Last Updated: April 26, 06:56
Friday, April 26, 2024
ސިޔާސީ

"ރައްޔިތުންނަށް ގޯނާ ކުރުމަކީ ކަންބޮޑުވާ ކަމެއް"

މި ސަރުކާރުން އައްޑޫގެ ރައްޔިތުންނަށް ގޯނާ ކުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ކަރަންޓްގެ މައްސަލާގައި އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި އައްޑޫ ސިޓީ ކައުންސިލުން ގުޅިގެން އިއްޔެ މާލޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާރު ވިދާޅުވީ އައްޑުއަކީ މާލެ ފިޔަވައި ދެވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮންނަ ސިޓީ ކަމަށެވެ. އަދި އެ އެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ގޯނާ ކުރުމަކީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ޖެއްސުން ކުރުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް އައްޑޫ ސިޓީގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން ދަނީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގެނެސްފައި ހުރި ޖަނެރޭޓަރުތަކުން ކަމަށާއި އައްޑު އަށް ދިމާވެފައި އޮތް ކަރަންޓްގެ މައްސަލައަށް ހައްލެއް ގެނައުމަށް އެތައް ދުވަހެއްވީ ފަހުން މިސަރުކާރު 800 ކިލޯ ވޯޓުގެ ޖަނެރޭޓަރެއް ގެންގޮސް އިންސްޓޯލް ކުރި ވާހަކަ އަޑު އިވުނު ކަމަށް ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ އަސާސީ ޚިދުމަތެއް ކަމަށްވާ ކަރަންޓްގެ މައްސަލާގައި މިފަދަ އިތުރު ތަކުލީފުތަކެއް އައްޑޫގެ ރައްޔިތުންނަށް ޖައްސަމުންދާތީ އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރާ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ މި ސަރުކާރު އައި ފަހުން އައްޑޫގެ އިގްތިޞާދު ތަރައްޤީކޮށް ކުރިއެރުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އަދި ތަރައްޤީއަށް އެއްވެސް އިންވެސްޓްމަންޓެއް ފަށާފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ވިޔަފާރިތައް ފުޅާ ކުރުމަށް އެއްވެސް ކަމެއް މި ސަރުކާރު އައި ފަހުން އައްޑޫގެ ވިޔަފާރިވެރިންނަށް ކޮށްދީފައި ނުވާއިރު މިފަދަ ގޮތަކަށް ކަރަންޓްގެ އަގު ބޮޑު ކުރުމަކީ ވިޔަފާރިވެރިންނާއި އައްޑޫގެ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ނިޒާރު ވިދާޅުވިއެވެ.

އަދި ޓުއަރިޒމްގެ ދާއިރާއިން އައްޑޫ ސިޓީގައި 5،000 އެނދު ތަރައްޤީ ކުރާނެ ކަމަށް މި ސަރުކާރުން ވައުދުވެފައިވީ ނަމަވެސް މިފަދަ އެއްވެސް މަޝްރޫއުއެއް ފައްޓާފައި ނުވާކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އައްޑޫގައި ގެސްޓް ހައުސްގެ ވިޔަފާރި ފުޅާ ކުރުމުގެ ފުރުޞަތު އޮތް އިރު މި ސަރުކާރުގެ އެއްވެސް ޕްލޭނެއް ނެތް ކަމަށް ނިޒާރު ވިދާޅުވިއެވެ.