Last Updated: April 27, 10:05
Saturday, April 27, 2024
ޚަބަރު

ފުވައްމުލަކު ޕީޕީއެމް ކައުންސިލަރަކު އިމްތިހާނެއްގައި ކޮޕީ ކުރިނިކޮށް ފަޅާއަރައިފި

ފުވައްމުލަކު ރަށު ކައުންސިލެއްގެ ރައީސް އިމްތިހާނެއްގައި ކޮޕީ ކުރިނިކޮށް ފަޅާއަރައި ފިއެވެ.

"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިމްތިހާނުން ކޮޕީ ކުރަނިކޮށް ފަޅާ އަރާފައިވަނީ ފުވައްމުލަކު ފުނާޑް ކައުންސިލްގެ ރައީސް އަލީ ވަސީމްއެވެ.

އަލީ ވަސީމް ކޮޕީ ކޮށްފައިވަނީ ފުވައްމުލަކު ޒިކުރާ އިންސްޓިއުޓްގެ ބިޒްނަސް މެނޭޖްމަންޓްގެ ލެވެލް 3 ގެ ކޯހެއްގެ އިނގިރޭސި އިމްތިހާނެއްގައެވެ.

ޒިކުރާ އިންސްޓިއުޓްގެ ދަރިވަރަކު ބުނިގޮތުގައި އަލީ ވަސީމް ހުސައިން އެދުވަހު ޓެސްޓްގައި ކޮޕީ ކުރިކަން ފަޅާއެރީ މީހަކު ލައްވާ އިނގިރޭސި އެސޭއެއް ލިޔެގެންގޮސް އެގްޒާމް ހޯލަށް ވަގަށް އެ އެސޭ ވައްދައި ޓެސްޓް ޕޭޕަރާއި އެކު އެސޭ އެޓޭޗް ކުރަން އުޅެނިކޮށް އެގްޒާމް ހޯލްގައި ހުރި އިންވިޖިލޭޓަރަށް ފެނިގެންނެވެ.

އިންވިޖިލޭޓަރ އެލިއުން ދޭން ބުނުމުން ނުދިން ކަމަށާއި އެއިންސްޓިއުޓްގެ އިސްމީހަކު އައިސް ލިޔުން އަތުލުމަށްފަހު އަލީ ވަސީމްވެސް އެގްޒާމް ހޯލުން ބޭރުކޮށްލާފައިވެއެވެ.

"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ވަސީމް ހުސައިން އަށް އަލުން އެ ޓެސްޓް ދޭގޮތަށް ޒިކުރާ އިންސްޓިއުޓްއިން މިހާރު ވަނީ ނިންމާފައެވެ.

އަލީ ވަސީމް އާއި އެކު އެއްކޯހެއްގައި ކިޔަވަމުންދާ ދަރިވަރަކު ބުނިގޮތުގައި އެކޯހުގައި ހަދަންޖެހޭ އެސައިންމަންޓް ފަދަ ތަކެތި ދުވަހަކުވެސް އަމިއްލައަށް އަލީ ވަސީމް ހުސައިން ނަހަދާކަމަށާއި ފައިސާ ދީގެން އެހެން ކުދިންލައްވާ އެސައިންމަންޓްތައް ހަދަމުންދާކަމަށެވެ.

އަލީ ވަސީމް ހުސައިން އަށް ފުވައްމުލަކު އެއާޕޯޓްގެ މެނޭޖަރ ކަމުގެ މަގާމް މިހާރު ހަމަޖެހިފައިވާ ކަމަށް "އައްޑޫލައިވް" އަށް އިތުބާރު ހުރި ގޮތަކަށް ވަނީ އެނގިފައެވެ.