Last Updated: April 26, 06:14
Friday, April 26, 2024
ސިޔާސީ

އީވޯޓިން އަށް ދާ ނަމަ އެމްޑީޕީން އިންތިހާބް ބޮއިކޮޓް!

އިންތިހާބުތަކުގައި އީވޯޓިން ބޭނުން ކުރަން ފެށުން ހުއްޓުވަން ޖެހޭ ކަމަށާއި އެ ނިޒާމް ބޭނުން ކުރާ ނަމަ އިންތިހާބުތައް ބޮއިކޮޓް ކުރަން ޖެހޭނެ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ބުނެފި އެވެ.

އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި 144 ވަނަ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވިދާޅުވީ އީވޯޓިން ތައާރަފު ކުރަން އުޅެނީ އިންތިހާބުތައް އޮޅުވާލައި، އެމްޑީޕީއަށް ބޮނޑިއެއް ދޭން ވެގެން ކަމަށެވެ.

މެމްބަރުން ވިދާޅުވީ މި ފަހަރުގެ އިންތިހާބުގައި އެމްޑީޕީ އަށް ގެއްލުމެއް ދިނުމުން ސަލާމަތް ކުރުމަށްޓަކައި އެފަދަ އިންތިހާބުތައް ބޮއިކަޓް ކުރަން ޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު އާދިލް ވިދާޅުވީ އީވޯޓިން ތައާރަފު ކުރަނީ ކުރިއެކޭ އެއްގޮތަށް ވޯޓް ފޮށިމަތީގައި ބަނޑު އަޅައިގެން އޮތުމަށް ކަމަށާއި އެފަދަ އިންތިހާބެއް އެމްޑީޕީން ބޮއިކަޓް ކުރަން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އީވޯޓިން އަށް ދާން އުޅެނީ އިންތިހާބު އޮޅުވާލައި، ރައީސް އަބްދުﷲ ޔާމީނަށް 2018 ގެ އިންތިހާބު ކާމިޔާބުކޮށް ދިނުމަށް ކަމަށެވެ.

ގާނޫނީ ވަކީލް ހަސަން ލަތީފު ވިދާޅުވީ ތިން ލައްކަ އާބާދީގެ ވޯޓު ގުނުމަށް އީ ވޯޓިންއެއް ބޭނުން ނުވާ ކަމަށެވެ.

"މިހާރު އޮތް ނިޒާމު ދޫކޮށްލާފައި އީވޯޓިންނަށް ދާން ޖެހޭ ސަބަބެއް އަޅުގަނޑުމެންނަކަށް ނުފެނޭ. މިކަމުގައި ވަރަށް ވިސްނުންތެރިކަމާ އެކު، އިންތިހާބުތަކުގައި ލިބިފައިވާ ހިތި ތަޖުރިބާގެ އަލީގައި ވަރަށް ރަނގަޅަށް ނިންމަންޖެހޭ. ބޮނޑިއެއް ދޭން ރާވާ މަޅީގައި އަޅުގަނޑުމެން ޖެހިގެން ނުވާނެ." އޭނާ ވިދާޅުވި އެވެ.

ހަސަން އަދި ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ބޭރުގެ ފަރާތްތަކާ ދައްކާ ވާހަކަތަކާއި އެ ބޭފުޅުން ރާއްޖޭގައި ދައްކާ ވާހަކަތައް ވެސް ތަފާތު ކަމަށެވެ.

އެމްޑީޕީގެ އިގްތިސޯދީ ކޮމިޓީގެ ނައިބު މުގައްރިރު އިބްރާހިމް އަމީރު ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ އިތުރަށް ދައުލަތުގެ މުއައްސަސާތަކަށް އިތުބާރު ނެތް އިރު، އީވޯޓިން ވެސް ރަނގަޅަށް ގެންދާނެ ކަމަށް ނުފެންނަ ކަމަށެވެ.

އެއްވެސް މިނިވަން ކަމެއް ނެތް އިރު، އެއްވެސް އެހެން ކަމެއް ރަނގަޅަށް ކުރިއަށް ގެންދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.