Last Updated: April 26, 06:56
Friday, April 26, 2024
ކޮލަމް

އަލީ ވަޙީދު ވެސް "ފިލި ވަޙީދު" ލަޤަބު ހޯއްދަވަނީބާ؟

ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ހުންގާނުގައި ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި ދުވަހަކީ އެމްޑީޕީގެ ސަޕޯޓަރުން ރޮއްވާލި ދުވަހެކެވެ. އެދުވަހު އެޕާޓީގެ މެންބަރުންގެ ލޮލުން ކަރުނަ ހިލިގެން ދިޔަ ނަމަވެސް ހިތްވަރުކޮށްފައި އެމަނިކުފާނުގެ ދިފާޢުގައި މުޒާހަރާކުރަން ނިކުތެވެ. މެއި 1 ވަނަ ދުވަހުގެ މުޒާހަރާގައި އެޕާޓީގެ އާންމު މެންބަރުންގެ ތެރެއިން ގިނަ ބަޔަކު ހައްޔަރުވެގެން ދިޔަ އެއް ސަބަބަކީ އާންމު މެންބަރުންނަށް ޕާޓީގެ ހުންގާނުގައި ނަޝީދު ހުރުމުގެ ބޭނުންތެރިކަން އިޙްސާސް ވުން ކަމުގައި ވެދާނެއެވެ.

ނަޝީދު ބަންދުގައި ހުންނަ ކޮންމެ ދުވަހަކީ އެމްޑީޕީގެ މެންބަރުން މާޔޫސްވަމުންދާ ދުވަހެކެވެ. އެމްޑީޕީގެ އާންމު މެންބަރުންގެ ފިކުރަށް ބަލާއިރު ގިނަ މެންބަރުންނަކީ މަގުމަތީގެ ހަރަކާތްތަކަށް ފަރިތަ ބަޔެކެވެ. އެހެން ކަމުން އެމީހުންގެ މެދުގައި މަޤުބޫލުކަން ބޮޑުވެފައިވަނީ ވެސް މަގުމަތީގައި އެމީހުން ގޮވައިގެން ހައްޤުތައް ހޯދުމަށް ވަކާލާތުކުރުމަށް ކެރޭ ލީޑަރަކަށެވެ. ރައީސް ނަޝީދު ފިޔަވައި އެމްޑީޕީގެ އިސްސަފުގައި އެފަދަ ލީޑަރަކު ނެތްކަން މިވަނީ ސާބިތުވެގެން ގޮސްފައެވެ.

އެމްޑީޕީގެ ލީޑަރ ރައީސް ނަޝީދަށް ފަހު އެ ޕާޓީގެ މެންބަރުން ގޮވައިގެން ލީޑް ކުރެއްވުމުގެ މަސްޢޫލިއްޔަތު އުފުއްލަވަން ހުންނެވި ބޭފުޅަކީ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަޙީދެވެ. މެއި 1 ވަނަ ދުވަހުގެ މުޒާހަރާގައި ދެއްކެވި ވާހަކަފުޅު ތަކާއި ގުޅިގެން އަލީ ވަޙީދު ވެސް ބަންދުކުރެވުނެވެ. ފުލުހުންގެ ބަންދުގައި 24 ދުވަސް ވަންދެން ބެހެއްޓުމަށް ފަހު އަލީ ވަޙީދު ދޫކޮށްލުމުން ވެސް އެމްޑީޕީގެ ޖަލްސާގައި ބައިވެރިވެ ސަރުކާރަށް ފާޑު ކިޔާފައިވެއެވެ. ނަމަވެސް އޭގެ ކުރިން ސަރުކާރަށް ފާޑުކިޔުމުގައި ހުންނަ ޖޯޝާއި ފޯރި އެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

އެމްޑީޕީގެ މެންބަރުން އެކައްޗަކަށް ހަދައި އަދި އެމްޑީޕީ އަށް މިއަދު ދިމާވެފައިވާ ދަތިތަކުން އެޕާޓީ ސަލާމަތް ކުރުމަށް އެންމެ ބޮޑު މަސައްކަތެއް ކުރުމުގެ ޒިންމާ އަދާކުރަންޖެހޭ ފަރާތަކީ އެޕާޓީގެ ޗެއާޕާސަންގެ މަޤާމުގައި ހުންނެވި އަލީ ވަޙީދެވެ. ކަން މިހެން އޮތް ނަމަވެސް ފެނިގެން ދިޔައީ ކުއްލިގޮތަކަށް އަލީ ވަޙީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި ތަނެވެ.

