Last Updated: April 26, 11:19
Friday, April 26, 2024
ސިޔާސީ

ހައްގުތަކަށް އަރައި ގަންނަ މީހެއްގެ ވާހަކަ ދެއްކޭނެ: ބާރީ

ފާޅުގައި ރައްޔިތުންގެ ހައްގުތަކަށް އަރައި ގަންނަ މީހެއްގެ ވާހަކަ ދެއްކޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދް އަބްދުލްބާރީ ރޭ ވިދާޅުވެއްޖެ އެވެ.

ރޭ އިދިކޮޅު އިއްތިހާދުން ބޭއްވި ޖަލްސާގައި ވާހަކަ ބާރީ ވިދާޅުވީ އަބުރާ ބެހުމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް ފާޅުގައި މީހުންގެ ހައްގުތަކަށް އަރައި ގަންނަ މީހާގެ ވާހަކަ ދެއްކޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީނަށް އިޝާރާތް ކުރައްވައި ބާރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުންކަރާތްތަކަށް އަރައި ގަންނަ މީހާގެ ވާހަކަ ދެއްކުމަކީ އަބުރާ ބެހުން ކަމަށް ވެސް ނުބެލެވޭނެ ކަމަށެވެ.

"އަނބުރާ ބެހުމަކީ އޭގެ ޒާތުގައި އަޅުގަނޑު ވެސް ޤަބޫލު ކުރާ ގޮތުގައި އިސްލާމްދީން ހުއްދަ ކުރާ ކަމެއް ނޫން. އެހެން ނަމަވެސް މީހެއްގެ ކިބައިން ފެންނަ ނުބައި ކަމެއްގެ ވާހަކަ ދެއްކުން ހުއްދަ ކުރާ ޙާލަތްތަކެއް ޢިލްމުވެރިން ކަނޑައަޅުއްވާފައިވޭ،" ބާރީ ވިދާޅުވި އެވެ. "އެފަދަ ބައެއް ޙާލަތްތަކަކީ އަބުރާ ބެހުންކަމުގައި ނުވޭ، މުންކަރާތްތަކަށް އަރައިގަންނަ މިހާގެ ވާހަކަ ދެއްކުމަކީ އަބުރާއި ބެހުންކަމުގައި ނުބެލެވޭނެ."

ބާރީ އަދި ވިދާޅުވީ ވިސްނައި ފިކުރު ކުރުމާއި ޚިޔާލު ފާޅުކުރުމުގެ ޙައްގަކީ ކޮންމެ އިންސާނަކަށް ވެސް ލިބިގެންވާ ޙައްގެއް ކަމަށެވެ.

އަދި ހިފައި ހައްޔަރު ކުރުމާއި އަޅުވެތި ކުރުމާއި، އަނިޔާއަކީ ތަބީޢީ ގޮތުން ވެސް އިންސާނާ ޤަބޫލު ކުރާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ވެރިންގެ ފަރާތުން ވިޔަސް ވަކި ފަރުދެއްގެ ފަރާތުން ވިޔަސް އެއްވެސް މީހަކަށް އަނިޔާއެއް ލިބުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫނެވެ.

އަދި ސިޔާސީ ގޮތުންނާއި އިޖްތިމާއީ ގޮތުން އަދި އިޤްތިޞާދީ ގޮތުން މުޖުތަމައުއަށް ލިބޭ ބޮޑެތި ގެއްލުމުގެ މައިގަނޑު ސަބަބަކީ ފަރުދުންގެ ތެރޭގައި އޮންނަ އިޖްތިމާޢީ އަދާލަތު ގެއްލި ދިޔުން ކަމަށް ވެސް ޑރ. ބާރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަބުރު ރައްކާތެރި ކުރުމުގެ ނަމުގައި މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ބިލުގެ ނަން "އަބުރު ރައްކާތެރިކުމުގެ ނަމުގައި ޚިޔާލުފާޅު ޙައްޤު ނިގުޅައިގަތުމުގެ" ބިލުގެ ގޮތުގައި ބަދަލުކުރުން މާ ރަނގަޅު ކަމަށެވެ.