Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް

"އީސީސީގެ މަރާމާތަށް ބަޖެޓެއް ނެތް"

ސާކް ސަމިޓް ބާއްވަން 2011 ވަނަ އަހަރު އައްޑޫގައި ބިނާ ކުރި އިކްއިޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހަލާކުވަމުން ދިޔަ ނަމަވެސް އެތަން މަރާމާތު ކުރެވޭނީ ބަޖެޓް ހަމަޖެހިގެން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު މިނިސްޓަރާ ކުރެއްވި ސުވާލެއްގެ ޖަވާބުގައި ޑރ. މުއިއްޒު ވިދާޅުވީ 17 ވަނަ ސާކް ސަމިޓް ބޭއްވުމަށް ދައުލަތުގެ ބަޖެޓުން 200 މިލިއަން ރުފިޔާ ވަރު އީސީސީ ދަނީ އެތަން ބަލަހައްޓާނެ ބަޔަކު ނެތުމުގެ ސަބަބުން ވީރާނާވަމުންދާ ކަމަށެވެ.

އީސީސީ އަކީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ތަނަކަށްވުމާ އަދި މިއަދުގެ ހައުސިން މިނިސްޓަރަކީ މިދިޔަ ތިން އަހަރު ވެސް އެ މިނިސްޓްރީ އާ ހަވާލުވެ ހުންނެވި މިނިސްޓަރު ކަމަށްވުމުން ދައުލަތުގެ އެހާ އަގު ބޮޑު އިންވެސްޓްމަންޓެއް ވީރާނާކޮށްލަން ދޫކޮށްލެވިފައި ވަނީ ކީއްވެތޯ ނިޒާރު ސުވާލު ކުރެއްވުމުން މިނިސްޓަރު ވިދާޅުވީ އެތަން ވީރާނާ ނުވެ ދާއިމީ ގޮތަކަށް ހިދުމަތް ލިބޭ ތަނަކަށް ހެދުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެތަން މަރާމާތު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރުމަށް މިއަހަރު ވެސް ބަޖެޓް ހޯދަން މަސައްކަތް ކުރެވުނު ކަމަށެވެ.

އެހެން ނަމަވެސް ބަޖެޓް ނުލިބުމުން އެ މަސައްކަތް މި އަހަރު ކުރެވޭ ގޮތް ނުވީ ކަމަށް ވިދާޅުވި އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ވެސް އީސީސީގެ މަރާމާތަށް ބޭނުންވާ ފައިސާ ހޯދުމަށް ޖަހާފައި ވާނެ ކަމަށް ވިދާޅުވި އެވެ.

އީސީސީގެ މަރާމާތުގެ މަސައްކަތް އަންނަ އަހަރު ވެސް ފެށޭނީ ބަޖެޓު ލިބިގެން ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އީސީސީގެ މަރާމާތުގެ ތެރޭގައި ކަރަންޓް ވައިރިންގެ މަސައްކަތްތަކާއި ބައެއް ދޮރުފަތްތަކާއި ތަޅުތައް އަދި އޭސީތައް މަރާމާތުކުރުން ފަދަ މަސައްކަތްތައް ކުރަންޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން އީސީސީގެ ނަރުދަމާ އާއި ހިތަދޫގައި އަޅާފައިވާ ނަރުދަމާ އާ މިވަގުތު ގުޅުމެއް ނެތުމުން އެ މަސައްކަތް ވެސް ކުރަންޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި އައްޑޫގެ ލޭންޑް ޔޫޒް ޕްލޭން ހެދި އެ ޕްލޭން ތަންފީޒު ކުރަމުންދާ އިރު އީސީސީ ހުރި ތަނާއި އެ ސަރަހައްދު ތަރައްގީ ކުރެވިގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މާލޭގައި ހުރި ދަރުބާރުގެ އާއި އީސީސީގެ މިހާރުގެ ހާލަތު މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަ ހު ބަލާފައިވާނެ ކަމަށާއި، އަދި މިތަންތަން މަރާމާތު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ތައް ސަރުކާރުގެ ތެރެއިން ކުރެވެމުންދާ ކަމަށެވެ.

ecce-1

"އަޅުގަނޑު ވެސް އެތަނަށް ދިޔައިން. ހައުސިން މިނިސްޓްރީގެ މުވައްޒަފުން ހިމެނޭ ޓީމެއް ވެސް އެތަނަށް ގޮސް އެތަން އެސެސްކޮށްފައި ވާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. މުއިއްޒު އަދި ވިދާޅުވީ މާލޭގައި ދަރުބާރުގެއެއް ހެދިފައި ވަނިކޮށް އައްޑޫ ސިޓީގައި ސާކް ސަމިޓް ބާއްވަން ނިންމާ އެތަނުގައި އީސީސީ ހެދުމަށް 2010 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ނިންމި ނިންމުމަކީ އެމްޑީޕީ ސަރުކާރުގެ ޕޮލިސީ ނިންމުމެއް ކަމަށާއި އެކަމާ އެމަނިކުފާނު ދަންނަވާނެ އެއްޗެއް ނެތް ކަމަށެވެ.

