Last Updated: April 26, 22:31
Friday, April 26, 2024
ވިޔަފާރި

ފޭދޫ އެސްޓީއޯ ހިންގަން އިމާރާތެއް ހޯދަނީ

ސ. ފޭދޫގައި ހުންނަ އެސްޓީއޯ ފިހާރަ މިހާރު ހިންގަމުން އަންނަ އިމާރާތުގެ ބަދަލުގައި އެހެން ތަނެއް ހޯދަން އެ ކުންފުނިން އިއުލާންކޮށްފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނިން ނެރެފައިވާ އިއުލާނެއްގައި ބުނަނީ ފޭދޫ އެސްޓީއޯ ފިހާރަ ހިންގަން އިމާރާތެއް މި ފަހަރު ވެސް ބޭނުން ވަނީ ފޭދޫ ބޮޑު މަގުން ކަމަށެވެ. އެހެންވެ އިމާރާތެް ހޯދާ އިރު، ބޮޑު މަގުން ލިބޭ ތަނަކަށް އިސްކަން ދޭން ވަނީ ނިންމައިފަ އެވެ.

އެސްޓީއޯ ފޭދޫ ފިހާރަ މިހާރު ވެސް ހިންގަނީ ބޮޑު މަގުގައި ހުންނަ އިމާރާތެއްގަ އެވެ.

އެސްޓީއޯ އިން ބުނީ ބޭނުން ވަނީ މަސައްކަތްކޮށް ނިމި، ވަގުތުން ވެސް ފިހާރަ ހުޅުވޭ ވަރަށް ހަދާފައި ހުރި 1،000 އަކަފޫޓާއި 1،500 އަކަފޫޓްގެ އިމާރާތެއް ކަމަށެވެ.

އަދި އިމާރާތުގެ ކުލި ކަނޑައަޅާނީ އެސްޓީއޯ އާއި އިމާރާތުގެ ވެރިފަރާތް އެއްބަސްވާ ގޮތަކަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެހެންވެ އިމާރާތެއް ކުއްޔަށް ދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހު ފޭދޫގައި ހުންނަ އެސްޓީއޯ ފިހާރަ އަށް ނުވަތަ މާލޭގައި ހުންނަ އެސްޓީއޯގެ ހެޑް އޮފީހަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެ ކުންފުނިން އެދެ އެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު 3012506 އަށް ގުޅުމުން ލިބޭނެ އެވެ.

އެނގިފައިވާ ގޮތުގައި ފޭދޫ އެސްޓީއޯ ފިހާރަ މިހާރު ހިންގާ އިމާރާތް ހުރި ބިމަކީ ފޭދޫ ސްކޫލްގެ ޖާގަ ބޮޑު ކުރަން އެ ސްކޫލަށް ދީފައިވާ ބިމެކެވެ.

މި ސަބަބާ ހުރެ މިދިޔަ އަހަރުގެ ތެރޭގައި ފޭދޫ އެސްޓީއޯ ފިހާރަ ހިންގާނެ އެހެން ތަނެއް ލިބެންދެން އެ ފިހާރަ ވަގުތީ ގޮތުން ބަންދު ވެސް ކުރަން އުޅުނެވެ.

ފޭދޫ އެސްޓީއޯ ފިހާރައަކީ އައްޑޫގައި ހުޅުވި އެ ކުންފުނީގެ ފުރަތަމަ ފިހާރަ އެވެ.

އެހެން ނަމަވެސް މިހާރު މަރަދޫފޭދު އާއި ހިތަދޫގެ އިތުރުން ހުޅުމީދޫގައި ވެސް އެސްޓީއޯގެ ފިހާރަަތައް އެބަ ހުއްޓެވެ.