Last Updated: April 26, 10:28
Friday, April 26, 2024
ކޮލަމް

މިނިވަންކަމާއި އަޅުވެތިކަމުގެ ޗަރުކޭސް މަގޭ ގަލަމުން

ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި އަޅުވެތިކަން އޭގެ ފުރިހަމަ މާނައިގައި
ތަޖުރިބާކޮށްފައިވަނީ ދެ ފަހަރަކުއެވެ. އެއީ ޕޯޗުގީޒުންގެ
އަޅުވެތިކުރުމާއި ހޮޅީންގެ އަޅުވެތިކުރުމެވެ. ދިވެހިން މިއަދު
ފާހަގަކުރަމުންދާ މިނިވަން ފަންސާހަކީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުން
ނެއްޓި ފުރިހަމަ މިނިވަން މުސްތަގިއްލުކަމުގެ ދަރަޖަ ލިބުނުތާ ފަންސާސް
އަހަރު ފުރުމުގެ މުނާސަބާއެވެ. މިދަރަޖަ ދިނުމުގެ އެއްބަސްވުމުގައި
ސޮއިކުރީ 26 ޖުލައި 1965ގައެވެ.

އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ތިބިތިބުމަކީ އަޅުވެތިކަމެއްކަމުގައި
ބައެއް މީހުން ނުދެކެއެވެ. އެކަމަކު އަނެއްބައެއްގެ ޚިޔާލު ތަފާތެވެ.
އެހެންވީމާ މިހިމާޔަތެއްގެ އަސްލަކީ ކޮބައިތޯއާއި މިކަން ފެށިގެން އައީ
ކޮންގޮތަކަށްތޯ ބަލާލުމަކީ މިކަހަލަ ދުވަހެއްގައި އޮތްކަމެކެވެ.

ދުނިޔޭގެ އޮޔާއިވައި އެކިގޮތްގޮތަށް އެނބުރެމުންދިޔަ އިރު ދިވެހި
ގޮނޑުދޮށްތަކަށް ވެސް އޭގެ އަސަރު ދިޔައީ ފޯރަމުންނެވެ. ބޭރުގެ ބާރުގަދަ
ދައުލަތްތަކުގެ ހިމާޔަތް އެކި ދުވަސްވަރު އެކިސިފަސިފައިގައި ހޯދުމަށް
މަޖްބޫރުވިއެވެ. އެކަހަލަ ހާލަތްތަކުގައި އެކުވެރިކަމާއި ދެނެގަތުމުގެ
ރަމްޒެއްގެ ގޮތުން ޖިޒީ ފޮނުވުން އޮވެއެވެ. މިޖިޒީއަކީ ހަމައެކަނި ރަމްޒީ
ގޮތެއްގައި ކުރެވުނު ކަމެކެވެ. ހޮލެންޑު މީހުން ސިލޯނުގައި
ތިބިދުވަސްވަރު އެމީހުންނަށާއި އިނގިރޭސިން ސިލޯނުގައި ތިބިއިރު
އެމީހުންނަށް ފޮނުވުނީ ރަމްޒީ ޖިޒީއެކެވެ.

ދިވެހި ތަޚުތުގައި ސުލްތާން މުހައްމަދު މުއީނުއްދީން ތިންވަނަ ހުންނެވި
ދުވަސްވަރަކީ ސިޔާސީ ގޮތުން މާލޭގައި ވަރަށް ކޯޅުން ބޮޑުވި
ދުވަސްވަރެކެވެ. މާލޭގައި ތިބި ބިދޭސީ ވޯރާ ވިޔަފާރިވެރިންނަށް ދިވެހި
ދައުލަތް އޮތީ ދަރައި ވިކިފައެވެ. އަތިރީގޭ ބޭފުޅުންނާއި ކަކާގޭ
ބޭފުޅުންގެ މެދުގައި ބާރުތައް ހޯދުމުގެ ވާދަވެރިކަމެއް ފެށި މާލޭގައި
ހުޅުޖެހުމެއްވެސް ތަމްސީލުވެގެން ދިޔައެވެ. މަޝްހޫރު ބޮޑު ހުޅަކީ
އެއީއެވެ. ހުޅު ޖެހުމުގެ މޭސްތިރިންނަކީ އަތިރީގޭ ބޭފުޅުންނެވެ.
މަގްސަދަކީ އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން ނަމަވެސް ރާއްޖޭގެ
ދާޚިލީ ކަންކަމުގެ ތެރެއަށް އިނގިރޭސިން ވެއްދުމެވެ. އަތިރީގޭ ބޭފުޅުންގެ
އާރާއި ބާރު އަލުން ގާއިމްވާން އޮތީ އިނގިރޭސީންގެ ނުފޫޒު ރާއްޖެއަށް
ގެނެސްގެންނެވެ.

