Last Updated: April 26, 10:52
Friday, April 26, 2024
ރިޕޯޓް

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޑރ.ޖަމީލުގެ އުސްއަލިތައް !

ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު .ފޮޓޯ: ހަވީރު

ނައިބު ރައީސް ކަމުގެ މަޤާމުން ޑރ.ޖަމީލް ވަކިކުރުމުގެ ވިސްނުންފުޅެއް ރައީސް އަބަދުﷲ ޔާމީން ގެންގުޅުއްވާ ކަމުގެ އަޑުފެތުރިފައިވާ އިރު ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ނައިބު ރައީސް ވަނީ އެމަނިކުފާނުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުކުޅެދިފައެވެ.

ޕީޕީއެމްގެ ބައެއް އިސްބޭފުޅުންގެ ނަޒަރުގައި ޑރ. ޖަމީލު އަކީ ،މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފެއިލްވެފައިވާ ބޭފުޅެއް ކަމުގައި ވި ނަމަވެސް ސިޔާސީ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ނައިބް ރައީސް ކަމުން ޑރ.ޖަމީލް ވަކިކުރުމުގެ ވިސްނުން ރައީސް ޔާމީން ގެންގުޅުއްވަނީ، ސަރުކާރުން ކުރާ ކުރާ ޤާނޫނާއި ޚިލާފުކަންތައް ތަކަށް އެބޭފުޅާ ދެކޮޅު ހައްދަވާތީ ކަމަށެވެ.

ތިރީގައި މިވަނީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ނައިބް ރައީސް ކުރައްވާފައިވާ ބައެއް މަސައްކަތްތަކުގެ އުސްއަލިތަކެކެވެ. ނައިބް ރައީސް ޑރ. ޖަމީލް އެމަނިކުފާނުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފެއިލްވެފައިވާ ކަމަށް ނުވަތަ ނޫންކަމަށް ނިންމާނީ ކިޔުންތެރިންނެވެ.

(ނައިބު ރައީސް ކުރެއްވި ހުރިހާ ދަތުރުފުޅަކާއި މަސައްކަތްތަކުގެ ވާހަކަ ގެނެސްދެވިފައި ނުވާނަމަ މައާފަށް އެދެމެވެ. )

15 މެއި 2014 : ޗެލެންޖް ކަޕްގައި ވާދަކުރި ރާއްޖޭގެ ފުޓްބޯޅަ ޓީމާއި ނައިބު ރައީސް ބައްދަލު ކުރައްވައި ހިތްވަރުދެއްވި.

29 މެއި 2014 :ސީ އެމްބިއުލާން ތައާރަފް ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި، ސަރުކާރު އޮތީ ވަރުގަދަކޮށް ކަމަށް ވިދާޅުވި.

04 ޖޫން 2014 :“ޗައިނާ ސައުތު އޭޝިޔާ އެކްސްޕޯ” ހުޅުވުމުގެ ރަސްމިއްޔާތުގައި އާއި، “ޗައިނާ ސައުތު އޭޝިޔާ ބިޒްނަސް ފޯރަމް”ގައި ބައިވެރިވުމަށް ޗައިނާ އަށް ދަތުރުފުޅެއް ކުރެއްވި.

08 ޖޫން 2014 : ޗައިނާގެ ޔުނާން ޕްރޮވިންސް ގެ ގަވަރުނަރާއި ލީ ޖިހެންގ އާއި ބައްދަލު ކުރެއްވި. މި ބައްދަލުވުމުގައި އިއާދަ ކުރަނިވި ހަކަތައާއި ސައިންސާއި ޓެކްނޮލޮޖީގެ އިތުރުން ފަތުރުވެރިކަމާއި އިޤްތިސާދީ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ލީ ޖިހެންގ ދެއްވި.

12 ޖޫން 2014 : އައިޖީއެމްއެޗް ހޮސްޕިޓަލަށް ވަޑައިގެން އެ ހޮސްޕިޓަލްގެ ‏‏މަސައްކަތްތައް ‏‏ހިނގަމުންދާ ‏‏ގޮތް ބައްލަވާލެއްވި.

16 ޖޫން 2014 : މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) އިން ދޭ ޕްރޮމިނެންސް އެވޯޑު، ނައިބު ރައީސަށް ލިބިވަޑައިގެންނެވި.3

22 ޖޫން 2014 : ހުޅުމާލޭ ހޮސްޕިޓަލަށް ވަޑައިގެން އެ ހޮސްޕިޓަލަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކާއި، ހޮސްޕިޓަލުން ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ‏‏އެޅެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން އެ ހޮސްޕިޓަލުގެ އިސްވެރިންނާ މަޝްވަރާ ކުރެއްވި.

23 ޖޫން 2014 : ރާއްޖޭގެ ސިއްހީ ދާއިރާގައި ހުރި މައްސަލަތައް ބައްލަވާލެއްވުމަށް އަތޮޅުތެރޭގެ ބައެއް ރަށް ރަށަށް ޒިޔާރަތް ކުރެއްވި

8 އޯގަސްޓް 2014 : ގއ.އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރުފުޅެއް ކުރެއްވި.

