Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

"އަމިއްލަ" ސްޓިކާ ދޫނުކުރަން ނިންމައިފި

އައްޑޫ ސިޓީ ކައުންސިލުން ވެހިކަލް ތަކަށް ދޫކުރަމުން ދިޔަ "އަމިއްލަ" ސްޓިކާ ދޫކުރުން މަޑު ޖައްސައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.

ކައުންސިލްގެ މީޑިއާގެ ކަންކަމާއި ހަވާލުވެ ހުންނެވި އެސިސްޓެންޓް ޑިރެކްޓަރ މުހައްމަދު ލުޠުފީ މިއަދު ވިދާޅުވީ، ކައުންސިލާއި، މީރާއަދި ފުލުހުން އެކުގައި ބޭއްވި ބައްދަލުވުމަކަށްފަހު، ކައުންސިލުން ތައްޔާރުކޮށްފައިވާ ސްޓިކާ ދޫކުރުން މަޑު ޖައްސާފައިވާ ކަމަށެވެ.

ލުޠުފީ ވިދާޅުވީ އަހަރީ ފީ ސްޓިކާގެ ބަދަލުގައި ކައުންސިލުން ދޫކުރާނީ "ފައިސާ ބަލައިގެންފައިދޭ ރަސީދު" ކަމަށެވެ. އަދި ފައިސާ ދެއްކި ރަސީދު ދެއްކުމުން ފުލުހުން އެލިއުން ގަބޫލް ކުރާނެ ކަމަށެވެ.

އައްޑޫ ސިޓީގައި ދުއްވާ ވެހިކަލް ތަކުން ނަގާފީ މީރާއަށް ޖަމާ ނުކުރާތީ ކައުންސިލަށް ޓްރާންސްޕޯޓް ސްޓިކާ ދޫކުރުން މީރާއިން ވަނީ މެދު ކަނޑާލާފައެވެ.

ކައުންސިލާއި، މީރާ އަދި ފުލުހުން އެކުގައި ބޭއްވި ބައްދަލުވުމުގައިވެސް ކައުންސިލުން ވަނީ އެ ފައިސާ މީރާގެ އެކައުންޓަށް ޖަމާ ކުރަން ނުޖެހޭ ކަމަށް ބުނެފައެވެ. ކައުންސިލުން ބުނީ އެއީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަށް ލިބޭ އާމްދަނީ އެއްކަމަށެވެ.

ލުޠުފީ ވިދާޅުވީ، ޓްރާންސްޕޯޓް ސްޓިކާ ކައުންސިލަށް ދޫކުރުމާއި ގުޅޭ ގޮތުން މީރާ އާއި ކައުންސިލުން ފިނޭންސް މިނިސްޓްރީ އާއި އެކު މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އައްޑޫގައި ދުއްވާ ވެހިކަލްތަކުގެ އަހަރީ ފީ ސްޓިކާ ސަރުކާރުގެ އެއްވެސް ކަމާއި ބެހޭ ފަރާތަކުން ބަލައި ނުގަންނާނެކަމަށް ބުނުމާއި ގުޅިގެން އާއްމު ރައްޔިތުން ވަނީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ.