Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

މީދޫގައި އަރަބި ކޯހަކާއި އިމާމް ކޯހެއް

އަރަބި ބަސްކޮށް ދޭ ކޯހަކާއި އިމާމް ކޯހެއް މީދޫގައި ބާއްވަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިންސްޓިޓިއުޓް އޮފް ހޮލީ ޤުރުއާނާއި މީދޫ ނޫރުއްސުދޫދް ޤުރުއާން ކުލާސް ގުޅިގެން ހިންގާ ދެ ކޯސް ފަށަން ރާވައިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އަރަބި ބަސް ދަސްކޮށްދޭ ކޯހަކީ ލެވެެލް އެކެއްގެ ކޯހެކެވެ. ހަތަރު މަހުގެ މުއްދަތަށް ހިންގާ އެ ކޯހުގެ މަހު ފީއަކީ 500ރ. އެވެ.

އިމާމް ކޯހަކީ ލެވެލް ތިނެއްގެ ކޯހެކެވެ. ހަ މަސް ދުވަހުގެ މުއްދަތަށް ހިންގާ އެ ކޯހުގެ މަހު ފީއަކީ 1،400ރ. އެވެ.

ދެ ކޯހުގައި ވެސް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ކޯސްތަކާ ގުޅޭ މައުލޫމާތު 9785796 އަދި 3016555 އަށް ގުޅުމުން ލިބޭނެ އެވެ.

ކޯސްތަކާ ބެހޭ ގޮތުން ނޫރުއްސުދޫދް ޤުރުއާން ކުލާހުގެ ފަރާތުން "އައްޑޫ ލައިވް" އާ ވާހަކަ ދެއްކެވި އިބްރާހީމް ރަޝީދު ވިދާޅުވީ ދެ ކޯސް ވެސް ބޮޑަށް އަމާޒުކޮށްފައި ވަނީ ޒުވާނުންނަށް ކަމަށެވެ.

އޭނާ ވިދާޅުވީ ކޮންމެ ކޯހަކުން މަދުވެގެން 15 މީހުންނަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ.

އަދި މީދޫގައި ކޯސްތައް ބޭއްވި ނަމަވެސް، އައްޑޫގެ އެހެން އަވަށްތަކުން ކޯސްތަކުގައި ބައިވެރިވާން އެދޭ ނަމަ، ދަތުރުފަތުރުގެ ހިދުމަތް ދެމުން އަންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ވާހަކަ ދައްކައިގެން، އެހެން އަވަށްތަކުން މީދު އަށް ދާ ފަރާތްތަކަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދެއްވާނެ ކަމަށް ރަޝީދު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ކޯސްތައް ފަށައި ގަންނާނީ ބައިވެެރިންނާ ބައްދަލުކޮށް އެ މީހުންނަށް ފަސޭހަވާ ގަޑިތަކެއްގައި ކަމަށެވެ.

"ކޯސްތަކަށް ކުރިމަތިލާ މީހުންނާ ބައްދަލުކޮށް އެ މީހުންގެ މަޝްވަރާގެ މަތިން ގަޑިތައް ހަމަޖައްސާނީ،" ރަޝީދު ވިދާޅުވި އެވެ.