Last Updated: April 26, 06:01
Friday, April 26, 2024
ޚަބަރު

ޖިނާއީ ދައުވާ ކުރާނެ ކަމަށް ރައީސް ވިދާޅުވުމަކީ ސީރިއަސް މައްސަލައެއް !

ރައީސް ޔާމީން ބައްދަލުވުމެއްގަ އިވާހަކަދައްކަވަނީ.

ދިވެހިރާއްޖެއަކީ ތިން ބާރު ވަކިވެފައިވާ ޑިމޮކްރެސީގެ އުޞޫލުގެ މަތީން ވެރިކަން ހިންގާ ޤައުމެކެވެ. އެހެން ޤައުމުތަކަށް ނަމޫނާ ޤައުމެކެވެ. ދައުލަތުގެ ބާރުތައް ވަކިވެފައި އޮތް ނަމަވެސް ޔުނިޓަރީ ދައުލަތެކެވެ. މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ކަނޑައަޅައިފައިވާ ގޮތެވެ.

ތިން ބާރު އެކުވެފައި އޮތް ނިޒާމަކުން، މި ބާރުތައް ވަކިވެފައި އޮތް ނިޒާމަކަށް ދިވެހިރާއްޖޭގެ ރައްޔިތުން ހިޖުކުރީ އިޞްލާޙަށް ޓަކައެވެ. ރާއްޖޭގެ ރައްޔިތުން ބޭނުންވީ ދައުލަތުގެ ވެރިން ކުރައްވާ ގޯސް ކަންތައްތަކުގެ ވާހަކަ ދައްކާ ކޮންމެ މީހަކު ޖަލުގެ ކުޑަގޮޅި ތަކުގައި ބަންދު ކުރެވެމުން އައި ސަޤާފަތް ނެތިގެން ދިއުމަށެވެ.

ސަރުކާރު ހިންގަވަން ތިއްބަވާ ބޭފުޅުން ބޭނުންފުޅުވާ ގޮތަކަށް ރައްޔިތުންގެ ޙައްޤުތަކަށް އަރައި ނުގަނެވޭނެ ގޮތްތަކެއް ޤާއިމު ވުމަށެވެ. ޤައުމުގެ ހުރިހާ އެންމެންނަކީ ވެސް ޤާނޫނުގެ ކުރިމަތީގައި ހަމަހަމަ ބަޔަކަށް ވުމަށެވެ. ޤާނޫނީ އިމުގެ ބޭރުން ސަރުކާރުތަކަށް އަމަލު ކުރުމުގެ ފުރުސަތު ނުދިނުމަށެވެ.

ރައްޔިތުން ބޭނުންވި ފަދަ އިސްލާހުތަކެއް ދިވެހިރާއްޖެ އަށް އަތުވެއްޖެ ތޯއެވެ ؟ ރައްޔިތުން ބޭނުންވާ ކަންކަން އެބަ ޙާޞިލުވޭތޯއެވެ؟

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ވަރަށް ތަފްސީލުކޮށް ރައީސުލް ޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާއިރު ޖިނާއީ ދައުވާ ކުރުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެންވާކަމަށް ބަޔާންކޮށްފައެއް ނުވެއެވެ.

ޖިނާއީ ދައުވާކުރުމުގެ ބާރު ލިބިފައިވާކަމަށް ޤާނޫނު އަސާސީގައި ބުނެފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލް އަށެވެ. ޤާނޫނު އަސާސީގެ 223 ވަނަ މާއްދާގައި ޕްރޮސިކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން 223 ވަނަ މާއްދާގެ (ނ) ގައި "ޖިނާއީ ކުށެއް ކޮށްފި ކަމުގެ ތުހުމަތު ކުރެވިއްޖެ ކޮންމެ މީހެއްގެ މައްޗަށް ދިވެހިރާއްޖޭގެ ކޮންމެ ކޯޓެއްގައި ދަޢުވާ އުފުލުމުގެ ބާރު" ޕްރޮސިކިއުޓާ ޖެނެރަލް އަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވެއެވެ.

ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް ޖިނާއީ ދައުވާކުރުމުގެ ބާރު ލިބިގެންވަނީ ޕްރޮސިކިއުޓާ ޖެނެރަލް އަށް ކަމަށް ބުނެފައިވަނިކޮށް ، ރައީސް އަބްދުﷲ ޔާމީން އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲގެ މައްޗަށް ޖިނާއީ ދައުވާ ކުރައްވާނެ ކަމުގެ އިންޒާރު ދެއްވުމުން ޕްރޮސިކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރައްވަނީ ރައީސް ޔާމީންތޯ މިވަނީ ސުވާލު އުފެދިފައެވެ.

ޝެއިޚް އިމްރާން އަބްދުﷲ އާއި މެދު ހިތްޕުޅުގައި އޮންނެވި ރުޅިވެރި ކަމެއްގެ ސަބަބުން އެފަދަ އިންޒާރެއް ރައީސް ޔާމީން ދެއްވި ކަމަށް ވިޔަސް، ދިވެހިރާއްޖޭގެ މީޑިޔާ ތަކުގެ ކުރިމަތީގައި އެބޭފުޅާއަށް އެދެއްވީ ތިމަން މަނިކުފާނު ޕީޖީގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވާކަމުގެ އިޝާރާތެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.

ޖިނާއީ ދައުވާ ކުރާނެ ކަމަށް ވިދާޅުވެ މިއަދު އެ ދެއްކެވި ވާހަކަތަކުގެ ސަބަބުން ،ޕްރޮސިކިއުޓާ ޖެނެރަލް އަށް ރައީސް ޔާމީން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވަމުން ގެންދަވާ ވާހަކަތަކަކީ ހަޤީގަތެއް ކަން ހާމަވެގެން ދިޔައީ ނޫންތޯއެވެ.
ފާޅުގައި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވާކަމުގެ އިޝާރާތެއް ރައީސް ޔާމީން ދެއްވުމަކީ ސީރިއަސް މައްސަލައެކެވެ.