Last Updated: April 26, 20:10
Friday, April 26, 2024
ރިޕޯޓް

އައްޑޫ ފެނަކަ އޮފީހުގައި 28 ސިޔާސީ މީހުން! މުސާރައަށް 8 މިލިއަން ރުފިޔާ!

އައްޑޫ ރައްޔިތުން ފެނަކަ ކޯޕަރޭޝަނާ ދެކޮޅަށް މުޒާހަރާކުރަނީ.

އައްޑޫގެ ވިޔަފާރިތަކުން ކަރަންޓްގެ އަގު ބޮޑު ކުރުމާއި ގުޅިގެން ރައްޔިތުން އިތުރަށް ހޭލަން މަޖްބޫރުވެއްޖެއެވެ.

އައްޑޫ ރައްޔިތުންނަށް ސަރުކާރުން ސަބްސިޑީ ނުދޭކަން މިއަދު މިވަނީ ފަޅާއަރާފައެވެ. ނަމަވެސް މިއޮތް ހުރިހާ ދުވަހަކު ރައްޔިތުން ހީކޮށްގެން ތިބީ ސަރުކާރުން ދެމުން ދިޔަ ސަބްސިޑީ އައްޑޫ ރައްޔިތުންނަށް ލިބެމުން ދިޔަ ކަމަށެވެ.

ޖަޕާން ސަރުކާރުން އައްޑޫ ރައްޔިތުންނަށް ހަދިޔާ ކުރި އިންޖީނުގެ، ސަރުކާރުން ފެނަކަ ކިޔާ ކުންފުންޏަކާއި ހަވާލުކޮށްފައިވާ އިރު މިއަދު އެތަން ހިންގަނީ ސިޔާސީ މަންފާ ހޯދުމަށެވެ.

ޑިރެކްޓަރުންނާއި، މެނޭޖަރުން އަދި އިއްލާން ކުރުމެއް ނެތި 28 އަށް ވުރެ ގިނަ ވަޒީފާ އުފައްދާ، އެވަޒީފާތަކަށް ވެރިކަން ކުރަމުން އަންނަ ޕީޕީއެމްގެ އެކްޓިވިސްޓުންނާއި، ޕާޓީއަށް މަސައްކަތްކޮށްދިން ފަރާތްތައް ވަނީ އައްޔަންކޮށްފައެވެ.

ފެނަކަ ކޯޕަރޭޝަންގެ އައްޑޫ އޮފީހުގައި 8 ޑިރެކްޓަރުން ތިބި އިރު 15 މެނޭޖަރުން ވެސް ތިބެއެވެ. އަދި އާދައިގެން މަގާމުތަކުގައި 5 އާއި 10 އާއި ދެމެދުގެ މުވައްޒަފުން އައްޔަންކޮށްފައި ތިބެއެވެ.

ވިޔަފާރި ތަކުގެ ކަރަންޓް ބިލް އެންގުމަކާއި ނުލައި މިދިޔަ މާޗް މަހު ބޮޑުކޮށްފައިވާ އިރު، މި ދެންނެވި ސިޔާސީ މަގާމުތަކަށް އަހަރަކަށް 8 މިލިއަން ރުފިޔާ ހަރަދު ހިނގައެވެ.
CCTbBjRUAAA5tLn.jpg-large

އައްޑޫގެ ވިޔަފާރިތަކުން ކަރަންޓްގެ އަގު ބޮޑު ކުރުމާއި ގުޅިގެން، ވިޔަފާރިވެރިން، ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނާއި ބައްދަލު ކުރުމުން ޖަވާބު ދާރީ ވެވޭނެ ފެންވަރު ހުރި ފަރާތަކާއި ދިމާ ނުވާކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައްޑޫ އިންޖީނުގެއަށް ލިބޭ އާމްދަނީ އެހުމުން ރީޖަނަލް ޑައިރެކްޓަރ އަބްދުﷲ ޒުހައިރު (އަބްހަރީ) ވިދާޅުވީ އާމްދަނީ ލިބޭ މިންވަރު ނޭގޭ ކަމަށާއި ނަމަވެސް 27 ހާސް ލީޓަރު ތެޔޮ ދުވާލަކަށް އަނދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 8000 އެއްހާ ގޭބިސީތަކަށް ކަރަންޓްގެ ހިދްމަތް ފެނަކަ ކޯޕަރޭޝަނުން މިހާރުވެސް ފޯރުކޮށްދެމުން ދަނީ ފުދޭ ވަރެއްގެ ފައިދާ އާއި އެކުއެވެ.

އައްޑޫ ވިޔަފާރިވެރިން ބުނަމުން ދަނީ ފެނަކަ ކޯޕަރޭޝަންއަށް އިންޖީނުތައް އަގު ބޮޑު ނުކޮށް ނުހިންގޭ ނަމަ ދޫކޮށް ދިއުމަށެވެ.

އައްޑޫގެ ވިޔަފާރިވެރިން ގުޅިގެން، ކަރަންޓްގެ އަގު ކުޑަކުރުމަށް ފެނަކަ ކޯޕަރޭޝަނަށް ގޮވާލަމުންދާ އިރު، އައްޑޫއަށް ކަރަންޓްގެ ހިދްމަތް ފޯރުކޮށްދިނުމަށް އިތުރު ފަރާތްތަކަށް ހުޅުވާލުމަށް ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރައްޔިތުން "ފެލާލައިގެން" ނަގާ ފައިސާއިން ފެނަކަ ކޯޕަރޭޝަންއިން ސިޔާސީ މަގާމުތައް އުފައްދައިގެން އެމީހުންނަށް ބޮޑު މުސާރަ ދެމުންދާއިރު އެމީހުން އަދިވެސް ތިބީ ފިލާފައެވެ. ރައްޔިތުންނާއި ކުރިމަތިލައި، މިކަމަށް ހައްލެއް ދޭކަށް ބޭނުމެއް ނޫނެވެ.