Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ނާޒިމްގެ އިސްތިއުނާފް މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބާއްވައިފި

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމްގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައިގެ އިބްތިދާއީ އަޑު އެހުން މިއަދު ހައި ކޯޓުގައި ބާއްވައިފިއެވެ.

ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށުގައި ނާޒިމް 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިދިޔަ މާޗު 26 ގައި ކުރި ހުކުމާއި ގުޅިގެން ހައި ކޯޓުގައި އިސްތިއުނާފްގެ ޝަރީއަތް ފެށުމުގެ ކުރިން ބާއްވާ އިބްތިދާއީ އަޑުއެހުމަކީ ޝަރީއަތް އަވަހަށް ނިންމުމަށްޓަކައި ގާޒީ ސާފުކުރަން ޖެހޭ ބައެއް މައުލޫމާތުތައް ސާފުކޮށް ކަށަވަރު ކުރަން ޖެހޭ ކަންކަން ކަށަވަރުކުރުމަށް ބޭއްވި އަޑުއެހުމެކެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ބަައްލަވާ ފަނޑިޔާރުގެ ބެންޗުން ވަނީ މިމައްސަލަ އާއި ގުޅޭގޮތުން ދައުލަތުން ހުށަހަޅާ ލިއުންތައް މިމަހުގެ 11 ވަނަ ދުވަހު ހުށަހެޅުމަށް އަންގާފައެވެ.

އަދި ނާޒިމްގެ ފަރާތުން ދިފާއީ ލިއުން ހުށަހެޅުމަށް މުއްދަތު ދީފައިވަނީ މިމަހުގެ 14 ވަނަ ދުވަހަށެވެ. އަދި އިތުރު ފުރުސަތެއް ޖޫން 18 ވަނަ ދުވަހު ދައުލަތަށް ދިނުމަށްފަހު މައްސަލައިގެ އަޑުއެހުންތައް ކުރިއަށްގެންދިއުމަށް ނިންމާފައެވެ.

ކާނަލް ނާޒިމްގެ އިސްތިއުނާމް މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންދަނީ މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސޫއޫދުއެވެ. ނާޒިމްގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވި މައުމޫން ހަމީދު ވިދާޅުވީ "ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމާއި އޭނާގެ ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ ރަނގަޅަށް ނޫން ކަމާ މެދު އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަމެވެ. އަދި އޭނާގެ ކުށެއް ނެތް ކަމަށް ވެސް އަޅުގަނޑު ގަބޫލުކުރަމެވެ،".

ރައީސް ޔާމީންގެ ސަރުކާރުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމްގެ ހުކުމާއި ގުޅޭގޮތުން އެތައް ބަޔަކު ޖުޑިޝަރީއަށް ފާޑުކިޔަމުން އަންނަ އިރު ސަރުކާރާއި އިދިކޮޅު ފަރާތްތަށް ހިފާ، އެކި ކަހަލަ ތުހުމަތުކޮށް، ޝަރީއަށް ހިންގުން މިދުވަސްކޮޅު ވަނީ އާއްމުވެފައެވެ. އެކަމާއި ގުޅިގެން މާލޭގައި ދަނީ ހުއްޓުމެއް ނެތި އިހްތިޖާޖް ކުރަމުންނެވެ.