Last Updated: April 27, 06:22
Saturday, April 27, 2024
ވިޔަފާރި

މުދަލުގެ އަގު ބޮޑު ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ވިޔަފާރިވެރިން ދީފި

ފެނަކަ ކޯޕަރޭޝަނުން ވިޔަފާރިތަކުގެ ކަރަންޓަށް "ހެޔޮ ބަދަލެއް ގެންނަންދެން" މުދަލުގެ އަގު ބޮޑު ކުރަން ޖެހިދާނެ ކަމުގެ އިންޒާރު އައްޑޫގެ ވިޔަފާރިވެރިން ދީފިއެވެ.

އެގޮތުން ކަސްޓަމަރުންގެ ސަމާލު ކަމަށް އެކަން ގެނެސް ވިޔަފާވެރިން ބުނީ ފިނިކުރި ކާބޯތަކެތިން 30 ޕަސެންޓް އަދި އެހެނިހެން މުދަލުން 50 ޕަސެންޓް އަގު ބޮޑު ކުރަން ޖެހިދާނެ ކަމަށެވެ.

މިދިޔަ މަހުން ފެށިގެން ވިޔަފާރިތަކުގެ ކަރަންޓްގެ އަގަށް ގެނައި ބަދަލާ ގުޅިގެން އައްޑޫގެ ވިޔަފާވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންދާއިރު އަދި އެ މައްސަލާގައި ފެނަކަ އަށް ފޮނުވި ސިޓީތަކަށް ޖަވާބެއް ނުދޭތީ ވިޔަފާވެރިން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ.

ކަރަންޓް މައްސަލާގައި އައްޑޫގެ ވިޔަފާވެރިން އުފެއްދި ސްޓިއަރިން ކޮމިޓީގެ ބޭފުޅަކު މިއަދު ވިދާޅުވީ އައްޑޫގެ 300 އަށް ވުރެ ގިނަ ވިޔަފާވެރިން ފެނަކަ އަށް ސިޓީ ފޮނުވާފައިވާ އިރު އެއިން އެއްވެސް ސިޓީއަކަށް މިހާތަނަށް ޖަވާބެެއް ލިބިފައި ނުވާ ކަމަށެވެ.

ސިޓީތަކަށް ޖަވާބެއް ނުލިބޭތީ، ވިޔަފާވެރިން މިހާތަނަށް އައްޑޫގައި ހުންނަވާ ފެނަކަގެ ރީޖަނަލް ޑިރެކްޓަރު އަބްދުﷲ ޒުހައިރު (އަބްހަރީ) އާ ވެސް ތިން ފަހަރެއްގެ މަތިން ބައްދަލުކޮށްފައި ވާއިރު އެބޭފުޅާގެ ފަރާތުން ވެސް އެއްބާރުލުން ނުލިބޭކަމަށް ވިޔަފާރިވެރިން ބުނެއެވެ.

" ޒުހެއިރު ބުނީ ކަލޭމެން ދިން ވަޒީފާއެއް ނޫނޭ. މާލެ އޮފީހުން ޖަވާބެއް ދިނީމަ ވާގޮތެއް އަންގާނަމޭ. " ވިޔަފާރިވެރިއަކު ބުންޏެވެ.

އައްޑޫގެ ވިޔަފާވެރިން ބުނީ މާޗް މަހުގެ ކުރިން ވިޔަފާރިތަކުގެ ކަރަންޓަށް ބިލް ކުރަމުން ދިޔަ ގޮތަށް ފެނަކަ އިން ބިލް ނުކުރާ ނަމަ، ފެނަކަ އާ ދެކޮޅަށް ކުރަން ޖެހޭ މަސައްކަތްތައް ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށާއި އަދި އައްޑޫގެ އެއްވެސް ވިޔަފާވެރިއަކު އެ ބިލަށް ފައިސާ ނުދައްކާނެ ކަމަށެވެ.

ވިޔަފާވެރިންގެ ތެރެއިން 75 ޕަސެންޓް ވިޔަފާވެރިން މިހާރު ކަރަންޓް ބިލަށް ފައިސާ ދައްކާފައިވާ ކަމަށް ފެނަކަ އިން ބުނެފައިވާތީ އައްޑޫގެ ވިޔަފާވެރިން ބުނާގޮތުގައި އެއީ ހަޤީޤަތާއި ޚިލާފް ދޮގު ވާހަކަތަކެއް ކަމަށެވެ.