Last Updated: April 26, 20:24
Friday, April 26, 2024
ކޮލަމް

ރާއްޖޭގައި ރިއަލިޓީ ޝޯއެއް ކުރިއަށް ދާކަން އެނގޭތަ؟

ރިއަލިޓީ ޝޯތައް ބެލުމަށް ގިނަ ދިވެހި އަންހެން ކުދިން ދެވިހިފާފައި ވެއޭ ބުނުމަކީ އެއްގޮތަކަށް ވެސް ގޯހަކަށް ނުވާނެއެވެ.

އަދި ރާއްޖޭގައި ރިއަލިޓީ ޝޯއެއް ކުރިއަށް ގެންދަން ނިންމައިފި ނަމަ އެކަމާ އެންމެ އުފާކުރާނެ އެއް ބަޔަކަށް ޒުވާން އަންހެން ކުދިން ވާނެ ކަން ކަށަވަރެވެ. ކޮންމެހެން އެ ޝޯގައި ބައިވެރިވުމުގެ ބޭނުމުގައެއް ނޫނެވެ. ހަމައެކަނި އެ ޝޯތައް ބަލައިގެން ހިތްހަމަ ޖައްސާލުމަށެވެ.

ދިވެހިރާއްޖޭގައި ރިއަލިޓީ ޝޯއެއް ކުރިއަށް ގެންދަން ފެށިކަން ރަސްމީކޮށް އިއުލާންކޮށްފައި ނުވި ނަމަވެސް އެކަން މީހާރު ވަނީ ގާތްގަނޑަކަށް ފަށައިފައެވެ. ވަރަށް އާދަޔާ ޚިލާފު ގޮތަކަށް ކުރިއަށް ގެންދާ މި ޝޯ އަށް ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ލިބޭނެ ކަން މިހާރުވެސް ވަނީ ކަށަވަރުވެފައެވެ.

އެހެން ރިއަލިޓީ ޝޯތަކާއި ޚިލާފަށް ރާއްޖޭގައި ކުރިއަށް ގެންދާ ރިއަލިޓީ ޝޯގެ މަންޒަރުތައް ޓީވީ އަކުން ނުބެލޭނެއެވެ. އެ ޝޯގެ ޚަބަރުތައް އެނގެން އަންނަނީ ހަމައެކަނީ ނޫސްތަކުންނާއި ސޯޝަލް މީޑިޔާ މެދުވެރިކޮށެވެ. ޓީވީ ތަކުން އެ ޝޯގެ ޚަބަރުތައް ގެނެސް ދެމުންދާއިރު އެކަން ވެސް ކުރިއަށް ގެންދާނީ ބެލުންތެރިންނަށް ޝޯގައި އަސްލު ހިނގާ ކަންތައް އޮޅޭ ފަދަ ގޮތެއްގައެވެ. މި ޝޯގައި އަސްލު ހިނގާ ކަންތައް ދެނެގަތުމަކީ ޝޯ ބައްލަވާ ބޭފުޅުން އަމިއްލަ އަށް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެކެވެ.ޗބައެއް ފަހަރު ޝޯގެ މަންޒަރު ބަލާލަން މަގުމައްޗަށް ނިކުންނަން ވެސް ޖެހިދާނެއެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ މި ރިއަލިޓީ ޝޯ އަށް ހިނގާނެ ޚަރަދު ބޮޑުކަމުން ޝޯގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ ސަރުކާރުން ކަމަށް ވަނީ ހަމަޖެހިފައެވެ. މި ރިއަލިޓީ ޝޯ އަކީ ދުނިޔޭގެ ތާރީޚްގައި އެންމެ ގިނަ ބަޔަކު ބައިވެރިކޮށްގެން ކުރިއަށް ގެންދާ ރިއަލިޓީ ޝޯ ކަމަށް ވުމަކީ ހުރިހާ ދިވެހިން ވެސް ފަޚުރުވެރިވާން ޖެހޭނެ ކަމެކެވެ. ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ އިތުރުން ބޭރުގެ ބައެއް ޤައުމުތަކުގެ ވެރިންނާއި މަޝްހޫރު ވަކީލުން ވެސް މި ޝޯގައި ބައިވެރިވާނެއެވެ.

އަދި ހަމަ އެހެންމެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ އެންމެ އަރިސް ވަޒީރު ކަމުގައި ވާ ޓޫރިޒަމް މިނިސްޓަރ އަހްމަދް އަދީބު އާއި ހޯމް މިނިސްޓަރ އުމަރު ނަސީރު މި ޝޯގައި ބައިވެރިވަމުން ދާ ކަމީ މި ރިއަލިޓީ ޝޯ ކާމިޔާބު ވެގެން ދިއުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދާނެއެވެ.

މި ޝޯގައި ދެން ބައިވެރިވަނީ ކުރީގެ ރައީސް ނަޝީދު، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް އަދި ކުރީގެ މަޖިލިސް މެންބަރެއް ކަމުގައިވާ މުޙައްމަދު ނާޒިމް ގެ އިިތުރުން ތަލްހަތް އިބްރާހިމްކިލެގެފާނު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު މަހުޖަނު ކަމުގައި ވާ ޤާސިމް އިބްރާހިމް ވަރަށް ނިކަމެތި ރައްޔިތެއްގެ ގޮތުގައި މި ޝޯގައި ފެނިގެންދާއިރު މަޝްހޫރު ވިޔަފާރިވެރިޔާ އުއްޗު ވެސް މި ޝޯގައި މުހިއްމު ރޯލެއް ކުޅުއްވަން ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި ރިއަލިޓީ ޝޯގައި ޙާއްސަ ބައިވެރިންގެ ގޮތުގައި ނަޒާހަތްތެރިކަމަށް މަޝްހޫރު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ވެސް ދަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

މި ރިއަލިޓީ ޝޯ ހުއްޓުވުމަށް ބައެއް ފަރާތްތަކުން މެއި މަހުގެ 1 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމާފައިވާއިރު ސަރުކާރުންނާއި ފުލުހުން ވަނީ އެކަން ކުރާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

މި ޝޯގެ ނަން ތޯއެވެ. މި ރިއަލިޓީ ޝޯގެ ނަމަކީ 'ޕެންޑްރައިވް ބްރަދާސް' އެވެ.