Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ލިންރޯޑުގައި ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ފަށަނީ

އައްޑޫ ސިޓީ ލިންކްރޯޑުގައި ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ދެމަހެއްހާ ދުވަސްތެރޭ ފެށޭނެ ކަމަށް ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރއޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވެއްޖެއެވެ.

ލިންކްރޯޑުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވަމުންދާތީ އެކަން ޙައްލު ކުރުމުގެ ގޮތުން ފުލުހުންނާއި، އައްޑޫ ސިޓީކައުންސިލް އަދި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ހަރުކުރާ މި ސައިން ބޯޑުތަކަކީ ޓްރާންސްޕޯޓް މިނިސްޓްރީން ދިރާސާ ކުރުމަަށްފަހު ހަރުކުރާ ބޯޑުތަކެއް ކަމަށެވެ.

"މިސައިން ބޯޑުތަކަކީ ޓްރާންސްޕޯޓް މިނިސްޓްރީން ދިރާސާ ކުރުމަަށްފަހު ހަރުކުރާ ބޯޑުތަކެއް. މަގުގެ އެކި ހިސާބުތަކުގައި މީހުންނަށް ގިނައިން ފެންނަ ގޮތަށް މިބޯޑުތައް ހަރުކުރާނީ. ބޯޑުތައް ގިނަގިނައިން މީހުންނަށް ފެނުމުން އެބޯޑެއްގައިވާ ޓްރެފިކް ނިޝާންތަކާ އެއްގޮތަށް ޢަމަލުކުރާނެ ކަމަށް އުންމީދުކުރަނީ. އޭގެ ނަތީޖާއަކަށްވާނީ އިރާދަކުރެއްވިއްޔާ އެކްސިޑެންޓްތައް މަދުވުން،" ސަމީރު ވިދާޅުވިއެވެ.

އެކްސިޑެންޓްތައް މަދުކުރުމަށް ފުލުހުން މިހާރުވެސް ވަރަށް ބޮޑަށް މަސައްކަތްކުރަމުން ގެންދާކަން ފާހަގަކުރައްވަމުން ސަމީރު ވިދާޅުވީ އެންމެން ވެސް ޓްރެފިކް ޤަވާޢިދަށް ޢަމަލުކުރާ ކަމަށްވާނަމަ އެކްސިޑެންޓްވުން ވަރަށް ބޮޑަށް މަދުކުރެވޭނެ ކަމަށެވެ.