Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ފެނުގެ ނިޒާމް ދެ މަސްތެރޭ ފެށޭނެ: ތޯރިގް

އައްޑޫގެ ފެނުގެ ނިޒާމް ގާއިމް ފުރިހަމަ ކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ މަސް ދުވަސްތެރޭގައި ފެށޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ތޯރިގް ވިދާޅުވީ އައްޑޫގެ ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށެވެ. އަދި އެކަމުގެ ތަފްސީލް އަވަސް ފުރުސަތެއްގައި ހާމަ ކުރައްވާނެ ކަަމަށް ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ އައްޑޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނުނިމި ވަނީ އެ މަސައްކަތް ކުރުމަށް 2010 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ހަވާލު ކުރި އިނގިރޭސީ ވިލާތުގެ ބައިވޯޓާ ކުންފުންޏަށް އެ މަސައްކަތް ނުކުރެވުމުގެ ސަބަބުންނެވެ.

އެގޮތުން ދިވެހި ސަރުކާރާއި ބައިވޯޓާ ކުންފުންޏާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އެ މަސައްކަތަކީ ދެ ފަރާތް ހިއްސާވެގެން ކުރަން ޖެހޭ މަސައްކަތެއް ކަަމަށެވެ.

އައްޑޫގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތަށް މުޅި ޖުމްލަ ކަނޑައެޅިފައިވާ އަގަކީ 42 މިލިޔަން ޑޮލަރެވެ.

އަދި އޭގެ ތެރެއިން ދިވެހި ސަރުކާރުން ހަރަދު ކުރަން ޖެހޭ 15 މިލިޔަން ޑޮލަރު ދިވެހި ސަރުކާރުން ހަރަދުކުރި ކަމަށެވެ.

BMNMN

އެހެން ނަމަވެސް މަސައްކަތް ހުއްޓި އެއްބަސްވުން އުވާލެވުނީ ބައިވޯޓާ ކުންފުނިން ހަރަދުކުރަން ޖެހޭ 27 މިލިޔަން ޑޮލަރު ހަރަދު ނުކުމުގެ ސަބަބުން ކަމަށް ތޯރިގް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެމްޑީޕީ ސަރުކާރުން އައްޑޫ ސިޓީގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ބައިވޯޓާ ކުންފުންޏާ ހަވާލުކޮށްފައި އެ މަސައްކަތް ސާވިސް އެގްރިމެންޓެއްގެ ދަށުން އެމްޑަބްލިޔުއެސްސީ އާ ހަވާލު ކުރި ކަމަށެވެ.

އެކަމުގެ ސަބަބުން ވެސް އައްޑޫގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ ލަސްވެގެން ދިޔަ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު އަދި ވިދާޅުވީ މުޅި އައްޑޫ ސިޓީގައި ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނުމަށް މަސައްކަތް ކުރައްވާނެ ކަމަށައި އަދި އައްޑޫގެ ފެނާއި ނަރުދަމާ އަށް ދިމާވެފައިވާ މައްސަލަ އަވަސް ފުރުސަތެއްގެ ތެރޭގައި ހައްލުވެގެން ދާނެ ކަަމަށް އުންމީދު ކުރައްވާ ކަމަށެވެ.