Last Updated: April 25, 22:42
Friday, April 26, 2024
ރިޕޯޓް

އައްޑޫ "ގަން" ހިންގުން (67)

(އެޕްރީލް 22، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)


ޗެއާޕާސަން ނަޝީދު މާލެ ވަޑައިގަތުން

އެމްޑީޕީގެ ހަރަކާތްތައް ހިންގެވުމަށްޓަކައި ކޮޅުބާއި އިނގިރޭސިލާތައް އަމިއްލަ އަށް އަރުވާލެވިގެން ތިއްބެވި ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ ތެރެއިން އެމްޑީޕީގެ ޗެއާޕާސަން ގ. ކެނެރީގޭ މުހައްމަދު ނަޝީދު (އަަންނި) މާލެ ވަޑައިގެންނެވީ 2005 ގެ މޭ މަސް ފެށިގެން އައި އިރުު އެވެ.

އެ ބޭފުޅުންނަށް މަރުހަބާާ ދެންނެވުމަށް ވަރަށް ގިނަ މީހުން އެއްވި އެވެ. ވުމާ އެކު އެ ހިސާބު ބެލެހެއްޓުމަށް ފުލުހުން ނިކުންނަން ޖެހުނެވެ. ވަރަށް ބޮޑަށް އަޑު އަރުވާފައި އޮތީ މާލެ ފައިބާވަޑައިގެންނެވުމާ އެކު، ވަގުތުން ފުލުހުންގެ ބެލުމުގެ ދަށަސް އެ ބޭފުޅުން ގެންދަވާނެ ކަމަށެވެ.
ނަމަވެސް މަރުހަބާ ދެންނެވުމަށް ދިޔަ މީސްތަކުންނާ އެކު މާލެ ވަޑައިގެން ރަށުތެރޭގައި ހިންގައި އެމްޑީޕީ އަށް މެމްބްރުން ވެއްދުމަށް ފޯމް ފުރުމުގެ މަސައްކަތް ފެއްޓެވި އެވެ.

ނަޝީދު ގައުމުން ބޭރަށް ފުރާވަޑައިގެންނެވީ 2003 ގެ ސެޕްޓެމްބަރު މަހު ތެރޭގަ އެވެ. މާފުށީ ޖަލުގައި ހިނގި ގަތުލުއާންމާ ގުޅިގެން މާލެ ތެރޭގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުން ދަނިކޮށެވެ.
އޭގެ ފަހުން ވޭތުވެ ދިޔަ ދެ އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި އެމްޑީޕީގެ ނަމުގައި އެ ބޭފުޅުން ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމަށް ފެއްޓެވި މަސައްކަތަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ.

މުހައްމަދު ނަޝީދަކީ ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމަށް ފިސާރި ކެރިގެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ޖަލުގެ އެންމެ އަނިޔާވެރި ދުވަސްވަރު، ސަރުކާރަށް ފާޑު ކިޔާ މީހުންނަށް ޖަލުގައި ތަހައްމަލް ކުރަން ޖެއްސި ލާއިންސާނީ ހުރިހާ އަދަބުތަކަކަށް އޭނާ ވަނީ ކެތްކޮށްފަ އެވެ. އެތަކެއް ފަހަރުމަތިންނެވެ.
ނަވާރަ ސަތޭކަ ނުވަދިހަ ވަނަ އަހަރު އޭނާ ވަރަށް އިސް ރޯލެއް ކުޅުއްވ "ސަންގް" ނޫސް ނިކުތް ދުވަސްވަރު ހައްޔަރު ކުރި ގޮތަށް 18 މަސް ދުވަހު ޖަލުގެ ކުޑަގޮޅީގައި ބައިންދާފައިވެ އެވެ.

މާލޭ ރައްޔިތުންގެ ވަރަށް ބޮޑު ތާއީދަކާ އެކު ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލޭ މެމްބަރުކަމުގެ މަގާމަށް ހޮވިވަޑައިގެންފަ އެވެ. އެ މަގާމުގައި އޭނާ ވަނީ ވަރަށް މުހިއްމު ބިލްތަކެއް މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.

ނަމަވެސް އަހަރެއްހާ ދުވަހުގެ ތެރޭގައި ޝަރުއީ ބަންދެއްގައި ހުންނަވަން ހުކުމް ކުރެއްވުމާ ގުޅިގެން މަޖިލީހުގެ މެމްބަރުކަމުން ވަކިވީ އެވެ. އެއީ ވެލާނާގެ އަށް ވެދެވަޑައިގެން ވައްކަން ކުރެއްވި ކަމަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެންނެވެ.
ނަމަވެސް އޭނާގެ މައްޗަށް ކުރެއްވި ހުކުމަކީ އިންސާފުން އެއްކިބާވެފައިވާ ބާތިލް ހުކުމެއް ކަމަށް ސްޕްރީމް ކޯޓުން ވަނީ ހުކުމް ކުރައްވައިފަ އެވެ. ހުކުމް ތަންފީޒު ވެސް ކޮށްފައި ވަނިކޮށެވެ. އޭގެ އެތަކެއް އަހަރެއް ފަހުންނެވެ. (ނުނިމޭ)

ނޯޓް: މިއީ ފޭދޫ އަލީ ފަހުމީ އަހުމަދު ސެޕްޓެމްބަރު 25، 2013 ގައި ނެރުއްވި "އައްޑޫ ގަން ހިންގުން" މި ފޮތެވެ.

"އައްޑޫ ލައިވް" ގައި މި ފޮތް ސިލްސިލާއެއްގެ ގޮތުގައި ޝާއިއު ކުރަން ހަދިޔާ ކުރެއްވި ކަމަށްޓަކައި، މި ނޫހުގެ ފަރާތުން ފަހުމީ އަށް ހާއްސަ ޝުކުރެއް އަރިސް ކުރަމެވެ.