Last Updated: April 27, 09:26
Saturday, April 27, 2024
ރިޕޯޓް

ގަމުގެ މަގުތަކުގައި ކުނި ކެހުމުގައި އެންމެ 5 އަންހެނުން!

ސ.ގަމުގައި ކުނިކެހުމުގެ ވޒީފާ އަދާކުރާ އަންހެނަކު މަސައްކަތުގައި ހަރަކާތްތެރިވަނީ. އައްޑޫލައިވް ފޮޓޯ: ހުސެއިން ޒަހީން

އައްޑޫ ސިޓީގެ ގަން އެއަރޕޯޓަށް ދާ ކޮންމެ މީހަކަށް ވެސް އެންމެ ގިނައިން ފެންނާނީ މަގުގެ ދެފަރާތުގައި ކުނިކަހަން ތިބޭ އަންހެން ވެރިންނެވެ. ބަލާ ބެލުމަށް އެމީހުން ކުރަމުން ގެންދަނީ ވަރަށް ހިތްފަސޭހަ މަސައްކަތެއް ކަމަށް ހީވެދާނެއެވެ. އަދި އެމީހުންނަކީ ވަރަށް ބޮޑު މުސާރައެއް ލިބިގެން އެކަން ކުރާ ކަމަށް ވެސް ހީވެދާނެއެވެ.

ނަމަވެސް އެއީ ހިތްދަތިކަމާއި އެކު ކޮންމެ ދުވަހަކުވެސް ލޮލުން ކަރުނަ އައިސް ތިބެ އެމީހުން ކުރަމުން ގެންދާ މަސައްކަތެކެވެ. އަޅުގަނޑުމެންގެ މުޖްތަމަޢްގެ އުސޫލަކީ މޮޅު މީހާއަށް މޮޅު ގޮތް އަދި ނިކަމެތި މީހާއަށް ދެރަގޮތް ކަން މިކަމުން ވަރަށް ރަގަޅަށް ވެސް ހާމަވެގެންދެއެވެ. އެމީހުން ކުރާ މަސައްކަތުގެ އަގު ވަޒަން ނުކުރެވޭ ޙާލުގައި މަގުން ދަތުރުކުރާ މީހުންގެ ފަރާތުން ވެސް ބައެއް ފަހަރަށް ބޭއަދަބީ ބަސްތައް ރައްދުކުރެވޭ ކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ.

ޚަދީޖާ (އަސްލު ނަމެއް ނޫން) ކޮންމެ ދުވަހެއްގެ ހެނދުނު 8 ޖަހާއިރަށް ގަމަށް ދަނީ އެމީހުންގެ ވެސް އުއްމީދުތަކެއް ހާސިލްކުރުމަށް ބޭނުންވާ އާމްދަނީ ހޯދުމަށެވެ. ކުނި ކެހުމުގެ މަސައްކަތަކީ ފަސޭހަ ނޫން މަސައްކަތެއް ކަމުގައި ދެނެ ތިބެ އެކަން ކުރުމަށް ދަނީ އިތުރު ގޮތެއް ނެތިގެންނެވެ. މީހުންނަށް ސަލާންޖަހައި ލާރި ހޯދައިގެން މަސައްކަތް ކުރުމަކީ އޭނާ ޤަބޫލުކުރާ އުސޫލެއް ނޫނެވެ.

ގަމުގައި ކުނިކަހާ މީހެއްގެ ވަޒީފާ އަދާކުރަމުން ގެންދާތާ 8 އަހަރުވެފައިވާއިރު، ޚާދީޖާ ބުނާގޮތުގައި ބައެއް ފަހަރަށް ސީނިއާ މުވައްޒަފުންގެ ފަރާތުން ހަރުކަށި ކަން ފެންނަ ކަމަށެވެ. ނަމަވެސް އެ ވާހަކަތައް ދައްކާކަށް އޭނާ ބޭނުމެއް ނުވެއެވެ. ހަމަ އެންމެ ސަބަބަކަށް ޓަކައެވެ. ވަޒީފާގެ ބިރަށްޓަކައެވެ. ޚަދީޖާ ބުނާގޮތުން ނަމަ ވަޒފާގައި އުޅެން ބޭނުން ނަމަ ޝަކުވާނުކޮށް ތިބުން ނޫން ގޮތެއް އެމީހުންނަކަށް ނެތެވެ.