އަތިރީގޭ އިބްރާހިމް ދޮށިމޭނާ ކިލެގެފާނުގެ ރޭވުމެއްގެ ތެރެއިން
އިނގިރޭސި މަނަވަރެއް މާލެ ގެނެސްފިއެވެ. އެޗްއެމްއެސް ބްރިޓަން ކިޔާ
މިމަނަވަރު މާލެ އައީ 22 ފެބްރުއަރީ 1887 ގައެވެ. ސިލޯނުގައި ހުންނަވާ
އިނގިރޭސި ގަވަރުނަރުގެ ޚާއްސަ މަންދޫބެއްގެ ގޮތުން މަނަވަރުން
ވަޑައިގަތީ ރިއަރ އެޑްމިރަލް ފްރެޑެރިކް ރިޗަޑް އެވެ. އޭނާއާއިއެކު
އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ ދެވަނަ ދަރިކަލުން އަހުމަދު ދީދީ އާއި
ވޯރާއިންގެ އިސް ބައެއް މީހުންވެސް އައެވެ. މިޓީމު މާލެއަށް ފައިބައި
ލަސްތަކެއް ނުވެ ދިޔައީ ރަސްކަމުގެ ގަޑުވަރަށެވެ. ރަސްގެފާނު
އާއްމުގޮތެއްގައި އިއްޒަތްތެރިންނާ ބައްދަލުކުރައްވާ ތަނަކީ މަތިގެއޭ
ކިޔުނު ޗެމްބަރެކެވެ. އެތަނުގައި މި ޓީމު ރަސްގެފާނު މުއީނުއްދީނާ
ބައްދަލުކޮށްފިއެވެ. މިދަރުބާރުގައި ބޮޑުވަޒީރު ކަކާގޭ މުހައްމަދު
ރަންނަބަނޑޭރި ކިލެގެފާނާއި އުއްތަމަ ފަނޑިޔާރު ނާއިބު ތުއްތުވެސް
އިންނެވިއެވެ.

ދިވެހިދައުލަތް އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށް ބުނެ އަދި
ރަސްގެފާނަށް ދިވެހިރާއްޖޭގެ ސުލްހަ މަސަލަސްކަން އަމިއްލައަށް
ނުބެލެހެއްޓޭކަމަށް ބުނެ އެއްވެސް ޝަރުތަކާނުލައި އިނގިރޭސިންގެ
އިސްތިއުމާރު ގަބޫލުކޮށް އިނގިރޭސި ވެރިކަމުގެ ދަށަށް ދާން އެއްބަސްވެ
އެކަމުގެ ލިޔުމެއް ލިޔެ ސޮއިކުރުމަށް މަނަވަރު ޓީމުން އެދުނެވެ. ކަމުގެ
ބާވަތުން ރަސްގެފާނު އެދިވަޑައިގަތީ ރައްޔިތުންނާއި މަޝްވަރާކުރުމަށް
ވަގުތުކޮޅެކެވެ. ހަފުތާއެއްގެ މުހުލަތުދީފައި މަނަވަރު ޓީމު އެނބުރި
މަނަވަރަށް ހިގައްޖެއެވެ. ރަސްގެފާނު މުއީނުއްދީން ރައްޔިތުންނާ މަޝްވަރާ
ކުރެއްވިއިރު މިއީ ރައްޔިތުން ރުހޭ ކަމަކަށްނުވިއެވެ. ވަޒީރުންނާއި
ސިފައިންނާއި ބޮޑުން އަދި އާއްމުރައްޔިތުންގެ ބަހަކީ ނޫނެކޭއެވެ. ނޫނެކޭ
ބަސް ބުނުމުގެ މުގުލުގައި ހުންނެވީ އުއްތަމަ ފަނޑިޔާރު ނާއިބު ތުއްތު
އެވެ. އޭނާގެ ރައުޔަކީ މިއެވެ. އެއްކައުވަންތަ އިލާހު ފިޔަވައި އެހެން
ފަރާތެއްގެ ހިމާޔަތާއި ރައްކާތެރިކަމަށް އެދުމަކީ މުސްލިމަކު
ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި އަމްދުން އިސްލާމީ ދައުލަތަކުން
އިގުރާރުވެގެންވާނެ ކަމެއްވެސް ނުމެނޫންމެއެވެ.

