Last Updated: April 26, 15:02
Friday, April 26, 2024
ކުޅިވަރު

ސަންޑަލޭންޑުގެ އާ ކޯޗަކަށް ޑޭވިޑް މޮޔޭސް!

ޕްރިމިއާ ލީގު ކުލަބެއް ކަމުގައިވާ ސަންޑަލޭންޑުގެ މެނޭޖަރު ކަމުން ސޭމް އެލާޑީސް އިސްތިއުފާ ދީ އިނގިރޭސި ގައުމީ ފުޓުބޯޅަ ޓީމުގެ މެނޭޖަރުގެ މަގާމާ ހަވާލުވުމަށް ފަހު އެޓީމުގެ އާ މެނޭޖަރަކަށް ކުރީގެ މެންޗެސްޓާ ޔުނައިޓެޑު އަދި އެވަޓަންގެ މެނޭޖަރު ޑޭވިޑް މޮޔެސް ހަމަޖައްސައިފިއެވެ.

މިއަދު ސަންޑަލޭންޑުން މޮޔެސް އެޓީމާއި ގުޅުނު ކަން ފޭސްބުކްގައި ކަށަވަރު ކޮށްދީފައިވާއިރު އެޓީމުގެ ސަޕޯޓަރުން ވަނީ ދެކޮޅަށް ބެހިފައެވެ. އެއް ބަޔަކު މޮޔޭސް އައުމުން އުފާ ފާޅު ކުރަމުންދާއިރު އަނެއް ބަޔަކު އޭނާގެ މެންޗެސްޓާ ޔުނައިޓެޑް އަދި ސްޕެނިޝް ލަލީގާގެ ރިއަލް ސޮސެއިޑާޑްގައި ފެއިލް ވެފައިވާ ކަން ފާހަގަކޮށް ހިތާމަ ފާޅު ކުރަން ވަނީ ފަށާފައެވެ.

ފުޓުބޯޅަ މެނޭޖަރު ކަމުން ރިޓަޔާކޮށް އެލެކްސް ފާގަސަން މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އެޓީމުގެ އާ މެނޭޖަރުގެ ގޮތުގައި ހޮވީ އޭރު އެވަޓަންގެ މެނޭޖަރު ކަމުގައި ހުރި ޑޭވިޑް މޮޔެސް އެވެ.

އޭނާގެ މެންޗެސްޓާ ޔުނައިޓެޑުގެ ފުރަތަމަ ސީޒަނުގައި މުޅިންވެސް ދިޔައީ ފެއިލް ވަމުންނެވެ. ދިގު ތާރީހެއްގައި ޔުނައިޓެޑް ބަލި ނުވާ ޓީމުތަކުން ބަލިވެ، ޓޭބަލުގެ 7 ވަނައަށް ވެއްޓި ޗެމްޕިއަންސް ލީގުން ފުރުސަތުވެސް ގެއްލުނު ފަހުން ސީޒަން ނުނިމެނީސް ޔުނައިޓެޑްގެ ބޯޑުން ވަނީ މޮޔެސް މަގާމުން ވަކިކޮށްފައެވެ.

ޔުނައިޓެޑަށް ފަހު މޮޔެސް އަށް ވަނީ ސްޕެނިޝް ލަލީގާ އިން ރިއަލް ސޮސެއިޑާޑް ގެ މެނޭޖަރުގެ މަގާމު ދީފައެވެ. އެޓީމުގައި ވެސް މޮޔެސް އަށް އެދެވޭ ހިސާބާ ގާތަށް ވެސް ހާސިލު ނުވުމުގެ ސަބަބުން އޭނާ ވަނީ އެޓީމުން ވެސް ވަކިކޮށްފައެވެ.

ކޮންމެއަކަސް ޑޭވިޑް މޮޔެސް ގެ ޕްރިމިއާ ލީގުގެ އެނބުރިއައުމަށް ވަރަށް ގިނަ ބަޔަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ. ސަންޑަލޭންޑުގައި މިދިޔަ ސީޒަނުގައި ހުރި ކޯޗަށް ވުރެ ރަނގަޅު ކުޅުމެއް ޑޭވިޑް މޮޔެސް ގެ އިރުޝާދާއެކީ ފެނިގެން ދާނެ ކަމަށް ގިނަ ދުވަހު ޕްރިމިއާ ލީގު ބަލަމުން އަންނަ މީހުން ވަނީ ބުނެފައެވެ.