުންގެ މާޗް މަހުގެ މުސާރަ ނުދެވި ވަނީ ފިނޭންސުން މި ގެނައި ބަދަލާ ގުޅިގެން ކަމަށެވެ.

HKJK

"އެ މިނިސްޓްރީންގެ ބޭފުޅަކު ގުޅާފައި ވިދާޅުވެފައި އެބަ އޮތް ޕްރީ ސްކޫލްތަކަށް ކަނޑައެޅި ބަޖެޓް އެޑިއުކޭޝަން މިނިސްޓްރީގެ ބަޖެޓަށް މިހާރު ބަދަލުކޮށްފައިވާ ކަމަށް. އަދި އެކަން ދެން ކުރިއަށް ގެންދާނީ އެ މިނިސްޓްރީން ކަމަށް،" މޭޔަރު ވިދާޅުވި އެވެ. "އެކަމަކު މިއީ ކިއްވެގެން ގެނައި ބަދަލެއް ކަމެއް ސާފުކޮށެއް ނުދެއްވާ. އެހެންވެ އެ ފައިސާ ކައުންސިލަށް ލިބޭނެ ގޮތެއް ނެތިގެން، ޕްރީ ސްކޫލްތަކުގެ ޓީޗަރުންނަށް މާޗް މަހުގެ މުސާރަ ނުދެވި އޮތީ. އޭގެ ކުރިން ހަމަ ބަރާބަރަށް ކައުންސިލް އިދާރާގެ މުވައްޒަފުންނާ އެކު ޕްރީ ސްކޫލްތަކުގެ ޓީޗަރުންނަށް މުސާރަ ދެމުން ދިޔައީ."

ސޯބެ އިތުރަށް ވިދާޅުވީ މިކަމާ ގުޅިގެން ކައުންސިލަށް ފިނޭންސުން ވެސް އަދި އެޑިއުކޭޝަން މިނިސްޓްރީން ވެސް ރަސްމީކޮށް އެއްވެސް އެންގުމެއް އަންގާފައި ނެތް ކަމަށެވެ.

"އެހެންވެ އަޅުގަނޑުމެން އުޅޭނަން މިކަމާ. ކައުންސިލަށް ލާޒިމްކޮށްފައި އޮތް ކަމެއް ޕްރީ ސްކޫލްތައް ބަލަހައްޓައި އެހީތެރިވުމަކީ،" މޭޔަރު ވިދާޅުވި އެވެ. "އެކަމަކު އެ ގާނޫނުން ލިބިދޭ މަސްއޫލިއްޔަތު ވެސް ކައުންސިލުން އަދާ ކުރުމުގެ ރޫހު ނެތިދާ ގޮތަށް އަމަލު ކުރާ ތަން މި ފެންނަނީ."

ލާމަރުކަޒީ ގާނޫގެ ދަށުން ޕްރީ ސްކޫލްތަކުގެ ޓީޗަރުންނަށް މުސާރަ ދިނުމުގެ ކަންތައްތައް ކުރަމުން ގޮސްފައި ވަނީ ކައުންސިލުންނެވެ. މިދިޔަ ފެބްރުއަރީ މަހާ ހަމައަށް ޓީޗަރުންނަށް ކައުންސިލުން ވަނީ މުސާރަ ދީފަ އެވެ.

އެހެން ނަމަވެސް މާޗް މަހުގެ މުސާރަ ނުލިބިގެން ސްކޫލްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ބައެއް ސްކޫލްތަކުން ބުނީ މި މައްސަލާގައި ކައުންސިލަށް ގުޅުމުން، ފިނޭންސް މިނިސްޓްރީން ފައިސާ މިހާރު ދޫނުކުރާތީ މުސާރަ ދެވޭނެ ގޮތެއް ނެތް ކަމަށް ބުނެފައިވާ ކަމަށެވެ.

"މީގެ ކުރިން ކައުންސިލް އިދާރާގެ އެހެން މުވައްޒަފުންނަށް ވެސް މުސާރަ ދޭ ދުވަހު އަޅުގަނޑުމެން ސްކޫލްގެ ޓީޗަރުންނަށް ވެސ މުސާރަ ލިބެމުން އައީ. އެހެން ނަމަވެސް މާޗް މަހުގެ މުސާރަ ނުލިބިގެން މި އުޅެނީ،" ހިތަދޫ ސައީދިއްޔާ ޕްރީ ސްކޫލްގެ އޮފިޝަލަކު ވިދާޅުވި އެވެ. "ކައުންސިލަށް ވެސް ގުޅީމަ މިހާރު މި ފައިސާ ދޭނީ ކޮން ބަޔަކު ކަމެއް ނޭނގޭ ހިސާބަށް ގޮސްފައި މިއޮތީ."

އައްޑޫގެ 10 ޕްރީ ސްކޫލެއްގެ ޓީޗަރުންނަށް ކައުންސިލުން މީގެ ކުރިން ދިޔައީ މުސާރަ ދެމުންނެވެ.

އޭގެ ތެރޭގައި ހިމެނެނީ ޝައިޚް ހުސައިންރަހާ ޕްރީ ސްކޫލް، ޝަރިފީ ޕްރީ ސްކޫލް، އަސްރިއްޔާ ތުއްތުކުދިންގެ ތަޢުލީމުދޭ ކްލާސް، ކުދިމާ ޕްރީ ސްކޫލް، އަމާން ޕްރީސްކޫލް، ނަސްރިއްޔާ ޕްރީސްކޫލް، ހިރާ ޕްރީ ސްކޫލް، އުޖާލާ ޕްރީ ސްކޫލް، މެދުވަލު ސްކޫލް، އަދި ސަޢީދިއްޔާ ސްކޫލެވެ.