Last Updated: April 26, 18:07
Friday, April 26, 2024
ރިޕޯޓް

ރިޔާޒު ދެއްކެވި ވާހަކަތަކަށް ޕީޕީއެމްއިން ތާއިދުތަ؟

މުޒާހަރާކުރަން "ރާއްޖެތެރޭ މީހުންނަށް" ދެން މާލެ ނާދެވޭނެ ކަމަށާއި އެ ފުރުސަތު ސަލާމަތީ ބާރުތަކުން ނުދޭނެ ކަމަށް ބުނެ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރ ރިއާޒު ރަޝީދު ދެއްކެވި ވާހަކަފުޅަށް މިއަދު ދިވެހި އެތައް ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ރިޔާޒު ރަޝީދު ރާއްޖޭގެ ބޮޑު އާބާދީއަކަށް ނިސްބަތްކޮށް ދެން މުޒާހަރާއަށް މާލެ ނޭރޭނެ ކަމަށް ބުނެފައިވަނީ ގާނޫނު އަސާސީއާއި ހިލާފަށެވެ. ވެރިކަން ކުރާ ޕާޓީގެ އިސް ބޭފުޅަކު މިފަދަ ވާހަކައެއް ދެއްކެވި އިރު ސަރުކާރުން މިކަމާއި ބަހެއް ވިދާޅުވި އަޑެއް ނީވެއެވެ.

"ރާއްޖެތެރޭ މީހުން"ނަށް މާލެ ނޭރޭނެ ގޮތަށް ރިޔާޒު ވާހަކަފުޅު ދައްކަވާފައިވަނީ އަތޮޅު ތެރޭ ރައްޔިތުން ނިކަމެތިކޮށްލުމަށް ކަމަށް ވަަރަށް ބޮޑަށް ގަބޫލް ކުރެވެއެވެ. ނަމަވެސް ސަރުކާރުން މިހާރުވެސް ގެންދަވަނީ މާލޭގެ ގަދަރުވެރި އާއިލާއަކަށް ނިސްބަތްވާ ބޭފުޅަކު ރާއްޖެތެރޭގެ މަޖްލިސް ގޮޑިއަކަށް އިސްކުރުމަށެވެ.

ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ދިއްގަރު ދައިރާގެ މަޖްލިސް ގޮޑިއަށް ކުރިމަތި ލައްވައި ކެމްޕެއިން ކުރައްވަނީއެވެ. ރާއްޖެތެރަށް ދަތުރު ކުރައްވަނީއެވެ. ރާއްޖެތެރޭގެ އާދައިގެ ގެތަކަށް ވަންނަވަނީއެވެ. ނިކަމެތި ރައްޔިތުންގެ ވޯޓަށް ސަލާން ޖަހަނީއެވެ. ނުވިތާކަށް ބުނި އެއްޗެއް ދޭން ސަރުކާރުގެ "ދީލަތި އަތް" މިވަގުތު މިވަނީ ހުޅުވިފައެވެ.

ދިއްގަރު ދާއިރާގެ މަޖްލިސް ގޮޑި ހޯދުމަށް ރާއްޖެތެރޭ މީހުންގެ ވޯޓު މުހިއްމެވެ. ދިއްގަރުގެ ތަރައްޤީއަށް މާލޭގެ މީހަކު ކޮށްދޭނީ ކޮން ކަމެއްތޯ މިއަދު މިވަނީ ސުވާލު އުފެދިފައެވެ. ދިއްގަރު ދާއިރާގެ ރައްޔިތުން ފާރިސްއަށް ވޯޓު ދީ ގޮޑިއަށް އިންތިހާބްކޮށްފައި މާލެ ނުދެވޭ ގޮތަށް ހަދައިފިއްޔާ ދެން ކީތްކުރާނީ ހެއްޔެވެ؟

މިއަދު ރިޔާޒު ރަޝީދު ދެއްކެވި ވާހަކަފުޅު ތަކުން "ރާއްޖެތެރޭ މީހުންނަށް" އެއްޗެއް ވިސްނެން ވެއްޖެއެވެ. ދައުލަތު ހުރިހާ ފައިސާއެއް މާލެއާއި، މާލެ ކައިރި ސަރަހައްދަށް އޮއްސަމުންދާއިރު ވިސްނަން ވެއްޖެއެވެ. ރިޔާޒުމެން ފަދަ މާލޭ މީހުން އަތޮޅުތަކުގެ ގޮޑިއަށް އިންތިހާބު ކުރަން ނުޖެހޭ ކަމެވެ.

އަނެއްކޮޅުން ރިޔާޒު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން އެއްޗެކޭ ނުބުނުމަކީ އެކަމަށް ސަރުކާރުން ހިތްވަރު ދޭ ކަމުގެ ނިޝާނެކެވެ. ސަރުކާރުގެ ޗާޓުގައިވެސް "ރާއްޖެ ތެރެއާއި" "ރާއްޖެތެރޭ މީހުން" ނެތްކަން ދޭހަވާ ކަމެކެވެ. މީ ހަގީގަތުގައިވެސް އަޅުގަނޑުމެން ފުންކޮށް ވިސްނަން ޖެހޭ ކަމެކެވެ.

މުސްކުޅި ހަރުބަހުގައި އޮންނަ ފަދައިން ރިޔާޒު އެހެރީ "ކުއްޅަވަފަލު ރަނިން"އަށްވީ ގޮތްވެފައެވެ. ރާއްޖެތެރަށް ނިސްބަތްވާ ދިއްގަރު ދާއިރާގެ ރައްޔިތުން މާލޭގެ ގަދަރުވެރިންނަށް ނޫނެކޭ ބުނަންވީއެވެ.