Last Updated: April 26, 06:56
Friday, April 26, 2024
ރިޕޯޓް

ނައިބު ރައީސް ކަމުގެ ރޭހަށް އަދީބާއި ޣައްސާން !

ދިވެހިރާއްޖޭގެ ނައިބު ރައީސް ކަމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހްމަދް މަޤާމުން ދުރުކުރަން ސަރުކާރުން އުޅޭ ކަމުގެ އަޑުތައް ގަދަވެފައިވާއިރު މިހާރު އެންމެ ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލަކީ ނައިބް ރައީސް ކަމަށް ސަރުކާރުން ގެންނާނީ ކޮންބޭފުޅެއްތޯ އެވެ.

ސޯޝަލް މީޑިޔާގެ އިތުރުން ޕީޕީއެމްގެ ބައެއް އިސްބޭފުޅުން ނުސީދާގޮތެއްގައި ދައްކަވަމުން ގެންދަވާ ވާހަކަތަކުގެ ރާގަށް ބަލާއިރު އެންމެ ބޮޑަށް ބުރަވެވެނީ ނައިބު ރައީސްގެ މަޤާމަށް ގެންނާނީ މިހާރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދް އަދީބު އެވެ. ސީދާ އަދީބުގެ ކޮންޓްރޯލްގެ ދަށުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެންބަރުންތަކެއް ތިއްބަވާ ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުން ގެންދާއިރު ނައިބު ރައީސް ކަމަށް ޕީޕީއެމްގެ ތެރެއިން އައުމުގެ ފުރުސަތު އެންމެ ބޮޑީ އަދީބުއަށް ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ.

އަދީބުގެ ކޮރަޕްޝަނުގެ މައްސަލަތަކެއް ބައްލަވަމުން ގެންދަނިކޮށް އޮޑިޓަރ ޖެނެރަލް މަޤާމުން ވަކިކުރުމާއި، ކުއްލި ގޮތަކަށް ކުރީގެ ޑިފެންސް މިނިސްޓަރ ޖަލަށް ލުމުގެ ފަހަތުގައި ޓޫރިޒަމް މިނިސްޓަރ އަދީބު ކަމަށް ކާނަލް ނާޒިމްގެ ވަކީލުން ވެސް ވަނީ ކްރިމިނަލް ކޯޓުގައި ވެސް ވިދާޅުވެފައެވެ.

ސިޔާސީ ގިނަ ފަރާތްތަކުން އަދީބު އާއި މެދު ސީރިއަސް ތުހުމަތު ތަކެއް ކުރައްވަމުން ގެންދަވާ އިރު އަދީބު ވިދާޅުވަމުން ގެންދަވަނީ އެއީ އެބޭފުޅާގެ "އަގުވައްޓާލަން ދައްކަމުން ގެންދާ ވާހަކަތަކެއް" ކަމަށެވެ. ރައީސް ޔާމީންގެ އަނބިކަބަލުން ފާތިމަތު އިބްރާހިމްގެ އުފަންދުވަހުގެ ހަދިޔާއެއްގެ އަދީބުގެ ފަރާތުން، އަގުބޮޑު ކާރެއް ދެއްވި ކަމަށް ސޯޝަލް މީޑިޔާގައި މީގެ ކުރިން ވާހަކަ ދެކެވިފައިވާއިރު އަދީބު ފާހަގަކޮށްލެވެނީ ރައީސް ޔާމީންގެ އެންމެ އަރިސް މިނިސްޓަރުގެ ގޮތުގައެވެ.

ރައީސް އަބްދުﷲ ޔާމީން، އަދީބަކީ ޚާލިދު ބުން ވަލީދު ފަދަ ބޭފުޅެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ވިދާޅުވެފައިވާއިރު، ރައީސް ޔާމީން އެވާހަކަތައް ދޮގުކުރައްވާފައި ނުވުމުން އެއީ ޙަޤީޤަތުގައި ވެސް ރައީސް ޔާމީންގެ އަދީބާއި މެދު ދެކެވަޑައިގަންނަވާ ގޮތް ކަމުގައި ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމުގައި ދަންނަވަން ޖެހެއެވެ.