'އައްޑޫލައިވް'ގެ ޓީމުގެ ފަރާތުން ސ.ގަމުގައި އިއްޔެ ހޭދަކުރި ވަގުތުތަކުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑްގެ ސުޕަވައިޒަރުންގެ ފަރާތުން ފެންނަކަމަށް ބުނާ ހަރުކަށިކަން ވަނީ ވަރަށް ރަގަޅަށް ވެސް ތަޖުރިބާކުރެވިފައެވެ.

މަގުގެ ދެފަރާތުގައި ކުނިކަހާ މީހުން ތިބޭ އިރު ސުޕަވައިޒް ކުރުމަށް މި ބޭފުޅުން ދަނީ އެމީހުންގެ ސައިކަލްތަކާއި ވެހިކަލްތަކުގައެވެ. ދޭތެރެއަކުން މަޑުކޮށްލުމަށް ފަހު މިވެނި ގޮތަކަށް ނުހަދަނީ ކީއްވެގެންހޭ، އަވަސް ކުރާށޭ، ތިހެން މަސައްކަތް ކުރަންޏާ ހުއްޓާލަން ވީހޭ، ފަދަ ބަސްތަކުން މުޙާތަބްކުރަނިކޮށް 'އައްޑޫލައިވް'ގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.

" އޭ ޕޮލިސް ސްޓޭޝަން ދިމާލުން މަގުގަ އެހެރީ ގޯނިތައް. ތިވަރުން ތިކަން ނުކުރަންވީއެއްނު. ދެން ހަމަ ތިހެން ބަލަހައްޓައިގެން ތިއްބަކަސް ނުވާނެއޭ. އަވަސްކުރޭ. " ސައިކަލެއްގައި އައިސް މަޑުކޮށްލި މެދު އުމުރުގެ ފިރިހެނަކު ބުނެލިއެވެ. ކުނިކަހަން ތިބި މީހުންގެ ފަރާތުން މައުލޫމާތު އޮޅުންފިލުވާލުމުން އެއީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑްގެ ސުޕަވައިޒަރެއް ކަން ވަނީ އެނގިފައެވެ.

މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތް މޮނީޓާރ ކުރުމަކީ ސުޕަވައިޒަރެއްގެ ވަޒީފައެވެ. އެކަން ޤަބޫލުކުރެވިދާނެއެވެ. އެހެން ނަމަވެސް އެންމެ އާދައިގެ މުވައްޒަފާއި ވެސް ރިވެތި ބަހުން ވާހަކަ ދެއްކުމަކީ ސުޕަވައިޒަރުގެ ހައިބަތަށް އުނިކަމެއް އަންނަ ކަމެއް ވެސް ނޫނެވެ.

" އަޅުގަނޑުމެންނާއި މެދު އަމަލު ކުރަނީ ބަކަރި ތަކެއް ގެންގުޅޭ މީހަކު އެ ގެންގުޅޭ ފަދައިން " ކުނިކެހުމުގެ މަސައްކަތް ކުރާ އެހެން އަންހެނަކު ބުންޏެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑްގެ ހުރިހާ މުވައްޒަފުންގެ ވެސް ޝަރުތެއް އޮތެވެ. އެއީ އެމީހުންގެ ނަން ހާމަނުކުރުމެވެ. އެމީހުން ބުނާގޮތުގައި ނޫހަކަށް މައުލޫމާތު ދީފި ނަމަ، ޖެހިގެން އަންނަ ދުވަހު އޮފީހަށް ގެންގޮސް ފިޔަވަޅު އަޅާނެއެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑްގެ ކުނިކަހާ މީހެއްގެ ވަޒީފާ އަދާކުރާ މުވައްޒަފެއްގެ މުސާރައަކީ މަހަކު -/5000 ރުފިޔާއެވެ. އޯޓީއެއް އިތުރު އެލަވެންސެއް އެމީހުންނަކަށް ނުލިބެއެވެ. އެހެން ނަމަވެސް ބައެއް ފަހަރަށް 8 ގަނޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް އެމީހުން ބުނެއެވެ. ނަަމަވެސް ގަން ޕޮލިސް ސްޓޭޝަނުން ފެށިގެން ގޮސް އެއާޕޯޓްގެ ޓާމިނަލް ހިމެނޭ ސަރަހައްދާއި ހަމައަށް ކުނިކެހުމުގެ މަސައްކަތް ކުރާ މީހަކަށް -/5000 ރުފިޔާ އަކީ އެކަށީގެންވާ މުސާރައެއް ކަމުގައި ދެންނެވޭކަށް ނެތެވެ.

