Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ވައިބާ އިންޓަސެޕްޓްކުރުމަށް ބޭރުގެ އެހީ ހޯދަނީ

މީހަކު ފޯނުން ވައިބާ ބޭނުންކުރަނީ.

ހިލޭ ވޮއިސް ކޯލާއި، ޓެކްސްޓް މެސެޖް އަދި ފޮޓޯ އާއި އޯޑިއޯ، ވީޑިއޯ ހިއްސާކުރެވޭ މަޝްހޫރު ވައިބާ އެޕްލިކޭޝަނަކީ ސިއްރުވެރި ގޮތެއްގައި އަދި ސަލާމަތީ ބާރުތަކުގެ ރާޑަރުން ނެއްޓި މުވާސަލާތު ކުރުމަށް ދިވެހިންގެ މެދުގައި އެންމެ މަޤުބޫލު އެއްވަސީލަތެވެ.

ނަމަވެސް ވައިބާ އަށް ވަފާތެރި ދިވެހިންނަށް ދެންއޮތީ އެހާ އުފާވެރި ޚަބަރެއް ނޫނެވެ. 'އައްޑޫލައިވް' އަށް ވަރަށް އިތުބާރުހުރި ގޮތެއްގައި މައުލޫމާތު ލިބިފައިވާ ގޮތުގައި ވައިބާ މެދުވެރިކޮށް ކުރާ ފޯން ކޯލްތަކާއި ޓެކްސްޓް މެސެޖްތައް އިންޓަސެޕްޓު ކުރުމަށް ބޭރުގެ ތަޖުރިބާކާރުންތަކެއްގެ އެހީ ދިވެހި ފުލުހުން މިހާރު ދަނީ ހޯދަމުންނެވެ.

މިގޮތުން އިރުމަތީ އޭޝިއާގެ ޤައުމެއްގެ އައިޓީ އެކްސްޕާޓުންތަކެއް މިކަމުގައި ދިވެހި ފުލުހުންނާއި އެކު ރާއްޖޭގައި މަސައްކަތް ކުރަމުންދާތާ މިހާރު ދުވަސްތަކެއް ވެފައިވާ ކަން ވަނީ އެނގިފައެވެ. އެހެންނަމަވެސް މިކަމުގައި އަދި ކުރިއެރުންތަކެއް ލިބިފައިނުވާ ކަމަށް ވެއެވެ.

ފޯނުން ކުރާ ޓެކްސްޓް މެސެޖުތަކާއި ފޯނުން ދައްކާ ވާހަކަތަކާއި ފޭސްބުކް ޗެޓް ލޮގްތައް ލީކުވުން ގިނަވުމާ އެކު އެންމެން ވައިބާ ބޭނުންކުރަން ފެށީ ސިއްރުން އުޅޭނަމޭ ހިތާ އެވެ. ނަމަވެސް މިހާރު ވައިބާގެ މުޢާމަލާތުތަކަށް ވެސް ފާރަވެރިވުމުގެ ޤާބިލުކަން ހޯދުމަށް ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.