އަދި ވިދާޅުވީ އައްޑޫ ސިޓީގައި ސާކް ސަމިޓް ބޭއްވުމަށް 900 މިލިއަން ރުފިޔާ ވަރު ހޭދަކޮށްފައިވާ ކަން އޮޑިޓަ ޖެނަރަލް މި މައްސަލަ އާ ގުޅިގެން ނެރުއްވި އޮޑިޓް ރިޕޯޓުން ސާފުވާ ކަމަށާއި އެ ހަރަދުތަކުގެ ތެރެއިން މިނިސްޓްރީން ހަމައެކަނި ހަރަދުކޮށްފައި ވަނީ އީސީސީ ހެދުމަށް ހިނގި ހަރަދު އެކަނި ކަމަށެވެ.

jhbn

އީސީސީ ހެދުމަށް ހިނގި ހަރަދުގެ ގޮތުގައި 211 މިލިއަން ރުފިޔާގެ އިންވޮއިސްއަށް ހައުސިން މިނިސްޓްރީން ހުއްދަ ދިނުމުން ފިނޭންސް މިނިސްޓްރީން ފައިސާ ދައްކާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އީސީސީ ހުޅުވި ދުވަސްވަރު އެތަނަށް ވެއްދި ހަރުމުދާ މިހާރު އެތަނުގައި ނެތުމުން ހަރުމުދަލަށްވީ ކިހިނެއްތޯ ބައެއް މެންބަރުން ސުވާލު ކުރެއްވުމުން މިނިސްޓަރު ވިދާޅުވީ ހައުސިން މިނިސްޓްރީން އެތަނަށް އެއްވެސް މުދަލެއް ވައްދާފައި ވެސް އަދި ނެރެފައި ވެސް ނުވާ ކަމަށެވެ.

އަދި އެތަން ބެލެހެއްޓުމުގައި މިހާރު ހަރަކާތްތެރި ވަނީ އެމްއެންޑީއެފް ސަދަން ކޮމާންޑްގެ ބޭފުޅުން ކަމަށް ވެސް ވިދާޅުވި އެވެ.

މާލޭ ދަރުބާރުގޭގެ މަރާމާތު ކުރަމުންދާ އިރު، އީސީސީ މަރާމާތު ކުރުމަށް ބަޖެޓް ނުލިބެނީ ކީއްވެގެންތޯ މެންބަރަކު ކުރެއްވި ސުވާލެއްގައި ޖަވާބެއްގައި މިނިސްޓަރު ވިދާޅުވީ ދަރުބާރުގެ ހުރީ ރާއްޖޭގެ ވެރިރަށުގައި ކަމަށްވެފައި ދަރުބާރުގެ އަކީ ދައުލަތުގެ މުހިއްމު ބިނާއަކަށްވާތީ އެތަން މަރާމާތު ކުރުމަށް ސަރުކާރުން މިވަގުތު ބޭނުންވީ ކަމަށެވެ.

މިދިޔަ ތިން އަހަރު ދަރުބާރުގެ ބެލެހެއްޓި މާލެ ސިޓީ ކައުންސިލުން އެތަން މަރާމާތު ކުރަން އެއްވެސް ކަމެއް ނުކޮށް އެތަން ވީރާނާވާން ދޫކޮށްލާފައިވާތީ އެތަން އެގޮތަށް ހަލާކުވާން ސަރުކާރުން ބޭނުން ނުވާތީ ދަރުބާރުގެ މަރާމާތު ކުރުމުގެ މަސައްކަތް ފެށީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އީސީސީ މަރާމާތު ކުރުމަށް ވެސް މިސަރުކާރުން މަސައްކަތް ކުރާނެ ކަމަށާއި މިއަހަރު ބަޖެޓް ހަމަޖެހުނު ކަމަށް ވިޔަސް އެ މަސައްކަތް ކުރާނެ ކަމަށެވެ.

އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެސް އެތަން ހަލާކުވިޔަ ނުދިނުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން އެތަން ހިންގާނެ ބަޔަކު ހޯދުމަށް ތިން ފަހަރެއްގެ މަތިން ބީލަމަށްލީ ނަމަވެސް އެތަން ބީލަމުން ނަގާނެ ބަޔަކު ނުވި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.