ފެންނަ މަންޒަރު ތަކުންނާއި ދެކެވެމުންދާ ވާހަކަތަކަށް ބަލާއިރު ޕީޕީއެމްގެ ތެރެއިން ބޭފުޅަކު ނައިބު ރައީސަކަށް ގެނައުމަށް ރައީސް ޔާމީން ބޭނުންފުޅުވާނަމަ އެބޭފުޅަކަށް ވެގެންދާނީ، އެބޭފުޅާގެ ނަޒަރުގައި 'ޚާލިދު ބުން ވަލީދު' ފަދަ ޓޫރިޒަމް މިނިސްޓަރ އަހްމަދު އަދީބު ކަމަށް ބެލެވެއެވެ.

ޕީޕީއެމްގެ އިސްބޭފުޅުންގެ ތެރެއިން ސީދާ ރައީސް ޔާމީނަށް ވަފާތެރި ބޭފުޅުންގެ ނަޒަރުގައި އަދީބު އަކީ އެންމެ ދިވެހިރާއްޖޭގެ ޒުވާނުންގެ މެދުގައި އެންމެ މަޤުބޫލު މިނިސްޓަރެވެ. ސަރުކާރުގައި ހުންނެވި އެންމެ ހިންގުންތެރި މިނިސްޓަރ އެވެ. އެންމެ ޖެހިލުން ކުޑަ އަދި އެންމެ 'ދީލަތި' މިނިސްޓަރެވެ. އިދިކޮޅު ފަރާތްތަކުން އެންމެ 'ޖެހިލުންވާ' މިނިސްޓަރެވެ. 'މައި މޭން' ނުވަތަ އެއީ ހުރިހާ ބޭފުޅުންގެ 'ބްރޯ' އެވެ.

ޕީޕީއެމްގެ މަޖިލިސް މެންބަރުންނާއި ރައީސް ޔާމީންގެ ނަޒަރުގައި ނައިބު ރައީސް ކަމުގެ މަޤާމަށް އެންމެ އެކަށީގެންވަނީ އަދީބު ކަމުގައި ވިޔަސް އެ މުޅި ޕީޕީއެމް އެބޭފުޅަކަށް އޮތް ތާއީދެއްގެ މައްޗަށް ބިނާވެފައިވާ ކަމަށް ގިނަބަޔަކު ޤަބޫލު ކުރާ، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އަދީބަށް ތާއީދު ކުރައްވަފާނެ ހެއްޔެވެ ؟

އަދީބާއި ގާތްގުޅެމެއް އޮންނަ ޕީޕީއެމްގެ ކައުންސިލް މެންބަރަކު ވިދާޅުވި ގޮތުގައި އަދީބުގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައީސް ކަންކުރުމެވެ. 2023 ވަނަ އަހަރުގެ ޕީޕީއެމް ކެންޑިޑޭޓުކަމަށް އަދީބު ހުންނެވީ ފާރަލައިގެން ކަމަށާއި އެކަމަށް ރައީސް ޔާމީން ގެންދަވަނީ މަގު ފަހިކޮށްދެއްވަމުން ކަމަށެވެ.

" އަދީބުގެ ޓާގެޓަކީ 2023. އެކަމަށް މަގުފަހި ކުރުމަށް ރައީސް ޔާމީން ގެންދަވަނީ އަދީބަށް އެހީވަމުން. މިއަދު އެންމެ މަޤުބޫލު މިނިސްޓަރަކީ އަދީބު. އެބޭފުޅާ އަށް ޗެލެންޖް ކުރެވޭނެ މީހަކު ނެތް ޕީޕީއެމް އަކު" އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހުންނެވި އެންމެ ހިންގުންތެރި އެއް މިނިސްޓަރ ކަމަށް ގިނަ ބަޔަކު ފާހަގަ ކުރާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމާއި ޔޫތް މިނިސްޓަރ މަލީހް ވަކިކުރެއްވީ އަދީބު އަށް 2023 ޔަޤީން ކުރުމަށް ކަމަށް ވެދާނެ ހެއްޔެވެ ؟

ސޯޝަލް މީޑިއާގައި މާ ބޮޑަށް "އަދީބު ބުރޯ" ވެގެން އުޅޭ ބައެއް ކުދިން މިހާރުވެސް އަދީބު 2023 އޭ ޖަހައިގެން ކެމްޕެން ކުރަމުން އެބަގެންދެއެވެ. މިކަަންތައްތައް ކުރުވަނީ ޕީޕީއެމް ގެ އާންމު މެމްބަރުންގެ ވިސްނުން ވަކި ގޮތަކަށް ބައްޓަން ކުރުމަށޭ ބުނެވިދާނެއެވެ.

