Last Updated: May 8, 09:44
Wednesday, May 8, 2024
ރިޕޯޓް

ވެރިކަމުގެ އެތެރެ ކޮއިލުގައި އަދީބު އާއި މެދު ހިތްހަމަނުޖެހުންތަކެއް!

އަދީބް ޒުވާނުންނާއި އެކު ސައިކަލް ބުރެއްގައި ބައިވެރިވަނީ. އަދީބު ނައިބު ރައީސަށް ގެނައުމަށް ޒުވާނުން ވަނީ ބޮޑު ކެމްޕެއިނެއް ފަށާފައި

ދިވެހިރާއްޖޭގެ ނައިބު ރައީސް ކަމަށް ވަޑައިގަތުމުގެ ކެމްޕެއިނެއް ފަށްޓަވައިގެން އުޅުއްވާ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބާއި މެދު ދިވެހިރާއްޖޭގެ ވެރިކަމުގެ އެތެރެ ކޮއިލުގައި ތިއްބެވި ބައެއް ބޭފުޅުން ހިތްހަމަޖެހިވަޑައި ނުގަންނަވާކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބު އަށް ތާއީދު ކުރާ ޒުވާނުން ކުރިއަށް ގެންދާ 'އަދީބް ފޯ ވީޕީ" ކެމްޕެއިންގެ ސަބަބުން ރައީސް ޔާމީންގެ އަގު ވެއްޓިގެން ދާކަމަށް ރައީސް ޔާމީންގެ ބައެއް އަރިސް ބޭފުޅުން ޤަބޫލުފުޅުކުރައްވައެވެ.

އަދީބު އާއި އެންމެ ގާތް ގުޅުމެއް އޮންނަ ކަމަށް ވާހަކަދެކެވޭ، ދިވެހިރާއްޖޭގެ ފަސްޓް ލޭޑީ ފާތުމަތް އިބްރާހިމް އާއި އަދީބުގެ ގުޅުން ވެސް މިދުވަސްވަރު އެހާ ރަނގަޅު ނޫންކަމަށް ވެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވި ޕީޕީއެމްގެ އިސްބޭފުޅަކު ވިދާޅުވި ގޮތުގައި އަދީބު އަށް ކުރައްވާ ކެމްޕެއިންގެ ތެރެއިން ނުސީދާ ގޮތެއްގައި، 'ރައީސް ޔާމީން ހުންނަން ޖެހޭނީ އަދީބުގެ ފަހަތަުގައި ކަމަށް' ބުނެ ވާހަކަ ދެކެވެމުން ގެންދާ ކަމަށެވެ.

"އަދީބު އަށް ކެމްޕެއިން ކުރާ ޒުވާނުން ސޯޝަލް މީޑިޔާގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެބަބުނޭ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ފަހު އަދީބު އޭ ބޮޑު ވަޒީރަކީ. ރައީސް ޔާމީންގެ އަރިސް ބޭފުޅުން މިހާރު އެހާ ބޭނުންފުޅެއް ނުވޭ އަދީބު ގެންނާކަށް." އޭނާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަމުން ޕީޕީއެމްގެ ކައުންސިލްގައި ވެސް ހިމެނިވަޑައިގަންނަވާ އެބޭފުޅާ ވިދާޅުވި ގޮތުގައި ނައިބު ރައީސް ކަމަށް ގެންނަވާނީ އަދީބު ކަމެއް ނުވަތަ އެހެން ބޭފުޅެއް ކަން ވެސް އަދި ރައީސް ޔާމީން ނިންމާފައި ނުވާ ކަމަށާއި، އެއީ ސީދާ ރައީސް ޔާމީންގެ ނިންމެވުމެއް ކަމަށެވެ.

ނައިބު ރައީސް ކަމަށް އަދީބު ނުގެނެސް އެހެން ބޭފުޅަކު ގެނެސްފިނަމަ އަދީބު ސަރުކާރުގައި ހުންނަވާނެތޯ އެހުމުން އޭނާ ވިދާޅުވިގޮތުގައި، ރައީސް ޔާމީންގެ ކުރިފުޅުމަތީގައި "ދެކޮޅު ވެރިކަން ނުދެއްކޭނެ" ކަމަށެވެ.

ނައިބު ރައީސް ކަމަށް އަދީބު ގެނައުމަށް އެއްބަޔަކު ފޯރީގައި ކެމްޕެއިން ކުރައްވަމުން ގެންދާ އިރު އެ މީހުން ބޭނުންވާގޮތަށް، އަދި ޚުދު އަދީބު ވެސް ބޭނުންފުޅުވެގެން ހުންނެވި ގޮތަށް އެބޭފުޅާ އަށް ނައިބު ރައީސްކަން ލިބޭނެ ކަން ނުވަތަ ނޫންކަން މާދަމާ އެނގިގެން ދާނެއެވެ.