Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އާ ޤާނޫނުލް އުޤޫބާތަށް އަމަލު ނުކުރަން ކްރިމިނަލް ކޯޓުން ނިންމައިފި

55 އަހަރު ދުވަސްވީ ޤާނޫނުލް އުގޫބާތަށް އަލްވަދާޢު ކިއުމަށް ފަހު، މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށި ދިވެހިރާއްޖޭގެ އާ ޤާނޫނުލް އުޤޫބާތަށް އަމަލުނުކުރަން ކްރިމިނަލް ކޯޓުގެ ގާޟީންގެ މަޖިލީހުން ފާސްކޮށްފި ކަމަށް އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް ޖުޑީޝިއަރީގެ އިސްބޭފުޅަކު ވިދާޅުވި ގޮތުގައި ޤާޟީންގެ މަޖިލީހުން މިގޮތަށް ނިންމާފައިވާއިރު، އާ ޤާނޫނުލް އުޤޫބާތަށް އަހުލުވެރިކުރުމަށް ހިންގި އެއްވެސް ޕްރޮގްރާމެއްގައި ކްރިމިނަލް ކޯޓުން ބައިވެރިވެފައި ވެސް ނުވާކަމަށެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީންގެ މަޖިލީހަކުން އާ ޤާނޫނުލް އުޤޫބާތަށް ޢަމަލު ނުކުރަން ނިންމާފައި ވާއިރު، ދާދިފަހުން ސުޕްރީމް ކޯޓުގެ ފަރާތުން ސޫދާނުގެ ޤާނޫނުލް އުޤޫބާތު އަސްލަކަށް ބަލައިގެން ޤާނޫނުލް އުޤޫބާތެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ގެންދިޔަކަމަށް ބައެއް މީޑިޔާތަކުން ޙަބަރު ފަތުރާފައިވެއެވެ. ނަމަވެސް މިކަމާއި ބެހޭގޮތުން ސުޕްރީމް ކޯޓުގެ ފަރާތުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އާ ޤާނޫނުލް އުޤޫބާތަށް ޢަމަލު ނުކުރަން ކްރިމިނަލް ކޯޓުގެ ޤާޟީންގެ މަޖިލީހަކުން ނިންމާފައިވާ ކަމަށް އަޑުފެތުރިފައިވީ ނަމަވެސް މިކަމުގައި ކްރިމިނަލް ކޯޓުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.