Last Updated: April 26, 17:13
Friday, April 26, 2024
ޚަބަރު

އުތުރާއި ދެކުނުގެ ރައްޔިތުން ވަނީ އިސްތިއުނާފް ކުރުމުގެ ޚައްޤުން މަޚްރޫމްވެފައި: ސުއޫދް

ރާއްޖޭގެ އުތުރާއި ދެކުނުގެ ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމުގެ ހައްގުން ރައްޔިތުން މަހުރޫމްވެފައިވާ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ސުއޫދު ވިދާޅުވީ، ރާއްޖޭގެ އުތުރާއި ދެކުނުގެ ކޯޓުތަކުން ނިންމާ މައްސަލަތައް އިސްތިއުނާފު ކުރަންޖެހޭނީ އެ ދެ ސަހައްދުގައި ގާއިމް ކުރާ ހައިކޯޓުގެ ގޮފިން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވީނަމަވެސް މިއަދާ ހަމައަށް ވެސް އެގޮފި ގާއިމްކޮށްފައިނުވާ ކަމަށެވެ.

"މެޖިސްޓްރޭޓް ކޯޓަކަށް އެނގިވަޑައެއް ނުގަންނަވާ އިސްތިއުނާފު މުއްދަތު ކުރުވީ ކަމެއް. އަދި އެކަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސިފައެއް ނެތް. ނަތީޖާއަކަށް ވެގެންމިއުޅެނީ ގދ. ގައްދޫ ކޯޓަށް ހުށަހަޅައިގެން އުޅޭ އިސްތިއުނާފުގެ މައްސަލަ. އިރުއިރުކޮޅާ މެޖިސްޓްރޭޓް އަޅުގަނޑުމެންނަށް ގުޅުއްވާފަ އެބަ ވިދާޅުވޭ ކިހިނެތްތޯ ދެން ހަދާނީ. ހަދާނެ އެއްވެސް ގޮތެއް ނޭނގިގެން އެބޭފުޅާ އެ އުޅުއްވަނީ. ދެކުނުގައި ހައިކޯޓުގެ ބްރާންޗެއް ހުޅުވިފައެއް ނެތް. ނެތުމުގެ ސަބަބުން އިސްތިއުނާފުގެ ފޯމްތައް ފޮނުވާނެ ތަނެއް ނޭނގިގެން އެބޭފުޅާ އެ އުޅުއްވަނީ،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ، އައްޑޫ ސިޓީ އާއި ކުޅުދުއްފުށީގައި ހައިކޯޓުގެ ގޮފި ގާއިމް ކުރެވިފައިނުވާއިރު، އިސްތިއުނާފު ކުރުމާ ބެހޭ ގޮތުން އަލަށް އެކުލަވާލި އުސޫލުވެސް އުތުރާއި ދެކުނުގެ ސަރަހައްދުތަކުގެ މެޖިސްޓްރޭޓުންނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އިސްތިއުނާފު ކުރުމުގެ ފޯމެއް ވެސް ރާއްޖެތެރޭގެ ކޯޓުތަކުން ލިބެން ނުހުންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ޚާއްސަކޮށް ޖުޑީޝަރީގެ ފަރާތްތަކުގެ ސަމާލުކަމަށް ދަންނަވަން ރައްޔިތުންނަށް ލިބިފައިވާ އިސްތިއުނާފުކުރުމުގެ ހައްގު ގެއްލިގެން ނުދާނެ ގޮތަކަށް އެކަންކަން ހަމަޖައްސަވާށޭ،" ސުއޫދު ވިދާޅުވި އެވެ.