Last Updated: April 26, 23:59
Friday, April 26, 2024
ސިޔާސީ

"ތަރައްގީގެ ވިސްނުން ވާން ޖެހޭނީ އެކައްޗަކަށް"

ސިޔާސީ ގޮތުން ހިޔާލު ކިތަންމެ ތަފާތުވި ނަމަވެސް އައްޑޫގެ ތަރައްޤީގެ ކަންކަމުގައި އެންމެންވެސް އެއް ވިސްނުމެއް ގެންގުޅުމަށް އައްޑޫގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ޠޮއްޔިބް (ޓޮމް) ގޮވާލައްވައިފި އެވެ.

އެސްޓިއޯ އާއި އެމްއެންޑީއެފް ފޭދޫގައި ތައްޔާރުކުރި "އެސްޓިއޯ ނޫފަހި ފުޓްސަލް އެރީނާ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ޠޮއްޔިބް ވިދާޅުވީ އައްޑޫގެ ތަރައްޤީއަށް މިސަރުކާރުން ކުރައްވާ ހުރިހާ މަސައްކަތެއްގައި ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

ޓޮމް ވިދާޅުވީ އައްޑޫގައި ތިބެގެން، ޕާސްޕޯޓް ހެދޭނެ އިންތިޒާމް ހަމަޖެހުމަކީ، އައްޑޫ ރައްޔިތުންނަށް ލިބިގެން ދިޔަ ބޮޑު ފަސޭހައެެއް ކަމަށާއި، އެކަން ހަގީގަތަކަށް ހެއްދުވުމަށް ޑިފެންސް މިނިސްޓަރ ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް ކޮށްދެއްވި މަސައްކަތަކަށް ޝުކުރު އަދާ ކުރާކަމަށެވެ.

އައްޑޫގައި ސަރުކާރުން ގާއިމް ކުރަން ފަށާފައިވާ ފުޓްސަލް ދަނޑުތަކަކީ އައްޑޫގެ ޒުވާނުންނަށް ވަރަށް މުހިއްމު ތަންތަން ކަމަށް ވިދާޅުވެ، އިގްތިސާދީ ގޮތުން އައްޑޫ ތަރައްޤީކޮށް ދެއްވުމަށް ޠޮއްޔިބް ގޮވާލެއްވި އެވެ.

އައްޑޫ ސިޓީ ކައުންސިލަކީ ސަރުކާރާއި ގުޅިގެން، ވަރަށް ފުރިހަމައަށް މަސައްކަތް ކުރަމުން އަންނަ ކައުންސިލެއް ކަމަށް ޑިފެންސް މިނިސްޓަރ އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭގެ) ރައީސް ކާނަލް (ރިޓަޔަޑް) މުހައްމަދު ނާޒިމް ވިދާޅުވިއެވެ.