ރައްޔިތުންގެ ބަސް އިނގިރޭސި މަނަވަރުގެ ޓީމަށް ރަސްގެފާނު
އިއްވެވުމާއެކު ލަސްނުވެ އެމަނަވަރު ފުރައިގެން ކޮޅުނބަށް ހިގައްޖެއެވެ.
އެފަހަރުގޮސް އިނގިރޭސިންނާއި އަތިރީގޭ ބޭފުޅުން މަޝްވަރާކޮށްގެން ނިންމީ
ކުރިއަށްވުރެ ވަރުގަދަ ބާރާއެކު އެގްރީމަންޓެއްވެސް ލިޔެގެން މާލެ ގޮސް
މަޖުބޫރުން ސޮއިކުރުވުމަށެވެ. މިގޮތަށް ނިންމުމަށްފަހު ވޯރާއިންގެ
ތެރެއިން އަރަބި ދަންނަ އަބްދުއްރަހުމާން އާލިމް ސާހިބު އޭ ކިޔުނު މީހަކު
ލައްވައި އަރަބި ބަހުން އެގްރިމަންޓެއް ލިޔުއްވައިފިއެވެ.
މިއެގްރިމަންޓުގައި ލިޔެފައި އޮތީ ރަސްގެފާނު އަމިއްލަފުޅަށް އެދިގެން
އަދި ދިވެހިރައްޔިތުންވެސް އެދިގެން އިނގިރޭސި ހިމާޔަތުގެ ދަށަށް ދާން
އެއްބަސްވާ ވާހަކައެވެ.

އެގްރިމަންޓު ލިޔެގެން މިފަހަރު އަތިރީގޭ ޓީމާއި އިނގިރޭސިން އަދި
ވޯރާއިންގެ ޓީމު މާލެ އައީ ކުރިއާ ޚިލާފަށް އެންމެ ބޮޑެތި މަނަވަރުގެ
ތެރޭން ދެ މަނަވަރެއްގައެވެ. އެގްރިމަންޓަށް އުނިއިތުރު ގެންނަން
ޖެހިދާނެކަމަށް ބަލައިގެން އެގްރިމަންޓު ލިޔުނު އަބްދުއްރަހުމާނު އާލިމް
ސާހިބުވެސް ގެނައެވެ. މިޓީމު މާލެ ފައިބައި މަތިގެއަށް ގޮސް ރަސްގެފާނު
މުއީނުއްދީނާއި ވަޒީރުންނަށް އެގްރީމަންޓު ދައްކައި ސޮއިކުރާށޭ ބުނީމާ
އަނެއްކާވެސް އެކަމަށް ރަސްގެފާނު އިންކާރު ކުރައްވައިފިއެވެ.

