Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

މަރަދޫ އެކްސިޑެންޓްގައި އަނިޔާވި މީހާ ނިޔާވެއްޖެ

މަރަދޫގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދަނީ.---ފޮޓޯ: ކިޔުންތެރިއެއް

މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު މަރަދޫ ބޮޑު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ބޮލަށް ގެއްލުން ލިބި ހިތަދޫ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ މަރަދޫ ކާނޭޝަންގޭ، ހަސަން ނަސީރު، 69، ރޭ ފަތިހު ނިޔާވެއްޖެ އެވެ.

"އައްޑޫ ލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނަސީރު ނިޔާވީ އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ރޭ ފަތިހު ގަން އެއާޕޯޓަށް ގެންދިޔަ މަގުމަތީގައެވެ. ނަސީރު އަކީ ހިތުގެ އޮޕަރޭޝަނެއް، ކޮށްފައި ހުންނަ މީހެެއް ކަމަށް އާއިލާގެ ފަރާތުން ބުނެއެވެ.

ނަސީރު މާލެ ގެންދިއުމަށް އާއިލާއިން ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން މަސައްކަތް ކުރި ނަމަވެސް އިއްޔެ އާއި ހަމައަށް މާލެ ނުގެންދެވުނީ ފްލައިޓުން ޖާގަ ނުލިބިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މަރަދޫ ބޮޑުމަގުގައި ހުންނަ "ރޫޓް" ފިހާރައާ އިން ވެގެން ހުރި، ނަސީރުގެ ގެއަށް ސައިކަލުގައި ވަންނަން ހުރަސް ކުރަން އުޅެނިކޮށް، ފޭދޫ ކޮޅުން މަރަދޫގެ އުތުރަށް ދުއްވާފައި ދިޔަ ސައިކަލުން ޖެހި ހިނގި އެކްސިޑެންޓްގައި ނަސީރުގެ ބޯފަޅައިގެން ގޮސް އޭނާގެ ފައި ތަބި ކަށިން ވަނީ ބިނދިފައެވެ.

މިހާދިސާގައި ބާރު ސްޕީޑެއްގައި އައިސް ނަސީރުގެ ސައިކަލުގައި ޖެހުނު ޒުވާނާ ވަނީ ފިލާފައެވެ. އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ފުލުހުން ދަނީ ކުރަމުންނެވެ.