Last Updated: April 26, 15:02
Friday, April 26, 2024
ރިޕޯޓް

"އަސްވާން ފޭދޫގެ ތަރައްޤީއަށް ފޮނި ތަސައްވުރެ ގެންގުޅުއްވި"

އަސްވާން ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި

ރޭ ދަންވަރު ކުއްލި ގޮތަކަށް ހާޓް އެޓޭކެއް ޖެހިގެން ނިޔާވި ފޭދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ އަސްވާން އަކީ ފޭދޫ ދާއިރާގެ ތަރައްޤީއަށް ފޮނި ތަސައްވުރެ ގެންގުޅުއްވި ބޭފުޅެކެވެ.

މިއަހަރު ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ކައުންސިލަރު ކަމުގެ ހުވާ ކުރެއްވުމަށްފަހު އަސްވާން ގެންދެވީ ފޭދޫގެ ރައްޔިތުން އެންމެ ކަންބޮޑުވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައި ދިނުމަށެވެ. އެގޮތުން ފޭދޫ ބޮޑު މަގުގައި ހުންނަ ސީމީ ފިހާރައާއި ދިމާލުގައި ވާރޭ ވެހޭ ކޮންމެ އިރަކު ހެދޭ ބޮޑު ފެންގަޑު ހިންދުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.

އަސްވާންގެ ގާތް އެކުވެރިއަކު ބުނީ އޭނާގެ އަބަދުގެވެސް ފިކުރަކީ ފޭދޫއަށް ކޮންމެވެސް ގޮތަކުން "ތަރައްޤީ"އެއް ގެނެވޭނެ ގޮތެއް ހޯދުމަށެވެ.

އަސްވާން އާއި އެންމެ ގާތުން ކައުންސިލްގައި މަސައްކަތް ކުރެއްވި ހުޅުމީދޫ ދާއިރާގެ ކައުންސިލަރު އަލީ މުހައްމަދު (އައްދު) ފާހަނގަ ކުރި ގޮތުގައި އަސްވާންގެ ކުއްލި މަރަކީ ފޭދޫގެ ތަރައްޤީއަށް ލިބިގެން ދިޔަ ދެރައެއް ކަމަށެވެ.

"އަތޯ އަބަދުވެސް ވަރަށް ތެދުވެރިކަމާއި އެކު ފޭދޫއަށް ކަންކަން ފަހި ކުރުމަށް މަސައްކަތް ކުރި. އެގޮތުން އަތޯގެ ހުވަފެނެއް އައްޑޫގައި ފުޓްބޯޅަ ލީގެއް ފެށުމަކީ، އެކަމަށްވަރަށް މަސައްކަތް ކުރެއްވި" އައްދު ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާގެ މީޑިއާ އޮފިޝަލް މުހައްމަދު ލުޠުފީ ވިދާޅުވީ ފޭދޫ ރައްޔިތުންނަށް ހިދްމަތް ކުރަން އަސްވާނަށް ލިބި ލެއްވި ކުޑަ ދުވަސް ކޮޅުގެ ތެރޭގައި އިހްލާސްތެރި ކަމާއި އެކު މަސައްކަތް ކުރެއްވި ކަމަށެވެ.

ލުޠުފީ ވިދާޅުވީ މީގެ ދެ ހަފްތާ ކުރިން އަސްވާން އާއި އޭނާގެ އޮފީސް މޭޒުކައިރިން ދިމާވުމުން ދިއްކޮށްލީ ކުޑަ ނޯޓް ފޮތެއް ކަމަށެވެ. އަދި ސަމާސާ ރާގަކަށް ތީގައި ލިޔެފައި ހުރި ލިއުން ކިޔަން އެނގޭތޯ ސުވާލު ކުރިކަމަށެވެ.

"އަޅުގަނޑު ފޮތް ބަލަން ފެށީމާ އަސްވާން ކިޔައިދޭން ފެށި. އޭގައި ވަނީ ފޭދޫ ގަމާއިވީ ކޮޅުން އެއާޕޯޓް ބޮޑުކުރަން ހިއްކި އިރު ލާން ޖެހޭ ތޮށިގަނޑު ނުލާތީ އެކަމާއި ހެދި ފޭދޫން ބޮޑު ބައެއް ގިރައިގެން ހިނގައިދާނެތީ އެކަމަށް މަސައްކަތް ކުރާނެ ގޮތްތައް"

ލުޠުފީ ވިދާޅުވީ އެދުވަހު އަސްވާނުގެ ދުރު ވިސްނުމާއި ފޭދޫގެ ކުރިމަގާއި މެދު ގެންގުޅުއްވާ ކަންކަން އެނގިގެން ދިޔަ ކަމަށެވެ.

އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ އަޅުގަނޑުމެންނާއި ވަކިވެގެން އެދިޔައީ އައްޑޫ ރައްޔިތުންގެ ހައްގުގައި ބުރަ މަސައްކަތް ކުރައްވަމުން ގެންދެވި ޒުވާނެއް ކަމަށެވެ.

"އަޅުގަނޑުމެންނާއި ވަކިވެ އެދިޔައީ، އެކުވެރިއެއް، އެކުގައި މަސައްކަތް ކުރެއްވި ހިތްހެޔޮ، ހީވާގި ބޭފުޅެއް، އައްޑޫ ރައްޔިތުންގެ ހައްގުގައި ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދެވި ފަހްރުވެރި ދަރިއެއް. ﷲ އަސްވާންގެ ފުރާނައަށް ހެޔޮ ރަހްމަތް މިންވަރު ކުރައްވާށި"

އަސްވާން އެހެން ރައްޓެއްސަކު ބުނީ ރޭ ވެސް ފޭދޫގެ ކަންކަމާއި މެދު ވާހަކަ ދެއްކި ކަމަށާއި، ރައްޔިތުންނާއި ރޯދަ މަހުގެ ފަހުން ބައްދަލު ކުރުމަށް ނިންމާފައިވާތީ ކުރީގެ ބައްދަލުވުމުގައި ކޮށްދޭން ވައުދުވި ކަންކަން ނުނިމޭތީ ކަންބޮޑުވުން ފާޅު ކުރެއްވި ކަމަށެވެ.

އެގޮތުން އެންމެ ބޮޑަށް ފާހަނގަ ކުރެއްވީ ބޮޑު މަގުގައި ހެދޭ ފެންގަނޑުގެ މައްސަލަކަމަށް އޭނާ ބުންޏެވެ.

އަސްވާން ކުއްލި ގޮތަކަށް ނިޔާވުމާއި ގުޅިގެން އައްޑޫގެ ވަރަށް ގިނަ ރައްޔިތުންނަށް ވަނީ ކުއްލި ޝޮކެއް ލިބިފައެވެ. އަސްވާންގެ އެކުވެރިން ބުނީ ގެއްލިގެން ދިޔައީ ފޭދޫއަށް އިހްލާސްތެރިކަމާއި އެކު މަސައްކަތް ކުރަމުން ދިޔަ ޒުވާނެއް ކަމަށެވެ.