Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ހުމާމް އާއި ސަރުކާރުންގެ އިސްވެރިންތަކެއް ސިއްރުން ބައްދަލުކުރި މައްސަލައެއް ބަލަނީ

ހ. ލޮބީ ހުސައިން ހުމާމް އަހްމަދު

މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދައިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވެ މަރުގެ ހުކުމް އިއްވާފައިވާ ހ. ލޮބީ ހުސައިން ހުމާމް އަހްމަދު އާއި ސަރުކާރުގެ އިސްވެރިން ތަކެއް ސިއްރުން ރިސޯޓެއްގައި ބައްދަލު ކުރި ކަމަށް ބުނާ މައްސަލައަކާއި ގުޅިގެން ކުރީގެ ކަރެކްޝަނަލް ސާވިސްގެ ވެރިއާ މުހައްމަދު ހުޝާމް އާއި ފުލުހުން ސުވާލުކޮށްފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޝާމް އާއި ފުލުހުން ސުވާލުކޮށްފައިވަނީ އެމަނިކުފާން މަގާމުން ރިޓަޔާ ކުރެއްވި ފަހުންނެވެ.

އަލްމަރްހޫމް އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާ ގުޅިގެން މެރުމަށް ހުކުމްކޮށްފައިވާ ހުމާމްގެ މައްސަލަ ހައިކޯޓުން ތާއިދުކޮށް މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އަދި ސްޕްރީމް ކޯޓުން ވަނީ މި މައްސަލަ ބަލައިގަނެ އިބްތިދާއީ އަޑުއެހުން މާޗް 6 ވަނަ ދުވަހު ކޯޓުގައި ބާއްވާފައެވެ.

ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ހުމާމް ވަނީ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައި އަފްރާސީމްގެ މަރުގެ މައްސަލަ ހިގާދިޔަ ގޮތް އެންމެ ރަނގަޅަށް އެގޭނީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަށާއި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްއަށް ކަމަށް ހުމާމް ވަނީ ބުނެފައެވެ.

ހުމާމް އާއި ސަރުކާރުގެ އިސްވެރިންތަކެއް ބައްދަލު ކުރި ކަމަށް ބުނާ މައްސަލައެއްގައި ކުރީގެ ކަރެކްޝަނަލް ސާވިސްގެ ވެރިއާ އާއި ފުލުހުން ސުވާލުކޮށްފައިވާ އިރު މިކަމުގެ އިތުރު ތަފްސީލެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް "އައްޑޫލައިވް"ގެ ނޫސްވެރިން ދަނީ މަސައްކަތް ކުރަމުންނެވެ.

ހުމާމްގެ މައްސަލަ ސްޕްރީމް ކޯޓުގައި އޮތް އިރު، ސްޕްރީމް ކޯޓުގައި ހުރި މައްސަލަތައް އަވަސްކުރުމަށް އެދިވަޑައިގަންނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ހައްދުން މަތީ ފޮނަދޫގައި ވިދާޅުވެފައެވެ.

ސްޕްރީމް ކޯޓުގައި މިހާރު ހުރި ބޮޑެތި މައްސަލަތަކުގެ ތެރޭގައި ޑރ. އަފްރާޝީމް އަވާހަރަކޮށްލި މައްސަލާގައި މެރުމަށް ހުކުމްކޮށްފައިވާ ހުމާމްގެ މައްސަލާއިގެ އިތުރުން 13 އަހަރަށް ޖަލަށް ހުކުމްކުރައްވާ ފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ މައްސަލަ ހިމެނެއެވެ.