Last Updated: April 26, 18:07
Friday, April 26, 2024
މުނިފޫހިފިލުވުން

"މޯލްޑިވިއަން އައިޑޮލް" ގެ ގަދަ ތިނެއް އައްޑު އަށް

އަންނަ ބުދަ ދުވަހުގެ ރޭ އައްޑު އާއި ފުވައްމުލަކުގެ ބަސް ދަތުރުގެ ހިދުމަތް އިފުތިތާހު ކުރަން ފޭދޫގައި ބާއްވާ ރަސްމިއްޔާތުގައި "މޯލްޑިވިން އައިޑޮލް" ގެ ގަދަ ތިނެއް ފަފޯމް ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިން މިހާރު އަންނަނީ އެ ރޭގެ ރަސްމިއްޔާތުގެ ތައްޔާރީތައް ފޭދޫގައި ވަމުންނެވެ. ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައި ވަނީ ފޭދޫ ބަނދަރު ސަރަހައްދާ ދިމާލުން ހިއްކި ބިމުގަ އެވެ.

އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ "މޯލްޑިވިއަން އައިޑޮލް" އިން އެއް ވަނަ ދިޔަ ލައިޝާ ޖުނައިދާ ދެވަނަ ހޯދި ޝަލަބީ އިބްރާހީމްގެ އިތުރުން ތިން ވަނަ އަށް ދިޔަ މުހައްމަދު އިޝާން އައްޑު އަށް ގެނައުމުގެ ވާހަކަތައް ދެކެވި ތައްޔާރީތައްވަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ތިން ފަންނާނުން އައްޑު އަށް ގެންނަން ނިންމީ، ވީހާ ވެސް ކުލަގަދަކޮށް ބަހުގެ ހިދުމަތް އިފުތިތާހު ކުރުމުގެ ގޮތުން ކަމަށެވެ.

ބުދަ ދުވަހުގެ ރޭގެ ރަސްމިއްޔާތަށް ފޭދޫ ޕީޕީއެމް ޒުވާނުން ވެސް އަންނަނީ ވަރަށް ފޯރީގައި ތައްޔާރީތަކުގައި ބައިވެރިވަމުންނެވެ.

އައްޑު އާއި ފުވައްމުލަކަށް ބަހުގެ ހިދުމަތް ދޭން 13 ބަސް ގެނެސްފައިވާ އިރު، ބަސްތައް މިހާރު ވަނީ އެ ސަރަހައްދަށް ވެސް ގެނެސްފަ އެވެ.

ފުވައްމުލަކުގައި ބޭނުން ކުރާނީ ދެ ބަހެވެ. ދެން ހުރި ބަސްތައް ބޭނުން ކުރަން ހަމަޖެހިފައި ވަނީ އައްޑޫގަ އެވެ.