ކުރީފަހަރު އިނގިރޭސިން އެދުނީ އަރަބި ބަހުން އެގްރިމަންޓެއް ލިޔުމަށާއި
އެ އެގްރިމަންޓުގައި ސޮއިކުރުމަށެވެ. އެފަހަރު އެގްރިމަންޓް ލިޔާން
ނާއިބު ތުއްތު ދެކޮޅު ހެދީމާ މިފަހަރު މިއޮތީ އެގްރިމަންޓެއް ލިޔެގެން
ގެނެސްފައެވެ. ރަސްގެފާނު ކުރައްވަން ޖެހޭހާވެސް ކަމަކީ
ސޮއިކޮށްލެއްވުމެވެ. އެކަމަކު މިފަހަރުވެސް ރަސްގެފާނާއި ރައްޔިތުން
މިކަމުން ރެކިގަތީމާ ވަރަށް ނުރިހިގެން ތިބެ މަނަވަރު ޓީމު
މަނަވަރުތަކަށް ހިގައްޖެއެވެ. ޖެހިގެން އައިދުވަހު މާލޭ ރައްޔިތުންނަށް
ފެނުނީ ދެ ދިމާލަކުން މިދެމަނަވަރުގެ ބަޑިތައް މާލެއަށް އަމާޒުކޮށް
ބަޑިޖަހަން ތައްޔާރުކޮށްފައިވާ މަންޒަރެވެ.

މާލޭ ރައްޔިތުން ބިރުން ތިއްބައި އަތިރީގޭ ޓީމާއި އިނގިރޭސިން މާލެއަށް
ފައިބައި ދެވަނަ ފަހަރަށް ގަނޑުވަރަށް ގޮސް ރަސްގެފާނަށް އެންގީ
އެގްރިމަންޓުގައި ސޮއިނުކޮށް ދެން އެންމެ ދުވަހެއް ލަސްކުރިޔަސް މާލެ
ފުނޑުފުނޑުކޮށްލާނެ ކަމަށެވެ. މިކަމާއިމެދު ރަސްގެފާނު ބޮޑުންނާ މަޝްވަރާ
ކުރެއްވީމާ އެންމެނަށް ވެސް ފެނުނީ މަރުން ސަލާމަތްވުމަށް
އެގްރިމެންޓުގައި ސޮއިކުރުމަށެވެ. އެކަމަކު އެކެއްގެ ޚިޔާލުތަފާތު
ވެއްޖެއެވެ. އުއްތަމަ ފަނޑިޔާރު ނާއިބު ތުއްތު ވިދާޅުވީ ކާފަރުންގެ
އަތުން ޝަހީދުވުންވެސް ތިޔަކަހަލަ އަޅުވެތިކަމަކަށްވުރެ ހެޔޮކަން
ބޮޑުވެގެންވާ ކަމަށެވެ.

ނާއިބު ތުއްތު މިހެން ވިދާޅުވިއަސް ގިނަ މީހުންނަށް ފެނުނީ
އެގްރިމަންޓުގައި ސޮއިކުރަން ކަމުގައިވާތީ އެންމެފަހުން ސުލްތާނު
މުހައްމަދު މުއީނުއްދީން ތިންވަނަ އިނގިރޭސިންގެ ހިމާޔަތުގެ
އެގްރިމަންޓުގައި ސޮއިކުރައްވައިފިއެވެ. މިކަމެއް ހިގީ 1887 ގައެވެ.
ދިވެހިންގެ ސިޔާދަތާއި ފުރިހަމަ މިނިވަންކަން ގެއްލި އިނގިރޭސިންގެ
ހިމާޔަތުގެ ދަށަށް ދާން ޖެހުނު އެގްރިމެންޓަކީ އެއީއެވެ.

އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ ދެމިއޮތްހާ ދުވަހު ރާއްޖޭގެ
ވެރިކަމުގެ މައްޗަށް ބަސްބުނާން ތިބީ އަތިރީގޭ ބޭފުޅުންނެވެ. ސީދާ
ރަސްކަމުގައި އެބޭފުޅުން ނެތަސް ރަސްކަމަށް މީހުން އެރުވުމާއި ބޭލުމަކީ
އެބޭފުޅުން ނުހަނު ފަސޭހަކަމާއެކު ކުރައްވަމުން ގެންދެވި ކަންކަމެވެ.
ކަކާގޭ ބޭފުޅުންގެ ބާރު ކެނޑި އަތިރީގޭ ބޭފުޅުންގެ ބާރު ގަދަވީ
މިއެގްރިމަންޓުގެ ސަބަބުންނެވެ. މި ހިމާޔަތެއްގައި ތިބިއިރު އިނގިރޭސިން
ބޭނުންވީ އިނގިރޭސިންގެ ރުހުން ނެތި ބޭރުގެ އެއްވެސް ބަޔަކާ ދިވެހިން
މުއާމަލާތު ނުކުރުމަށެވެ. ސީދާ އިނގިރޭސި ގަވަރުނަރެއް ރާއްޖޭގައި ނެތަސް
ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރަށް ޖަވާބުދާރީވާ ގޮތަށް
ރާއްޖޭގައި ހުރިހާކަމެއް ކުރައްވަމުން ގެންދެވީ އަތިރީގޭ ބޭފުޅުންނެވެ.
ރަސްކަލަކު ހުންނަވަނީ ނަމެއްގައެވެ. އަތިރީގޭ އިބްރާހިމް ދޮށިމޭނާ
ކިލެގެފާނާއި އެކިލެގެފާނުގެ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނާއި
އަހުމަދު ދޮށިމޭނާ ކިލެގެފާނާއި މުހައްމަދު ފަރީދާއި ހަސަން ފަރީދު އަދި
މުހައްމަދު އަމީނަކީ މި ސިލްސިލާގެ ތެރެއިން ރާއްޖޭގެ ނައު ދުއްވި
ބޭފުޅުންނެވެ.

އަތިރީގޭ ޚާންދާނުގެ ބޭފުޅެއްކަމުގައިވާ މުހައްމަދު އަމީން 1953ގައި
އެންމެފަހުން ރަސްކަން އުވާލައްވައި ޖުމްހޫރިއްޔަތެއް އިއުލާން
ކުރެއްވިއެވެ. އެކަން ކުރެއްވީވެސް އިނގިރޭސިންގެ ރުހުން ލިބިގެންނެވެ.
މުހައްމަދު އަމީނުގެ ވެރިކަން 1954ގައި ނިމުމުން އަލުން ރަސްކަން
އިއާދަކޮށް ދެންވެސް ރަސްކަމަށް ގެނައީ އަތިރީގޭ ޚާންދާނުގެ ބޭފުޅެކެވެ.
އެއީ މުހައްމަދު ފަރީދެވެ. މުހައްމަދު ފަރީދު ރަސްކަމުން ބާލައި ރާއްޖެ
އަނެއްކާވެސް ޖުމްހޫރިއްޔަތަކަށް ބަދަލު ކުރެއްވީ ވެލާނާގޭ އިބްރާހިމް
ނާސިރެވެ. އޭނާ މިކަން ކުރެއްވީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ވަކިވެ
ފުރިހަމަ މިނިވަންކަން ލިބުމުގެ އެގްރިމަންޓުގައި ސޮއިކުރިތާ ދެތިން
އަހަރު ފަހުންނެވެ. ޖުމްހޫރީ ދުވަހުގެ ގޮތުގައި ދިވެހިން ފާހަގަކުރަނީ
ރަސްކަން އުވާލެވުނު ދުވަހެވެ. އެއީ 11 ނޮވެމްބަރު 1968 އެވެ.

އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ރާއްޖެ ނެއްޓުމަށް ފަހުވެސް ރާއްޖޭގެ
ދެކުނުގައި އެގާރަ އަހަރު ވާންދެން އިނގިރޭސިން ތިއްބެވެ. އައްޑޫ ގަމުން
އިނގިރޭސި ސިފައިން ފައިބައި ދިވެހި ސަރުކާރާ ހަވާލުކުރީ މިނިވަންކަމަށް
11 އަހަރު ފަހުން 29 މާޗް 1976ގައެވެ. އިނގިރޭސިން އައްޑޫގައި
ތިބިތިބުމާއި ރާއްޖޭގެ މިނިވަންކަމާއި ގުޅުމެއްނެތެވެ. އިނގިރޭސިން
ގަމުގައި ތިބީ ދިވެހި ދައުލަތަށް ކުލި ދައްކައިގެން ވަކި މުއްދަތަކަށެވެ.
އެމުއްދަތު ހަމަވުމުގެ ކުރިން އެމީހުން ފައިބައިގެން ދިޔައީއެވެ.