އެއަޕޯޓުގައި މަސައްކަތްކުރާ އެހެން މުވައްޒަފުން ވެސް ބުނާގޮތުގައި، ކުނިކެހުމުގެ މަސައްކަތްކުރާ 5 އަންހެނުންނަކީ "އެވޯޑް ޙައްޤު" ބައެކެވެ. އެމީހުން ކުރާ މަސައްކަތާއި އެކަށީގެންވާ އުޖޫރައެއް ނުލިބޭ ކަމަށް އެމީހުން ވެސް ޤަބޫލުކުރެއެވެ.

"އަސްލު 5 މީހުން މިއޮތް ބޮޑު ގަމުގައި ކުނިކަހަން މި ތިބެނީ. ކުންފުނިން އެބަޖެހޭ އިތުރު މުވައްޒަފުންތަކެއް ވެސް ނަގަން. ޚަރަދު ކުޑަކުރަން ވެގެންނޭ ކިޔާފައި މުވައްޒަފުން ނުނަގައެއް މަސައްކަތެއް ނުވާނެ." ގަން އެއާޕޯޓްގެ ސެކިއުރިޓީ އޮފިސަރަކު ބުންޏެވެ.

'އައްޑޫލައިވް'ގެ ފަރާތުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑްގެ އިސްވެރިޔަކާއި ގުޅޭތޯ މަސައްކަތްކުރި ނަމަވެސް އެއިން އެއްވެސް ބޭފުޅަކު ފޯނަށް ޖަވާބު ނުދެއްވާތީ އެކަން އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި، ކުނިކެހުމުގެ މަސައްކަތް ކުރުމަށް އިތުރު މުވައްޒަފުން ތަކެއް ހޯދުމުގެ ވިސްނުމެއް އެ ކުންފުނީގެ ފަރާތުން އަދި ނުގެންގުޅެއެވެ.

ސ.ގަމުގެ މަގުތައް ކޮންމެ ދުވަހަކު ސާފުކޮށް ބެލެހެއްޓުމުގެ ބުރަ މަސައްކަތް ކުރަމުން އެގެންދަނީ ހަމަ އަޅުގަނޑުމެންގެ ތެރެއިން ކޮންމެވެސް އެކެއްގެ މަންމައެއް ނުވަތަ ދައްތައެކެވެ. އެމީހުން އެކުރާ މަސައްކަތަކީ ހަމަ ގައިމުވެސް ތައުރީފު ޙައްޤު މަސައްކަތެކެވެ. އިންސާނީ ޙައްޤޭ، އަންހެނުންގެ ތަރައްޤީއޭ ކިޔައިގެން ހަޅޭއްލަވަމުން ދުވަމުން ގެންދާ އިއްޒަތްތެރި މެންބަރުން ވެސް، ގަމުގައި ކުނިކެހުމުގެ މަސައްކަތްކުރާ މީހުންގެ ޙައްޤުގައި އެއްޗެއް ބުނެލާނެ ނަމަ ކިހާ ރަގަޅު ހެއްޔެވެ.

ސ.ގަމުގެ މަގުތައް ސާފުކުރުމުގައި ކޮންމެ ދުވަހަކުވެސް ހީވާގި ކަމާއި އެކު މަސައްކަތް ކުރައްވާ 5 އަންހެންކަނބަލުންގެ މަސައްކަތާއި މެދު 'އައްޑޫލައިވް' ގެ ޓީމުން ފަޚުރުވެރިވަމެވެ. އަދި އަޅުގަނޑުމެން ފަދައިން އައްޑޫގެ އެތައް ރައްޔިތުންނެއް ތިކަނބަލުން ތިކުރައްވާ މަސައްކަތާއި މެދު ފަޚުރުވެރިވާނެ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.