Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ކައުންސިލް ޒިއްމާދާރު ކުރާނެ ކޮމެޓީތަކެއް އުފައްދަނީ

އައްޑޫ ސިޓީ ކައުންސިލް އިދާރާއިން، ރައްޔިތުންނަށް ދޭ ހިދްމަތް ރަނގަޅުކޮށް، އިތުބާރު ހުރި ހިދްމަތެއް ދިނުމަށްޓަކައި ކައުންސިލް ޒިއްމާދާރު ކުރާނެ ކޮމެޓީތަކެއް އުފެއްދުމަށް ނިންމައިފިއެވެ.

އެގޮތުން 11 ކޮމެޓީއެއް އުފެއްދުމަށް ކައުންސިލުން ވަނީ ފާސް ކޮށްފައެވެ.

ކައުންސިލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކައުންސިލުން ނިންމާ އެކިއެކި ޕްރޮޖެކްޓްތައް ނިންމުމުގައި ކައުންސިލްގެ އެތެރޭގައި ކަންކަން ހިނގާ އުސޫލާއި، އެކި ޕްރިޖެކްޓްތަކުގެ ޓެންޑަރ ކުރިއަށް ގެންދާގޮތް މި ކޮމެޓީ ތަކުން ބަލާނެ ކަމަށެވެ.

އަދި ކައުންސިލްގެ އެކި އެކި ޑޮކިއުމެންޓް ތައްޔާރު ކުރުމާއި އެގްރިމެންޓް ފަދަ ތަކެތި ތައްޔާރު ކުރުމުގައި ކަންކަން ކުރިއަށްދާ ގޮތް ކޮމެޓީ ބެލޭނެ ގޮތަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އިދާރީ ކަންކަން ބެލުމަށް މެނޭޖްމަންޓް އޯވާސައިޓް ކޮމެޓީއަކާއި، ޕަބްލިކް ސާވިސް އެންހޭންސްމެންޓް ކޮމެޓީ އެއް އުފެއްދުމަށް ވަނީ ނިންމާފައެވެ.

އަދި ގެސްޓް ހައުސް ޕްރޮމޯޝަން ބޯޑަކާއި، ސްޕޯޓްސް ކައުންސިލަކާއި، ބަހާއި ތާރީހް ދިރާސާ ކުރާ ކޮމެޓީއެއް އުފެއްދުމަށް ވަނީ ނިންމާފައެވެ.

ތައުލީމީ ކަންކަމާއި ގުޅޭގޮތުން، ތައުލީމާއި ތަރުބިއްޔަތާއި، އިސްލާމީ ކަންކަން ކުރިއަރުވާ ކޮމެޓީއަކާއި، އިގްތިސާދީ ކޮމެޓީއެއްގެ އިތުރުން އިޖްތިމާއީ ޕްރޮގްރާމް ކޮމެޓީއަކާއި، ޕަބްލިކް ހެލްތު އެންޑް ސޭފްޓީ ކޮމެޓީއަކާއި، އަވަށު ކޮމެޓީއާއި އިވަލުއޭޝަން ކޮމެޓީއެއް އުފެއްދުމަށް ވަނީ ނިންމާފައެވެ.

އޮފިޝަލް ވިދާޅުވީ މިއިން ކޮމެޓީއެއްގައި މަދުވެގެން އެއް ކައުންސިލަރާއި، އެދާއިރާއަކުން ތަޖްރިބާ ލިބިފައިވާ ބޭފުޅުން ހިމެނުމަށް ނިންމާފައިވާކަމަށެވެ. އަދި މިއަދު އެބޮޑުތަކަށް ކުރިމަތި ލުމަށް އާއްމުކޮށް އިއްލާން ކުރުމަށް ނިންމާފައިވާ ކަމަށެވެ.