Last Updated: April 26, 10:28
Friday, April 26, 2024
ޚަބަރު

މަރަަދޫ ފުޓްސަލް ދަނޑު ހުޅުވައިފި

އައްޑޫސިޓީގެ މަރަދޫ ފުޓްސަލް ދަނޑު ރޭ ހުޅުވައިފި އެވެ.

މަރަދޫ ފުޓްސަލް ދަނޑު ހުޅުވައި ދެއްވީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މުހައްމަދު މަލީހް ޖަމަލެވެ.

މަރަދޫގެ ގިނަ ރައްޔިތުންތަކެއް ބައިވެރިވި މި ރަސްމިއްޔާތުގައި އެ އަވަށުގެ ކައުންސިލަރ އަދި އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތޮއްޔިބް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތައްޔިބު ވިދާޅުވީ މަރަދޫ ފުޓްސަލް ދަނޑަކީ، މި ރަށުގެ ޒުވާނުންނަށް ވަރަށް ބޭނުންތެރި ވަސީލަތަކަށް ވާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށާއި އަދި އެ ތަނުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ޒުވާނުން ހިފާނެ ކަމުގެ އުންމީދު ވެސް އޮތް ކަމަށެވެ.

"ދުނިޔެ ތަހުޒީބުވަމުންދާއިރު، ޒުވާނުންނަށް މިފަދަ ތަރައްގީ ބޭނުންވާނެ. ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ކައުންސިލުން ވެސް ދަނީ މަސައްކަތްތަކެއް ކުރަމުން،" މަރަދޫ ޕާކް ސަރަހައްދުގައި އަޅާފައިވާ ފުޓްސަލް ދަނޑާ ބެހޭ ގޮތުން ތޮއްޔިބް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ބޭނުން ވަނީ ތަރައްގީ އާއި ތަހުޒީބު. އައްޑޫ ސިޓީ ކައުންސިލުން ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް އެއްބާރުލުން ދޭނަން."

މަރަދޫ ފުޓްސަލް ދަނޑަކީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)އާ ހަވާލުކޮށްގެން އައްޑޫގައި އެޅި ހަތަރު ފުޓްސަލް ދަނޑުގެ ތެރެއިން ތިން ވަނަ އަށް ހުޅުވި ތަނެވެ.

ހިތަދޫގައި އަޅާފައިވާ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެއެވެ.