Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

މިރޭ އާ ނޫހެއް ލޯންޗް ކުރަނީ

ކޯޓުން ހުއްޓުވާލައިފައިވާ "ހަވީރު" ނޫހުގައި ކުރިން މަސައްކަތް ކުރި ޓީމުން މިރޭ އާ ނޫހެއް ލޯންޗް ކުރާ ގޮތަށް ނިންމައިފި އެވެ.

މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި އެ ނޫހުގެ އޮންލައިން އެޑިޝަނާއި ޕްރިންޓްކޮށްގެން ނެރޭ ދުވަހު ނޫސް ވެސް ލޯންޗް ކުރާނެ އެވެ. މި ހަފުލާ ދިޓީވީ އާއި ވީޓީވީން މިރޭ 9:00 ގައި ލައިވް ކުރާ ގޮތަށް ވެސް ހަމަޖެހިފައިވެ އެވެ.

"ހަވީރު" ގައި މަސައްކަތް ކުރި ޓީމް ގުޅިގެން ނެރޭ ނޫހަކީ ރާއްޖޭގެ ނޫސްވެރިކަމަށް އަނެއްކާ ވެސްް ފަހި ކަމެއް އައިސް ކިއުންތެރިންގެ އިތުބާރާއި ޔަގީންކަން އަނެއްކާ ވެސް ހޯދާނެ ނޫހެއް ކަމަށް ގަބޫލް ކުރެވެ އެވެ.

އަލަށް މިރޭ ލޯންޗް ކުރާ ނޫހަކީ "ހަވީރު" ގައި ހިމެނޭ މައިގަނޑު ހުރިހާ ބައިތަކާ އެކު ވުޖޫދަށް އަންނަ ތަފާތު ބަދަލުތަކަކާ އެކު ކިއުންތެރިންނާ ހަމައަށް އަންނަ ނޫހެއް ކަމަށް އެނގިފައިވެ އެވެ.

އޭގެ ތެރޭގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ހަބަރާއި ކުޅިވަރާއި މުނިފޫހި، ވިޔަފާރި، ޓެކްނޮލޮޖީ ފަދަ ދާއިރާތައް ހިމެނެ އެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ އަދި ކިއުންތެރިންގެ މެދުގައި އެންމެ މަގުބޫލް "ހަވީރު" ހުއްޓުވާލުމާ ގުޅިގެން ކިއުންތެރިންގެ މެދުގައި އުފެދުނު "ފޫހިކަން" މިރޭ ލޯންޗް ކުރާ ނޫހާ އެކު ނިމުމަކަށް އަންނާނެ އެވެ.

"ހަވީރު" އަކީ ޖެނުއަރީ 1، 1979 އިން ފެށިގެން ހިންގަމުން ދިޔަ ނޫހެކެވެ.