ޓޫރިޒަމް މިނިސްޓަރ އަދީބު އައްޑޫ އަށް ވަޑައިގަތުމުން ޕީޕީއެމް މެންބަރުން އެބޭފުޅާއަށް މަރުޙަބާ ކިޔަނީ. ފޮޓޯ: ވަގުތު
ޓޫރިޒަމް މިނިސްޓަރ އަދީބު އައްޑޫ އަށް ވަޑައިގަތުމުން ޕީޕީއެމް މެންބަރުން އެބޭފުޅާއަށް މަރުޙަބާ ކިޔަނީ. ފޮޓޯ: ވަގުތު

މީގެ އިތުރުން އަދީބު ފަންޑުކޮށްގެން ހިންގަވާ ކަމަށް ސިޔާސީ ފަރާތްތަކުން ތުހުމަތު ކުރާ އޮންލައިން ދެ ނޫހެއްގައި އެއް ދުވަހެއްގައި އަދީބު ނައިބު ރައީސް ކަމަށް ގެންނަން އުޅޭ ވާހަކަ ޖެހުމަކީ ހަމަ އިއްތިފާގެއް ނޫނެވެ. އަދި އަދީބު އާއި ބެހޭގޮތުން ރާއްޖޭގެ އެންމެ ދުވަސްވީ ނޫހުގައި ޝާއިއު ކުރި ރިޕޯޓެއް ކުއްލި ގޮތަކަށް ނެގުމަކީ ވެސް ހަމަ އިއްތިފާގެއް ހެއްޔެވެ ؟

ރައީސް މައުމޫނާއި ގާތް ބައެއް ބޭފުޅުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނުގެ އެންމެ ބޮޑު އެއް ހުވަފެންފުޅަކީ އެމަނިކުފާނުގެ ބޭފުޅެއް ރާއްޖޭގެ ރައީސްކަން ކުރާތަން ދުށުމެވެ. އެކަމަށް މަގުފަހި ކުރުމަށްޓަކައި އެމަނިކުފާނުގެ ދަރިކަލުން ފާރިސް އެހުންނެވީ މަޖިލީސް އިންތިޙާބުގައި ވާދަކުރުމަށް ތައްޔާރުވެގެންނެވެ. ކަން މިހެން އޮތް އިރު، ނާއިބު ރައީސް ކަމުން ޑރ.ޖަމީލު ދުރުކޮށް އެމަޤާމަށް އަދީބު ގެނައުމަކީ ރައީސް މައޫމޫން ގެ މި ހުވަފެން ބިލާހަކަށް ވާނެ ކަމެކެވެ.

ދޮށީ ދަރިކަލުން ފާރިސް އަށް މަޖިލީހުގެ ގޮނޑިއެއް ލިބިއްޖެ ނަމަ މައުމޫންގެ އެންމެ ބޮޑު ހުވަފެންފުޅު ޙަޤީޤަތަކަށް ހެދުމަށް މަގުފަހިވެގެން ދާނެއެވެ. ދިއްގަރު ދާއިރާގެ ޕްރައިމަރީގައި ފާރިސް އާޢި ވާދަ ކުރި މޫސާ ނާސިރަށް އަދީބު ފަންޑު ކުރެއްވި ކަމަށް ޕީޕީއެމްގެ ތެރޭގައި ވާހަކަ ދެކެވިފައިވާ ކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ. އެހެން ނަމަވެސް ރައީސް މައުމޫންގެ ބާރުގަދަ ކަމުން އަދީބު ޚަރަދު ކުރެއްވި ނަމަވެސް ޕްރައިމަރީ ކާމިޔާބު ކުރެއްވީ ފާރިސް މައުމޫން އެވެ.

2023 ވަނަ އަހަރު ޕީޕީއެމް ގެ ރިޔަސީ ކެންޑިޑޭޓް ކަން ދެއްވުމަށް މައުމޫން އެންމެ ބޭނުންފުޅު ވަނީ ހަގު ދަރިކަލުން ޤައްސާން އަށް ކަމަށް ބެލެވިދާނެ މަންޒަރުތަކެއް ދަނީ ފެންނަމުންނެވެ. ޔޫތް މިނިސްޓްރީގައި ހުންނަވަނިކޮށް ޤައްސާނަށް ދާދި ފަހުން ރައީސް އޮފީހުން މަޤާމެއް ހަމަ ޖެއްސީވެސް ވެރިކަމުގެ އެތެރެ ކޮއިލު ތެރޭގައި ކަންކަން ހިނގާ ނުހިނގާ ގޮތުގެ ތަޖުރިބާ ދިނުމަށް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.

ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ޤައްސާނަށް ނައިބު ރައީސް ކަމަށް އާދެވިއްޖެ ނަމަ އާންމު ރައްޔިތުންގެ ކުރިމައްޗަށް ނިކުންނަވައި ޤާބިލިއްޔަތު ކަން ދެއްކެވުމުގެ ފުރުސަތު ލިބުމަކީ ބައްޕާފުޅުގެ ހުވަފެން ޙަޤީގަތަކަށް ހެދުމުގެ ފުރަތަމަ ފިޔަވަޅު ކަމަށް ބެލެވިދާނެ އެވެ. ރައީސް ޔާމީން ކިތަންމެ ވަރަކަށް ތިމަން މަނިކުފާނުގެ ވެރިކަމުގައ ރައީސް މައުމޫން ބޭނުންފުޅުވާ ގޮތަކަށް ކަންތައް ނުކުރައްވާނެ ކަން ދައްކަވަނަ މަސައްކަތްޕުޅު ކުރެއްވިޔަސް ނައިބު ރައީސް ކަމުގެ މަޤާމަށް މައުމޫން ބޭނުންފުޅުވާ ގޮތަށް އެމަނިކުފާނުގެ ހަގު ދަރިކަލުން ޤައްސާންގެ ބަދަލުގައި އަދީބު ގެންނެވުމަކީ ފަސޭހަކަމަކަށް ނުވާނެކަން ކަށަވަރެވެ.

ޤައްސާން މައުމޫން މ.މުލިއަށް ވަޑައިގަތުމުން ޕީޕީއެމް މެންބަރުން މަރުޙަބާ ކިޔަނީ.
ޤައްސާން މައުމޫން މ.މުލިއަށް ވަޑައިގަތުމުން ޕީޕީއެމް މެންބަރުން މަރުޙަބާ ކިޔަނީ.

ކާނަލް ނާޒިމްގެ 'ދުއްވާލުމުން' މައުމޫން ހަނު ހުންނެވި ސަބަބަކީ ވެސް އެމަނިކުފާނުގެ ދަރިކަލަކު ވެރިކަމަށް ގެންނެވުމަށް ދެކެވަޑައިގަންނަވާ ހުވަފެންފުޅު ޙަޤީގަތަކަށް ހެއްދެވުން ކަމަށް ވެދާނެ ކަމަށް ބެލެވެއެވެ.

ސިޔާސީ ގޮތުން ޤަބޫލުކުރަންޖެހޭ އެންމެ ބޮޑު ހަޤީގަތަކީ އަދީބު ކިތަންމެ ގިނަ ބަޔަކާއި އެއްކޮށް ސެލްފީ ނަގައި ހެދިޔަސް އަދި ކިތަންމެވަރަކަށް ލާރި ޚަރަދު ކުރިޔަސް އަދީބުގެ ނަމުގެ ފަހަތުގައި "މައުމޫން" ނޫނީ "އަބްދުލް ޤައްޔޫމް'" މިހެން ނެތި އަދީބަަށް ރައީސް މައުމޫނުގެ ރުހުން ނުލިބޭނޭ ކަމެވެ.

30 އަހަރު ވަންދެން ވެރިކަން ކުރެއްވި މައުމޫން އެމަނިކުފާނުގެ ދަރިކަލަކު 2023 ވަނަ އަހަރު ވެރިކަމަށް ގެނައުމަށް ދެކެވަޑައިގަންނަވާ ހުވަފެންފުޅު ޙަޤީޤަތަކަށް ހެދުމަށް ހަގު ދަރިކަލުން ޤައްސާން ނައިބު ރައީސް ކަމަށް ގެންނެވުމަށް ލިބިފައިވާ ފުރުސަތު ދޫކޮށްލަވާފާނެ ހެއްޔެވެ ؟

ނައިބު ރައީސް ކަމުން ޑރ. ޖަމީލު ވަކިކުރުމަށްފަހު އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރުމަކީ ރައީސް ޔާމީނަށް ވަރަށް އުނދަގޫ ކަމަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ. އެއްކޮޅުގައި ހުންނެވީ އެމަނިކުފާނުގެ ހުރިހާ އޯޑަރުތައް ތަންފީޒު ކުރައްވާ އަދީބެވެ. ދެން ހުންނެވީ އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ޤައްސަން މަޢުމޫނެވެ.