Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް

ނާޒިމް ޖަލަށް ލުމުގެ ފަހަތުގައި ކޮން ސިއްރެއް؟ (1)

ދުވަސްކޮޅެއް ކުރިން ދިވެހި ދަޢުލަތުގެ އެންމެ ޒިންމާ ބޮޑު އެންމެ ބާރުގަދަ އެއް ވަޒީރުގެ މަޤާމުގައި ހުންނެވި ކާނަލް (ރޓޑ) މުހައްމަދު ނާޒިމް އެހެރީ "ހަނގުރާމަވެރި ހަތިޔާރު" އެތެރެކޮށް ގެންގުޅުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 11 އަހަރަށް ޖަލަށް ޙުކުމްކޮށްފައެވެ. ކާނަލް ނާޒިމް އަކީ ޕީޕީއެމް ސަރުކާރުގައި އެންމެ ހިންގުންތެރި ބޭފުޅާކަމަށް އެމަނިކުފާނަށް ތާއީދުކުރާ މީހުން ޤަބޫލްކުރާއިރު ޕީޕީއެމް ގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް އެކަން ޤަބޫލުކުރެއެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޔާމީން ވެރިކަމަށް ގެނައުމަށް ނާޒިމް ވަރަށް ބޮޑެތި މަސައްކަތްތަކެއް ނާޒިމް ކުރައްވާފައި ވާއިރު ރައީސް ޔާމީންގެ ސަރުކާރުގައި 11 އަހަރުގެ ޖަލު ހުކުމަކާއި ކުރިމަތިލާން ޖެހުނީ ކީއްވެ ހެއްޔެވެ ؟

ނާޒިމްގެ ހިންގުންތެރިކަން ދިވެހި ރައްޔިތުންނަށް އެންމެ ބޮޑަށް ފެނިގެން ދިޔައީ މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގެ މައްސަލަ ޙައްލު ކުރެއްވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުންނެވެ. އޭރު ސަރުކާރަށް ކުރިމަތިވި ޕްރެޝަރުތަކަށް ބިރުން ކެބިނެޓުގައި ހިމެނޭ ބޮޑެތި ވަޒީރުން ފަހަތަށް ޖެހުނު ނަމަވެސް ނާޒިމް ވަނީ މީޑިޔާގެ ކުރިމައްޗަށް ނިކުންނަވާ އެމަނިކުފާނަކީ ކެރިވަޑައިގަންނަވާ ވަޒީރެއްކަން ސާބިތުކޮށް ދެއްވާފައެވެ.

ރައީސް ޔާމީން މަންޒަރުން ގެއްލިދާނެ ހެން ހީފުޅުވުން

ކާނަލް ނާޒިމްއަށް ޑިފެންސް މިނިސްޓަރ ކަމަށް ވަޑައިގެން އެތެރޭގެ ކަންކަން ވަރުގަދަ ކުރެއްވުމާއެކު ފުރުސަތުގެ ބޭނުން ހިއްޕަވާ އެބޭފުޅާ ފާހަގަ ކުރެވެނީ ބޭރާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ބޭފުޅެއްގެ ގޮތުގައެވެ. އިންޑިއާއާއި ޗައިނާއާއި، ލަންކާއަށް ކުރައްވާ އަވަސް ދަތުރުފުޅުތަކެއް ކުރެއްވި އިރުރާއްޖޭގެ ޚާރިޖީ ވުޒާރާގެ ބަލިކަށި ކަމުގެ ސަބަބުން އުފެދޭ ހުސް ޖާގަ ނާޒިމް ފުރުއްވަމުން ގެންދެވީ ވަރަށް ވިސްނުންތެރި ކަމާއެކުގައެވެ. މިހެން ގޮސް އެތައް ކަމެއްގައި ނާޒިމް އޭނާގެ ހިންގުންތެރިކަން ދައްކަމުން ދިޔަ ކޮންމެ ދުވަހަކީ ދިވެހި ރައްޔިތުންގެ ތެރޭގައި ނާޒިމްގެ މަޤްބޫލުކަން އިތުރުވަމުން ދިޔަ ދުވަހެކެވެ. ހަމަ އެއާއި އެކު ފަނޑުވަމުން ދިޔައީ އެކަންކަން ކުރުމުގެ ވަސީލަތްތަކާ ގާނޫނީ ބާރު ނާޒިމަށް ހަދިޔާ ކުރެއްވި ރައީސް ޔާމީންގެ މަޤުބޫލުކަމެވެ.
10945049_688620511255499_8289499106538959682_n
ދިވެހިރާއްޖޭގައި އެންމެ ބޮޑަށް ބޮއްސުންލާފައިވާ ސިއްޙީ ދާއިރާގެ މިނިސްޓަރުކަން ހުސްވި ދަނޑިވަޅުގައި އެތަން ހަވާލުވެ ވަޑައިގެން ބަލިކަށިވެފައިވާ ހެލްތް ސެކްޓަރ ބަލަހައްޓެވުން ރައީސް ޔާމީން ހަވާލު ކުރެއްވީ ނާޒިމްއާއެވެ. އެކަމުން ވެސް ރައީސް ޔާމީނަށް ފެނިވަޑައިގަތީ ނާޒިމްގެ މަޤުބޫލުކަން އަނެއްކާ ވެސް އިތުރުވެގެން ދިޔަ ކަމަކަށެވެ.

އެހެން ކަމުން ގެއްލެމުން ދިޔަ ރައީސް ޔާމީންގެ މަޤުބޫލުކަން ދެމެހެއްޓުމަށް ނާޒިމް ޖަލަށް ލެއްވީ ކަމަށް ވެސް ބުނުމުގެ ފުރުސަތު އެބައޮތެވެ.

(ނުނިމޭ)