Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

"އައްޑޫ އެއްވެސް ވިޔަފާރިވެރިއަކު މާޗް މަހު ކަރަންޓު ބިލް ނުދައްކާ"

އައްޑޫ ސިޓީގެ %75 ވިޔަފާރިވެރިން މާޗް މަހުގެ ކަރަންޓު ބިލް ދައްކާފައިވާ ކަމަށް ބުނެ ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ދައްކަނީ ހުސް ދޮގޮ ވާހަކަ ތަކެއް ކަމަށް އައްޑޫގެ ވިޔަފާރިވެރިން ބުނެފިއެވެ.

އައްޑޫ ވިޔަފާރިވެރިންގެ ފަރާތުން އެކުލަވާލާފައިވާ ސްޓިއަރިން ކޮމެޓީގެ އިސްބޭފުޅަކު ވިދާޅުވި ގޮތުގައި އައްޑޫ ސިޓީގެ އެއްވެސް ވިޔަފާރިވެރިއަކު މާރޗް މަހުގެ ކަރަންޓު ބިލް ދައްކާފައި ނުވާނެ ކަމަށެވެ.

"އެއީ ހަމަ ކަނޑައެޅިގެން ދޮގެއް. އައްޑޫ ސިޓީގެ %100 ޕަސެންޓް ވިޔަފާރިވެރިން މާރޗް މަހުގެ ކަރަންޓް ބިލެއް ނުދައްކާ " އޭނާ ވިދާޅުވިއެވެ.

"23 އޭޕްރީލް ވީ ބުރާސްފަތި ދުވަހު ޓީވީއެމްގެ 'ރާއްޖެމިއަދު' ޕްރޮގްރާމްގައި ފެނަކަ ކުންފުނީގެ މެނޭޖަރ ނަޖާހު ވަނީ ވިޔަފާރިވެރިން އޮޅުވާލުމަށް ވަރަށް ބޮޑަށް ދޮގުހަދާފައެވެ. ގިނަ ވިޔަފާރިވެރިންގެ ކަންބޮޑުވުމެއް ނެތް ކަމަށާއި، %25 ފިޔަވައި އެހެނިހެން ވިޔަފާރިވެރިން މާޗް މަހުގެ ކަރަންޓު ބިލް ދައްކާފައި ކަމަށް ބުނެ ނަޖާހު ވަނީ އޮޅުވާލާފައި "، ކަރަންޓުގެ މައްސަލަ އާއި ބެހޭގޮތުން ވިޔަފާރިވެރިންގެ ފަރާތުން ނެރެފައިވާ ނޫސްބަޔާނެއްގައި ވެއެވެ.

އައްޑޫ ސިޓީގެ ވިޔަފާރިވެރިން ބުނާގޮތުގައި ފެނަކަ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން ދަނީ އައްޑޫގެ ވިޔަފާރިވެރިން މާޔޫސްކޮށްލުމަށް ކަމަށާއި އެހެންނަމަވެސް ހުރިހާ ވިޔަފާރިވެރިންވެސް ތިބީ އެއްބައިވަންތަކަމާއި އެކު އެކައްޗެއް ކިޔައިގެން ކަރަންޓުގެ މައްސަލަ ހައްލު ވަންދެން އިޙްތިޖާޖް ކުރާ ގޮތަށެވެ.