Last Updated: April 26, 18:07
Friday, April 26, 2024
ވިޔަފާރި

އުފާވެރި ހަބަރެއް! އުރީދޫއިން އިންޓަނެޓް މުޅި ރާއްޖެއަށް!

އުރީދޫއަށް ފިކްސްޑް ލައިން އިންޓަނެޓްގެ ހިދުމަތް ދިނުމުގެ ހުއްދަ ދިނުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން -- ވީފޮޓޯ

މުޅި ރާއްޖެއަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް އުރީދޫއަށް ލައިސަންސް ދީފި އެވެ.

ރާއްޖޭގެ ގިނަ ބައެއްގެ މަގްބޫލްކަން ހޯދާފައިވާ އުރީދޫ އާއި އެކު ފިކްސްޑް ލައިން އިންޓަނެޓްގެ ހިދުމަތް ދިނުމުގެ ލައިސެންސް ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ. ލައިސަންސާ ހަވާލުވީ އުރީދޫގެ ސީއީއޯ ވިކަރަމް ސިންހަ އެވެ.

އުރީދޫއަށް އައިއެސްޕީ ލައިސަންސް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، މިއަދު އިންޓަނެޓަކީ ދިވެހިންގެ ތެރޭގައި ވެސް އަސާސީ ބޭނުމަކަށް ވެފައިވާ އެއްޗެއް ކަމަށެވެ. އަދި ސަރުކާރުގެ މުއާސަލާތީ ސިޔާސަތުގެ ދަށުން އެންމެ އިސްކަމެއް ދެވިގެން ދަނީ ހަލުވި އިންޓަނެޓް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

މި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ވިކުރަމް ސިންހަ ވިދާޅުވީ، އެކުންފުނީގެ އަމާޒަކީ ދެތިން އަހަރެއްގެ ތެރޭގައި މުޅި ރާއްޖެއަށް އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އަދި ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި މާލެއަށާއި ހުޅުމާލޭގެ އިތުރުން ރިސޯޓުތަކަށް އިންޓަނެޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

އުރީދޫން މުޅި ރާއްޖެއަށް ފިކްސްޑްލައިން އިންޓަނެޓް ދޫކުރުމަށް ލައިސަންސް ދިން އިރު މި ހިދްމަތް މިހާރު ދެމުން ދަނީ ދިރާގުން އެކަނިއެވެ.

ދިރާގުގެ ހިދްމަތްތަކާއި މެދު ހިތް ހަމަނުޖެހިފައި ތިބި ކަސްޓަމަރުންނަށް މީ އަނެއްކާވެސް އުފާވެރި ހަބަރެކެވެ.