16 އޯގަސްޓް 2014 : (ފ.ނިލަންދޫގައި) ތިމާގެ ހަޔާތުގެ މަންޒިލަކީ، ނުވަތަ ތިމާ ކުރާ ކޮންމެ މަސައްކަތެއްގައި ބޭނުންކުރާ ވާސްޠާއަކީ ފައިސާކަމަށްވެއްޖެ މުޖުތަމަޢެއްގައި ފެތުރިގެންދާނީ ފަސާދަ ކަމުގައި ވިދާޅުވި.

16 އޯގަސްޓް 2014 : (ފ. ދަރަނބޫދޫގައި) ރައްޔިތުންގެ އަގީދާ ވަރުގަދަކޮށް އަސާސްތައް ހިފެހެއްޓުމަށް ފަސް ނުޖެހޭނެ ކަމަށް ވިދާޅުވި.

14 ސެޕްޓެމްބަރ 2014 : ޒަމާނީ ކުޅިވަރުގެ ވަސީލަތްތައް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި.

14 އޮކްޓޯބަރ 2014 : އިޖުތިމާއީ ރައްކާތެރިކަން ދޭން ޖެހޭ މީހުންނަކީ ބުރައެއް ކަމުގައި ނުދެކުމަށް އިލްތިމާސް ކުރެއްވި.

17 ނޮވެމްބަރ 2014 : ޒުވާނުން އިންގިލާބީ ބަދަލެއް ބޭނުންނަމަ އިލްމު އުނގެނުމަށް އެދިވަޑައިގެންނެވި.

23 ނޮވެމްބަރ 2014 : ޑރ. ޖަމީލުގެ ފޭސްބުކް ޕޭޖް ވެރިފައިކުރެވުނު.

29 ނޮވެމްބަރ 2014 : ޤާނޫނު އަސާސީ އިސްލާހު ކުރަން ދަތިވެ، ޤާނޫނުތައް ތަންފީޒު ނުކުރެވިގެން މިއުޅެނީ ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ކަންތައްތައް މާނަކުރުމުގެ އުނދަގުލުގައި ތާށިވެފައި ތިބުމުން ކަމަށް ވިދާޅުވި

07 ޑިސެމްބަރ 2014 : މާލެ މަގުމަތި އަމާން ތަނަކަށް ހެދުމަށް އެންމެން ޒިންމާދާރުވުމަށް ގޮވާލެއްވި.

10 ޑިސެމްބަރ 2014 : ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމް ކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި.

11 ޖެނުއަރީ 2014 : ޓީޗަރުންގެ މުސާރައަށް ގެނެވުނު ބަދަލުގެ ސަބަބުން މުޅި ރާއްޖޭގައި ތައުލީމީ ފެންވަރު މަތިވެގެން ދާނެ ކަމަށް ވިދާޅުވި.

25 ޖެނުއަރީ 2015 : ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވި.

12 މާރޗް 2015 : ރައްޔިތުންގެ އިހްސާސްތައް ދަންނަ ބަޔަކަށް ކައުންސިލަރުން ވުމަށް އެދިވަޑައިގެންނެވި.

20 މާރޗް 2015 : މާލޭގައި ހިރި ގުދަނުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާ އާއި ގުޅިގެން، ގެއްލުން ލިބުނު އާއިލާތަކުގެ ހާލު ބެއްލެވުމަށް ޒިޔާރަތް ކުރެއްވި.

27 މާރޗް 2015 : ރައިވެރިބޭގެ ޖިހާދު ނަމުގައި ބޭއްވި ފެތުމުގައި ބައިވެރިވެވަޑައިގެންނެވި.

31 މާރޗް 2015 : ތިމާގެ އަމިއްލަ ޖާހަތާއި އުފާ ގައުމުގެ މައްޗަށް އިސްނުކުރުމަށް އިލްތިމާސް ކުރެއްވި.

19 އެޕްރީލް 2015 : ކަރަންޓުގެ މައްސަލައިގައި ކުޅުދުއްފުށީ ވިޔަފާރިވެރިންގެ ފަރާތުން އެމީހުންގެ ކަންބޮޑުވުންތައް ނައިބު ރައީށާ ހިއްސާކުރުމުން، އެވާހަކަތައް ރައީސް ޔަމީންއާ ހަމައަށް ގެންގޮސްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި.

29 އެޕްރީލް 2015 : މަސައްކަތުގެ ސުލޫކީ އަހުލާގު ދަށްވަމުން އަންނަ ކަމަށާއި އެކަންތައް އިސްލާހުކޮށް ވަޒީފާ ދޭ ފަރާތުގެ އިތުބާރު ހޯދައި އެފަރާތުގެ ލާބައަށް މަސައްކަތްކުރަން ދަސްކުރުމަށް ޒުވާނުންނަށް ގޮވާލެއްވި.

03 މެއި 2015 : ޒުވާން ނޫސްވެރިންގެ އަގުވަޒަންކުރަންޖެހޭ ކަމަށް ވިދާޅުވި.

04 މެއި 2015 :ހައްޤުބަސް ބުނުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެއް ކަމަށާއި އެކަމަށް ފަސްޖެހިގެން ނުވާނެ ކަމަށް ވިދާޅުވި