Last Updated: April 27, 06:22
Saturday, April 27, 2024
ސިއްހަތު

މާބަނޑު ދުވަސްވަރު ކެއުން ރަނގަޅު ނޫން ކާނާ

މާބަނޑު ދުވަސްވަރު ކޮންމެ ކޮންމެ އެއްޗެއް ކެއުމަކީ ތިމާއަށާއި ބަނޑުގައި އޮންނަ ދަރިފުޅަށް ވެސް ގެއްލުމެއް ލިބިދާނެ ކަމެކެވެ. ކާނާ ވިހަވުމާއި އެ ނޫން ވެސް ސިއްހީ މައްސަލަތަކުން ސަލާމަތްވުމަށްޓަކައި މާބަނޑުއިރު ކާ ކެއުމަށް ސަމާލުވާން ޖެހެ އެވެ.

އެގޮތުން ކާން ކަމުނުދާ އެއްޗެތީގެ ތެރޭގައި ހިމެނެނީ:

ސީ ފުޑް

ކަނޑުމަހާއި އޮއިލީ ފިޝް ފަދަ ބައެއް ވައްތަރުގެ މަސް ކެއުން މަދުކުރަން ޖެހެ އެވެ. ސަބަބަކީ މިފަދަ ތަކެތިން ކާނާ ވިހަ ވެދާނެތީ އެވެ. ކްރޭބް، ޝްރިމްޕް، ސޭމަން ފަދަ މާކަރީގެ އަސަރު ގިނައިން ހުންނަ ކެއުންތަކާ ވެސް ދުރުވާން ޖެހެ އެވެ.

ސޮފްޓް ޗީޒް

ބަކަރީގެ ކިރުން އުފައްދާފައި ހުންނަ ސޮފްޓް ޗީޒް މާބަނޑުއިރު ބޭނުންކުރުން ރަނގަޅެއް ނުނެވެ. މި ޗީޒް ތައްޔާރުކުރުމުގައި ބެކްޓީރިއާ އާއި މޯލްޑް ހުންނާތީ މި ތަކެތި ކައިފިނަމަ އިންފެކްޝަނެއް ޖެހިދާނެ އެވެ. މިފަދަ އިންފެކްޝަންތަކަކީ ވަރަށް މަދުން ނޫނީ ދިމާނުވާ ކަމެއް ނަމަވެސް މާބަނޑު ދުވަސްވަރު ކިތަންމެ ކުޑަކޮށް ނަމަވެސް އިންފެކްޝަނެއް ޖެހިއްޖެނަމަ ބައިގެން ދިއުން، ބަނޑަށް ދަރިފުޅު މަރުވުން ނުވަތަ ބަނޑުގައިވާ ދަރިފުޅަށް ސިއްހީ ބޮޑު މައްސަލައެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

ރޯނުފިލާ ހުންނަ ބިސް

ރަނގަޅަށް ރޯނުފިލާ ހުންނަ ބިހާއި މިފަދަ އެއްޗެތި އަޅާފައި ހުންނަ ތަކެތީގެ ތެރެއިން މެޔޮނައިސް ފަދަ އެއްޗިއްސަކީ ކާނާ ވިހަވުން ފަދަ ކަމެއް ދިމާވެދާނެތީ މާބަނޑު ދުވަސްވަރު ކެއުން ރަނގަޅު އެއްޗެއް ނޫނެވެ.

ރޯނުފިލާ ހުންނަ އެއްގަމު މަސް

ރަނގަޅަށް ރޯނުފިލާ ހުންނަ އެއްގަމު މަސް ކެއުމުން ދުރުހެލިވާށެވެ. އެފަދަ ތަކެތީގައި ލިސްޓީރިއާ ބެކްޓިރިއާ ހުރެދާނެތީ އެވެ.

މޭ

ކުކުޅު އަދި ގެރިބަކަރި ފަދަ ތަކެތީގެ ލިވާ އާއި ލިވާއިން އުފައްދާފައި ހުންނަ ތަކެތީގެ ތެރެއިން ސޮސެޖް ފަދަ ތަކެތި މާބަނޑު ދުވަސްވަރު ކެއުން ރަނގަޅެއް ނޫނެވެ. ސަބަބަކީ މިފަދަ ތަކެތީގައި ވިޓަމިން އޭ ވަރަށް މައްޗަށް ހުންނާތީ އެވެ.ވިޓަމިން އޭ މާގިނައިން ހަށިގަނޑަށް އެތެރެވެއްޖެނަމަ ދަރިފުޅަށް ގެއްލުން ލިބިދާނެ އެވެ. އަދި މި ނޫނަސް ވިޓަމިން އޭ ގިނައިން ހުންނަ ތަކެއްޗާ ދުރުވާން ޖެހެ އެވެ.

ކެފެއިން

ކެފެއިން އެކުލެވޭ ތަކެތި ބޭނުންކުރާ ވަރު މަދުކުރަން ޖެހޭނެ އެވެ. ކެފެއިން ގިނައިން ބޭނުންކުރުމުން ދަރިފުޅުގެ ބަރުދަން ލުއިވުމާއި ބައިގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ރަނގަޅަށް ނުދޮވެ ހުންނަ ތަރުކާރީ އާއި މޭވާ

ތަރުކާރީ އާއި މޭވާ ކާން ޖެހޭނީ ވަރަށް ރަނގަޅަށް ދޮވެގެން އަދި ހަލާކުވެފައިވާ ތަންކޮޅެއް ހުރި ނަމަ އެތަނެއް ނަގާ ސާފުކޮށްގެންނެވެ. ސަބަބަކީ ކިތަންމެ ކުޑަ ތަންކޮޅެއް ހަލާކުވެފައި ހުއްޓަސް ޖަރާސީމު އަށަގަނެދާނެތީ އެވެ.