Last Updated: April 26, 06:56
Friday, April 26, 2024
މުނިފޫހިފިލުވުން

ކާޖޮލް އާ ފިލްމަކަށް ތައްޔާރުވެއްޖެ

ބޮޑު ސްކްރީނާ ވަރަށް ބޮޑަށް ދުރުގައި ހުރި ކުޅަދާނަ ބަތަލާ ކާޖޮލް އާ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

އެކަން އޭނާގެ ފިރިމީހާ އެކްޓަރު އަޖޭ ދޭވްގަން ވަނީ ކަށަވަރުކޮށް ދީފަ އެވެ.

އަންނަ މަހު ރިލީޒް ކުރާ އަޖޭގެ "ސިންގަމް ރިޓާންސް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން އަޖޭ ބުނީ، ކާޖޮލް މި އަހަރުގެ ތެރޭގައި ފިލްމެއްގެ މަސައްކަތް ފަށާނެ ކަމަށެވެ.

އަދި އެ ފިލްމަކީ އަންހެނެއްގެ ހަޔާތުގެ މައްޗަށް ބިނާކޮށް، ކާޖޮލް މައިގަނޑު ރޯލުން ފެނިގެން ދާނެ ފިލްމެއް ކަމަށް ވެސް އަޖޭ ބުންޏެވެ.

"މި ބަލަނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ފިލްމުގެ މަސައްކަތް ފެށުމަށް. ފިލްމަކީ ވިމެން ސެންޓްރިކް ފިލްމެއް. އެހެން ނަމަވެސް ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް މި ވަގުތު އަދި ހާމަ ކުރެވޭކަށް ނެތް،" މީގެ ކުރިން ކާޖޮލް ހިމަނައިގެން "ޔޫ މީ އޯރް ހަމް" ގެ ނަމުގައި ފިލްމެއް ވެސް ޑައިރެކްޓް ކުރި އަޖޭ ބުންޏެވެ. "ފިލްމުގައި ކާޖޮލް އާ އެކު ލީޑް ރޯލް ކުޅޭނެ އެކްޓަރަކު ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން."

އަޖޭ އިތުރަށް ބުނީ އަންހެނުން ކާޖޮލްގެ އާ ފިލްމުގައި އޭނާ އެއްވެސް ރޯލަކުން ފެނިގެން ނުދާނެ ކަމަށެވެ. އޭގެ ބަދަލުގައި އޭނާ އަދާ ކުރާނީ ފިލްމުގެ ޕްރޮޑިސަރެއްގެ ރޯލް އެކަނި ކަމަށް އަޖޭ ބުންޏެވެ.

އަޖޭ ބުނީ މި ފިލްމް ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ އަހަރުގެ ތެރޭގައި ކަމަށެވެ. އެހެން ނަމަވެސް އަދި ވަކި ދުވަހެއް ކަނޑައެއް ނާޅަ އެވެ.

Kajolajay_630x420

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ކާޖޮލް އެނބުރި ބޮޑު ސްކްރީނަށް އަންނަ ފިލްމް ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ ޓީވީ އިޝްތިހާރުތައް ހަދަން މަޝްހޫރު ރާމް މަދުވާނީ އެވެ.

ކާޖޮލް އެންމެ ފަހުން ކުޅުނު ފިލްމަކީ ކަރަން ޖޯހަރު 2010 ގައި ގެނެސް ދިން "މައި ނޭމް އިޒް ހާން" އެވެ.