Last Updated: May 8, 06:04
Wednesday, May 8, 2024
ރިޕޯޓް

ދަރިފުޅު އިނގިލި ބުޔަސް، ނިޔަފަތި ކެޔަސް ކަންބޮޑުނުވޭ!

ބައެއް ތުއްތު ކުދިންނަކީ އިނގިލި ބުއިމާއި ނިޔަފަތި ކެއުން ފަދަ އާދަތައް ވަރަށް ބޮޑަށް ހިފާފައި ހުންނަ ކުދިންނެވެ. އަދި މިއީ މައިންބަފައިން އެހާ ކަންބޮޑުވާ މައްސަލަތަކެއް ވެސް މެ އެވެ.

ހާއްސަކޮށް ދަރިފުޅު ބޮޑުވަމުން އަންނަ އިރު ވެސް އެފަދަ އާދަތައް ނުހުއްޓޭ ނަމަ، ހާއްސަކޮށް މައިންގެ ކަންބޮޑުވުންތައް ގިނަ އެވެ.

އެހެންވެ ދަރިފުޅު ގޮވައިގެން އާންމުން އުޅޭ ތަނަކަށް ދާން ވެސް މިފަދަ ބައެއް ބެލެނިވެރިން ޖެހިލުންވެ އެވެ.

އެއީ ދަރިފުޅު އިނގިލި ބޯ ނަމަ ނުވަތަ ނިޔަފަތި ކާ މަންޒަރު ފެނިއްޖެ ނަމަ އެހެން މީހުން އެކަމާ ދޭތެރޭ ދެކޭނެ ގޮތާ ދޭތެރޭ ފިކުރު ބޮޑުވާތީ އެވެ.

އެކަމަކު މިއީ އެއްގޮތަކަށް ވެސް ކަންބޮޑުވެ، ފިކުރު ކުރަންވީ ކަމެއް ނޫނެވެ. ދަރިފުޅުގެ ފަރާތުން އެފަދަ އާދައެއް ފެންނަ އެކަމާ އުފާކޮށް ހިތްހަމަޖައްސާލަންވީ އެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟

ސިއްހީ ތަޖުރިބާރުން މިހާރު ބުނާ ގޮތުގައި އިނގިލި ބޮއެ، ނިޔަފެތި ކެއުން ފަދަ އާދަތައް ހުންނަ ކުދިންނަށް މި އާދަތަކުގެ ސަބަބުން ތަފާތު އެެއްޗިއްސަށް އެލާޖިކްވުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ.

މިކަން ދާދި ފަހުން ކެނެޑާގެ މެކްމާސްޓަ ޔުނިވަސިޓީގެ މައިކަލް ޖީ. ޑެގްރޫޓް ސްކޫލް އޮފް މެޑިސިން އިން ހެދި ދިރާސާއަކުން ވެސް ވަނީ ދައްކައިފަ އެވެ.

"އެކަމަކު މީގެ މާނައަކީ އެފަދަ އާދަތަަކަށް ހިތްވަރު ދިނުމެއް ނޫން،" ދިރާސާ ހެދުމުގައި ބައިވެރިވި މަލްކޮލް ސިއާސް ބުންޏެވެ. "އެކަހަަލަ އާދަތައް ދަރިފުޅުގެ ފަރާތުން ފެންނަ ނަމަ ގަދަކަމުން ހުއްޓުވުމުގެ ބަދަލުގައި އެކަން އަމިއްލަ އަށް ހުއްޓާލަން ދެން އަޅާނުލުން މީގެ ރަނގަޅު ގޮތަކީ."

ދިރާސާ އިން ދެއްކި ގޮތުގައި އިނގިލި ބޮއެ ނުވަތަ ނިޔަފަތި ކާ ކުދިން ތަފާތު އެއްޗިއްސަށް އެލާޖިކް މިންވަރު މި އާދަތަކުގެ ސަބަބުން ކުޑަކޮށްދޭ އިރު އެ ނޫން ކުދިންނަކީ އެލާޖިކްވުން ފަދަ މައްސަލަތައް ވަރަށް އާންމުކޮށް ދިމާވާ ކުދިންނެވެ.