Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ހިތަދޫ މީހަކު 7 އަހަރުގެ ދަރިފުޅު ގޮވައިގެން "ޖިހާދަށް" !

އައްޑޫ ސިޓީ ހިތަދޫ މީހަކު އޭނާގެ 7 އަހަރުގެ ފިރިހެން ދަރިފުޅު ގޮވައިގެން ސީރިޔާ އަށް ގޮސްފައިވާކަމުގެ މައުލޫމާތު އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.

ޝަންގްރިއްލާ ރިސޯޓުގައި ވަޒީފާ އަދާކުރަމުން ދިޔަ އަތީޤް ކިޔާ މި ފިރިހެން މީހާ އޭނާގެ ދަރިފުޅު ގޮވައިގެން ލަންކާއަށް ދިޔައީ ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ޗުއްޓީ ހޭދަކޮށްލުމަށް ކަމަށް ބުނެއެވެ.

ފިރިހެން ކުއްޖާގެ މަންމަގެ އާއިލާގެ ފަރާތުން ވާހަކަދެއްކި މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި، ދަރިފުޅު ގޮވައިގެން ލަންކާއަށް ދިއުމަށް ފަހު މީގެ 2 ދުވަސް ކުރިން، "ތިމަންނަމެން މިދަނީ ޖިހާދަށް ކަމަށް" އާއިލާއަށް އަންގާފައިވާ ކަމަށެވެ.

"ވައިބާއިން ގުޅަނީ. ގުޅާފައި ބުނީ. މަންމާއޭ ތިމަންނަ މަތިން ހަނދާން ނައްތާލާށޭ. ތިމަންނަމެން މިދަނީ މާތް ވެގެންވާ ސީރިޔާގެ ބިމަށް ޖިހާދަށޭ. އޭގެ ފަހުން އެ ނަންބަރަށް ގުޅަން މަސައްކަތް ކުރިން އެކަމަކު ނުއެއް ގުޅޭ. " އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އަތީޤްގެ ކައިވެނި ރޫޅުނު ފަހުން އޭނާގެ ދަރިފުޅު ބަލަހައްޓަމުން ގެންދިޔައީ އެކުއްޖާގެ މަންމައެވެ.

އަތީޤްގެ އިތުރުން ވެސް އައްޑޫ ސިޓީއަށް ނިސްބަތްވާ އިތުރު ބަޔަކު ސީރިޔާއަށް ދިއުމަށް ތުރުކީއަށް ގޮސްފައިވާ ކަމަށް ސޯޝަލް މީޑިޔާގައި ވާހަކަދެކެވެމުން ދާއިރު އެއީ ކޮންބައެއްކަން އަދި ސާފުވާގޮތް ވަނީ ނުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 7 އަހަރުގެ ފިރިހެން ދަރިފުޅު ގޮވައިގެން އަތީޤް ފިލާފައިވާ މައްސަލަ އެކުއްޖާގެ މަންމަގެ ފަރާތުން ފުލުހުންނަށް މިހާރު ވަނީ ހުށަހަޅާފައެވެ.