Last Updated: April 26, 06:56
Friday, April 26, 2024
ރިޕޯޓް

ތިންލައްކަ ފަންސާސް ހާސް ރައްޔިތުންނަށް އެންމެ "އެމްއާރުއައި" މެޝިނެއް

އޭޑީކޭ ހޮސްޕިތަޅުގައި މީހަކު އެމްއާރުއައި ހައްދަނީ

ރާއްޖޭގައި ހުރި އެމްއާރުއައި ހެދޭ ހަމައެކަނި ހޮސްޕިޓަލް ކަމުގައިވާ، އޭޑީކޭ ހޮސްޕިޓަލުގައި 1998 އިން ފެށިގެން އެމްއާރުއައި ސްކޭންނެއް ހެއްދެނީ ކުރިއާއިލައި ނަންނޯޓުކުރުމަށް ފަހު ކިއު ތަރުތީބުންނެވެ.

އޭޑީކޭ ހޮސްޕިޓަލުގައި މީހަކު އެމްއާރުއައި ހައްދަނީ
އޭޑީކޭ ހޮސްޕިޓަލުގައި މީހަކު އެމްއާރުއައި ހައްދަނީ: ފޮޓޯ – އޭޑީކޭ

އޭޑީކޭ ހޮސްޕިޓަލުގައި މީހަކު އެމްއާރުއައި ހައްދަނީ: ފޮޓޯ – އޭޑީކޭ

އައިޖީމް ހޮސްޕިޓަލުން ވެސް ކުއްލި ޙާލަތުގައި އެމްއާރުއައި ހެއްދުމަށްޓަކައި، އެތަނުގެ އެމްބިއުލަންސަށް ލައިގެން ބަލިމީހާ ގެންދަނީ އޭޑީކޭ ހޮސްޕިޓަލަށެވެ. މިސާލަކަށް އެކްސިޑެންޓެއްގައި ބުރަކަށް ގެއްލުން ލިބިގެންދާ ބަލިމީހެއްގެ ޙާލަތާއި މެދު ނިކަން ވިސްނާ ވަޑައިގެން ބައްލަވާށެވެ.

މިއޮތް ފަދަ ތަހުޒީބު އަދި ޓެކްނޮލޮޖީ ކުރިއަރާފައިވާ ޒަމާނެއްގައި ދިވެހީންނަށް ކިހާބޮޑު ތަކުލީފެއް ހެއްޔެވެ؟ ކިހާބޮޑު ދުއްތުރާ އެއް ހެއްޔެވެ.

ފާއިތުވެ ޒަމާންތަކުގައި، އެމްއާރުއައި ހައްދާ މެޝިންތަކުގެ އަގުތައް ވެސް ވަނީ ބޮޑުތަން ވަނީ ތިރިވެފައެވެ.

އިނގިރޭސި ވިލާތުގެ ނޭޝަނަލް ހެލްތް ސާވިސް އިން ރިޕޯޓް ކުރާގޮތުގައި، މުޅި ހަށިގަނޑު ސްކޭންކުރެވޭ އެމްއާރުއައި މެޝިނެއްގެ އަގު ޢާއްމުގޮތެއްގައި އުޅެނީ 1 މިލިއަން ޑޮލަރާއި 1.5 މިލިއަން ޑޮލަރާއި ދޭތެރޭ އަގުތަކެއްގައެވެ. އަދި މެޝިން ބަހައްޓާ ކޮޓަރި ތައްޔާރުކުރުމަށް އިތުރު 200،000 އެއްހާ ޑޮލަރު ޚަރަދުވާނެއެވެ.

ރޭޑިއޮލޮޖިސްޓެއްގެ ފަރާތުން ބަހެއްހޯދާ އެމްއާރުއައި ހެއްދުމަށްޓަކައި، އަވަށްޓެރި އިންޑިއާގައި ޢާއްމުގޮތެއްގައި ނަގަނީ 50 – 60 ޑޮލަރާއި ދެމެދުގެ އަގެކެވެ.

ނަމަވެސް 1998 ފެށިގެން ދިވެހިރާއްޖޭގައި އެމްއާރއައި ހެދޭ ހަމައެކަނި ހޮސްޕިޓަލުގައި، ސްކޭނެއްގެ އަގު އުޅެނީ 2805 ރުފިޔާގައެވެ. އެއީ ގާތްގަނޑަކަށް 182 ޑޮލަރެވެ. އެންމެ ބޮޑަށް ތަރައްޤީ ވެފައިވާ ފްރާންސް އާއި ޖަޕާނުގައި ވެސް އަގު ހުރީ މިވަރުގައެވެ. އެކަމަކު އެމީހުންގެ ޚިދުމަތުގެ ފެންވަރު އެތައް ގުނައެއް މައްޗެވެ. ނާރުގެ ޚާއްސަ އަދި ނާރުގެ ސާރޖަރީ ހަދާ ޑޮކްޓަރުންގެ އަދުދު ވެސް އެހާ ގިނައެވެ.

