Last Updated: April 26, 20:24
Friday, April 26, 2024
ރިޕޯޓް

ތަރައްޤީގެ މަޝްރޫޢު ތަކަށް އެއްބާރުލުން ދޭން ޖެހޭ

ތަރައްޤީގެ ޕްލޭނެއް ސަރުކާރަކުން ހިންގާ ކަމުގައި ވާނަމަ އެކަމެއް ނުވާނެ ކަމަށް ވިސްނުމަކީ އައްޑޫ ރައްޔިތުންގެ އާދައެކެވެ.

ވާނީ ވެސް އެހެންތާއެވެ. އައްޑޫގައި ހޮސްޕިޓަލެއް އަޅާ ވާހަކަ ދައްކާތާ މިހާރުވެސް 15 ވަރަކަށް އަހަރު ވެދާނެއެވެ. އަދިވެސް އެއުޅެނީ ކުރެހުމަކުން އަރައި ނުގަނެވިގެން ތާއެވެ. ބަޖެޓް ހަމަޖެހުނު ވާހަކަ އާއި ބީލަމަށް ހުޅުވާލާ ވާހަކަ ދެކެވޭތާ ދުވަސް ތަކެއް ވެގެން ހިނގައްޖެއެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ މީހުންނަށް އެންމެ ބޮޑު ފަސޭހައެއް ލިބިގެންދާ ލިންކް ރޯޑްގެ ޕްރޮޖެކްޓުގެ ދުވަސްވަރަށް ޖެހިލަމާ ތޯއެވެ. ސަރުކާރުން އެމަސައްކަތް އައްޑޫގައި ފެށުމުން އެކަން ކުރަމުން ދިޔަގޮތާއި ބެހޭ ގޮތުން ފާޑު ކިޔަމުން ދިޔަ މީހުންގެ އަދަދު ވަރަށް ގިނަ ކަން ފާހަގަކޮށްލެވެއެވެ. ބައެއް މީހުން ތުހުމަތު ކުރާގޮތުގައި އައްޑޫ ލިންކް ރޯޑް ހެދުމަށް ލިބުނު އެހީގެ ތެރެއިން ބައެއް ވަނީ ހުޅުމާލެ ތަރައްޤީ ކުރުމަށް ޚަރަދު ކޮށްފައެެވެ.

އަޅުގަނޑު ދައްކަން މިއުޅެނީ ކޮންމެހެން ސަރުކާރެއްގެ ބަޔަކު ފައިސާއަށް ޚިޔާނާތްތެރިވި ވާހަކައެއް ނޫނެވެ. މިއީ އައްޑޫ ސިޓީގެ އެންމެހާ ރައްޔިތުންގެ ވާހަކައެވެ.

ސ.ގަމުގެ އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު އެއޮތް ކުރިއަށް ދަނީއެވެ. ދުބާއީ ނުވަތަ ސިންގަޕޫރުގައި ޕްރޮޖެކްޓްތައް ކުރިއަށް ގެންދާ ފެންވަރުގައި ނުދިޔަ ނަމަވެސް ކުރެވެމުން އެދަނީ އައްޑޫގެ ރައްޔިތުންގެ ތަރައްޤީ އާއި ގުޅުން ހުރި ވަރަށް ބޮޑު މަސައްކަތެކެވެ. އެހެން ނަމަވެސް ހިތާމަ އާއި އެކު ފާހަގަކޮށްލަން ޖެހެނީ އައްޑޫގެ ގިނަ ރައްޔިތުންގެ ފަރާތުން އެ ޕްރޮޖެކްޓަށް މާބޮޑު ސަމާލުކަމެއް ލިބިގެން ނުދާ ކަމެވެ.

ދޭތެރެއަކުން މިހާރުގެ ސަރުކާރުގެ އިސްވެރިޔަކު އެއާޕޯޓްގެ ވާހަކަ ދައްކައިފި ނަމަ "ކަލޭމެން ތިކަން ކޮށް ނުދޭނެ" ފަދަ ބަސްތައް ބުނެ ޓްވިޓާ އަދި ފޭސްބުކްގައި އެމީހުންނަށް ރައްދު ދެނީއެވެ. ސިޔާސީ ގޮތުން ޚިޔާލު އެއްގޮތް ވުމަކީ ލާޒިމް ކަމެއް ނޫނެވެ. އެހެން ނަމަވެސް ތަރައްޤީގެ ގޮތުން އައްޑޫގެ ރައްޔިތުން އެކައްޗެއް ކިޔަން އެބަޖެހެއެވެ. މިއަދު ރައީސް ޔާމީންގެ ސަރުކާރުން އެއާޕޯޓް ތަރައްޤީކޮށް ނިންމުމަށް ފަހު އެމަނިކުފާނުގެ ވެރިކަން ނިމިގެން ދިޔަ ކަމުގައި ވިޔަސް ހަމަ އެއާޕޯޓްގެ ފާއިދާ ކުރަމުން ގެންދާނީ އައްޑޫގެ ރައްޔިތުންނަށެވެ.

ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވުމަކީ ހަމައެކަނި މަގު މައްޗަށް ނިކުމެ މުޒާހަރާ ކުރުމެއް ނޫނެވެ. އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަން ޖެހެނީ ސިޔާސީ މީހުންގެ ދިފާއުގައި އެކަންޏެއް ނޫނެވެ. ރައީސް ޔާމީން އައްޑޫ އަށް ވަޑައިގަތުމުން، އައްޑޫގައި ތިބި އެމްޑީޕީ ޒުވާނުންނަށް ވެސް އިސްނަގައިގެން ގޮސް އައްޑޫގެ ތަރައްޤީގެ ޕްލޭންތަކުގެ ވާހަކަ ދައްކަން ޖެހެއެވެ. އައްޑޫގެ ތަރައްޤީގައި އެމީހުންގެ ބަސް ބުނަން އެބަޖެހެއެވެ.

2011 ވަނަ އަހަރުގެ ސާކް ސަމިޓަށް އައްޑޫގައި ތަރައްޤީގެ މަޝްރޫއުތަކެއް ކުރިއަށް ގެންދެވުނެވެ. އޭރު އެމްޑީޕީ އާއި ދެކޮޅު މީހުން އެއްގޮތަކަށް ވެސް ނުފެނެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެހެންކަމުން މިއަދު ހިތަދޫ ބޮޑުމަގުގައި ސްޕީޑް ބްރޭކަރ ނެތޭ، މަގުގައި ވަޅުގަނޑު އެބަހުއްޓޭ ކިޔައި ޝަކުވާކުރުމުގެ ޙައްޤު އެއްކަލަ އެމްޑީޕީ އާއި ދެކޮޅު ޚިޔާލުގެ މެންބަރުންނަށް އޮންނާނެ ތޯއެވެ؟

ތަރައްޤީގެ މަޝްރޫއުތައް ހިނގަމުންދާއިރު ބިނާކުރަނިވި ގޮތެއްގައި ފާޑު ކިޔަން ވެސް ޖެހެއެވެ. ގަން އެއާޕޯޓްގެ ތަރައްޤީއަށް ކުރެވެމުން ގެންދާ މަސައްކަތުގެ ތެރޭގައި ވެސް ހިތްހަމަނުޖެހޭ ކަމެއް އޮތްކަމުގައި ވާނަމަ ސަރުކާރުގެ އިސްވެރިންނާއި ހަމައަށް އެކަން ގެންގޮސްގެން ހައްލު ކުރަން މަސައްކަތް ކުރަންވީއެވެ. ފަހަރެއްގައި މެންބަރ އައިބީ އަށް އެއާޕޯޓްގެ ރަންވޭ ހަދަމުންދާއިރު ހުރި އުނިކަންތައް ނުފެނި ހިނގައިދާނެއެވެ.

ދަތުރުފަތުރުގެ ނިޒާމް މިފްކޯ އާއި ހަވާލުކުރުން "ދަގަނޑު ބޯޓު ބޭނުމެއް ނޫނޭ" ކިޔަން ނުތިބެ އެކަން ހިނގާ ނުހިނގާ ގޮތް ވެސް ގާތުން ބަލަން ވީއެވެ. މީގެ ކުރިން އެމްވީކޭ އަށް އެކަން ނުކުރެވުނީ ކީއްވެގެން ކަން ބުނެދޭން ވީއެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަކީ ކޮބައިކަން ވެސް ބުނެދޭން އެބަޖެހެއެވެ. މެންބަރަށް ފޯނުކޮށްފައި ޖެއްސުން ކުރުމުގެ ބަދަލުގައި ތަރައްްޤީގެ މަޝްރޫއުތަކަށް ޚިޔާލު ދެއްވަން ވީއެވެ.

މިއީ ރައީސް ނަޝީދު ނުވަތަ ރައީސް ޔާމީންގެ އައްޑޫ އެއް ނޫނެވެ. އައްޑޫގެ މިލްކުވެރި ބަޔަކީ ހަމަ އައްޑޫގެ ލޮބުވެތި ރައްޔިތުންނެވެ. އެހެންކަމުން އައްޑޫގައި ތަރައްޤީގެ މަޝްރޫއޫތައް ކުރިއަށް ގެންދާއިރު އެކަން ހިނގާ ނުހިނގާ ގޮތް ބަލައި އެކަމަށް އެއްބާރުލުންދޭ ބަޔަކަށް އަޅުގަނޑުމެން އައްޑޫ ރައްޔިތުން ވާން އެބަޖެހެއެވެ. ފާޑުކިޔުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު އެ ފާޑުކިޔުމަކީ ބިނާކުރުވަނިވި އެއްޗަކަށް ވާން އެބަޖެހެއެވ.

ވެރިކަން ކުރައްވާ ބޭފުޅާ އަކީ ތިމާގެ ސިޔާސީ ފިކުރުގެ މީހަކަށް ނުވިޔަސް ތަރައްޤީގެ މަޝްރޫއު ހިންގާ ނަމަ އެއަށް އެއްބާރުލުން ދޭން އެބަޖެހެއެވެ.