އޭޑީކޭ ހޮސްޕިޓަލުން އެވްރެޖްކޮށް ދުވާލަކު 17 ބަލިމީކު އެމްއާރުއައި ހަދާނަމަ، އެއް އަހަރު ތެރޭ އިންވެސްޓްމެންޓް ކަވަރުކުރެވި، 16 މިލިއަނަށް ވުރެ ގިނަ ޑޮލަރު އޭޑީކޭ ހޮސްޕިޓަލަށް މިހާތަނަށް ލިބިފައި ހުންނާނެއެވެ.

އަދި ސަރުކާރުން ދޭ އާސަންދަ ސްކީމްގެ ދަށުން ހެދޭ އެމްއާރުއައި ތަކަށް ހޭދަ ކުރާ މިންވަރުން ވެސް، ދެއަހަރުތެރޭ އާ މެޝިނެއް ގަނެވިދާނެކަން ވެސް މީގެއިން ދޭހަ ވެއެވެ.

މިހާވަރަށް އަގު ނަގައިގެން ވެސް ބޭނުން ފުދޭނަމަ ރަނގަޅެވެ. އެކްސިޑެންޓްވެ ނޫނީ ކުއްލިޔަކަށް ބޮލުގެ ނާރެއް ފަޅައިގެންދާ ބަލިމީހަކަށް ވެސް ދެވޭނެ އެއްވެސް ފަރުވާއެއް، އެހެން އެއްވެސް ހޮސްޕިޓަލެއްގައި ނުހުރެއެވެ. ހަމައެކަނި "ސީޓީ" ސްކޭންގަނޑެއް ހަދާލައިގެން ޢާއިލާ މިހުންވީ އެއަށް ބަލަބަލާ ތިބޭށެވެ.

ސީޓި ސްކޭނަކީ، އެހާ ތަފްސީލް އެއްޗެއް ނޫނެވެ. މިސާލަކަށް ބޮލުގައި އުފެދިފައި ހުންނަ ކުދިކުދި ޓިއުމަރުތައް ސީޓީއެއްގައި ނުދައްކަފާނެއެވެ. އޭގެން އެނގޭނީ، ހަމައެކަނި ބޮޑެތި ގެއްލުތަކެވެ. އަދި ސީޓީ ސްކޭނަކުން ލިބިދޭ ރޭޑިއޭޝަނުގެ ގެއްލުންވެސް އެމްއާރުއައި އަކަށް ވުރެ އެތައްގުނައެއް ބޮޑުވާނެއެވެ.

ސަރުކާރުން ސިޔާސީ ކުޅިވަރަކަށް ހަދައިގެން ކޮންމެ ރަށެއްގައި ފާމަސީ އަޅާ ވާހަކަ ދައްކާއިރު، މިހިރީ އަހަރުމެން ދިވެހީން އުޅެންޖެހިފައިވާ ދިރިއުޅުމުގެ ޙަޤީޤީ ޙާލަތު ހުރި ގޮތެވެ. އެމްއާރުއައި މެޝިނެއް ގަތުމަށް ދައުލަތުގެ ބަޖެޓުން މިލިއަނެއްހާ ޑޮލަރު ނުދެވެންވީ ކީއްވެގެން ހެއްޔެވެ.

ކޮންމެ ރަށެއްގައި ފާމަސީ ހަދާނަމޭ ކިޔާފައި، ދައުލަތުގެ ކުންފުނި އެސްޓީއޯ ލައްވާ ސިޔާސީ ބޭނުމަކަށް 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ބަލިޙާލަތު ދަނެނުގަނެވޭ އިރު، ކީއްކުރާ ބޭހަކާއި ފާމަސީތަކެއް ހެއްޔެވެ. ވާނުވާ ނޭގެނީސް، ލޯމަރާލައިގެން ތިބެ ދޭހާ ބޭހެއް، ވަކީލުކޮށްގެން ތިބެ ކާންވީހެއްޔެވެ؟

އަހަރުމެން ބޭނުންވާ މަޤްސަދާއި ގާތަކަށް ވެސް އެބަ ދެވެހެއްޔެވެ.

ދިވެހީންނަށް ޙައްގު މިންވަރަކީ މިއީ ހެއްޔެވެ!