ބައެއް ސިޔާސީ ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި އަލީ ވަޙީދު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވަނީ، ސަރުކާރުގެ އިސްބޭފުޅުންނާއި އެކު ހެދި 'ޑީލެއް'ގެ ދަށުންނެވެ. ނަމަވެސް އެވާހަކަތައް އެމްޑީޕީގެ އިސްބޭފުޅުން ވަނީ ދޮގޮކޮށްފައެވެ.

އެހެން ނަމަވެސް އަލީ ވަޙީދު ސަރުކާރާއި އެކު 'ޑީލް' ހެދި ކަމަށް ބުނެ ވާހަކަދައްކާ ފަރާތްތަކުން ބުނާގޮތުގައި އޭނާ އިނގިރޭސިވިލާތަށް ވަޑައިގަތުމާއި އެކު އޭނާގެ މައްޗަށް ކުރި ދަޢުވާ އަނބުރާ ގެނައުމަކީ ސަރުކާރާއި އެކު 'ޑީލް' ހެދި ކަމުގެ ސާފު ހެއްކެއް ކަމަށެވެ.

ފުލުހުން ފޮނުވި މައްސަލަ ނުބަލާ އަނބުރާ ފޮނުވާލުމަށް ޕީޖީ ނިންމެވުމާއި ގުޅިގެން، އަލީ ވަޙީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ނަޝީދާ އެކު މަސައްކަތް ކުރި އެންމެން މިނިވަން ނުވަނީސް މިނިވަންކަން ބޭނުން ނުވާކަމަށެވެ.

އެމްޑީޕީގެ އިސްސަފުގައި މަސައްކަތްކުރާ ބައެއް ބޭފުޅުން ވެސް އަލީ ވަޙީދު، ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމާއި ގުޅިގެން އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށް ވާހަކަ ދައްކާފައިވާކަން 'އައްޑޫލައިވް' އަށް ވަނީ އެނގިފައެވެ.

އަލީ ވަޙީދު ވިދާޅުވާގޮތުން ނަމަ އިނގިރޭސިވިލާތުގައި ހުންނަވައިގެން އެބޭފުޅާ ކުރައްވަމުން ގެންދަވާ މަސައްކަތަކީ، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ހިނގާ ކަންތަކާއި ބެހޭ މައުލޫމާތު ހިއްސާކުރުމުވެ. ދޭތެރެއަކުން ޓްވިޓާ މެދުވެރިކޮށް ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދެވައެވެ. އަ

މުޅި ޔޫރަޕުގެ ފޯކަސް އޮތީ ރާއްޖެއަށް ކަމަށް އަލީ ވަޙީދު ވިދާޅުވި ނަމަވެސް، އެ ފޯކަސް އެއްގެ ސަބަބުން ދިވެހިރާއްޖޭގެ ސަރުކާރަށް އެއްވެސް ކަހަލަ ޕްރެޝަރެއް ކުރިމަތިވަމުންދާ ތަނެއް ނުފެނެއެވެ.

އެމްޑީޕީ އާއި ސަރުކާރާއި ދެމެދު ކުރެވުނު މަޝްވަރާތަކުގައި އެޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިޙް ފަދަ ބޭފުޅުން ހަރަކާތްތެރިވެފައިވާ ގޮތުން އަލީ ވަޙީދުގެ ވަގުތު އެމްޑީޕީގައި ހަމަވެފައިވާކަމަށް ވެސް ސިޔާސީ ބައެއް ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.

މާލެ ތެރޭގައި ހިނގަމުންދިޔަ މާރާމާރީތައް ހުއްޓުވުމާއި ބެހޭގޮތުން ރައީސް ނަޝީދާއި މަޝްވަރާކުރައްވަން، މުލިއާގޭގެ ވަލު ދޮރާށިން ވަދެ ވަޑައިގެން ވަޑައިގެން، އޭގެ ދުވަސްކޮޅެއް ފަހުން ޑީއާރްޕީ ދޫކޮށް އެމްޑީޕީ އަށް ސޮއިކުރެއްވީ ބޮޑެތި 'އިނާޔަތް' ތަކެއް ލިބިގެން ކަމަށް އޭރު މީޑިޔާގައި ވާހަކަދެކެވިފައި ވެއެވެ.

އަލީ ވަޙީދު ވިދާޅުވާގޮތުން ނަމަ މިވަގުތު އެބޭފުޅާ އެހުންނެވީ، އިނގިރޭސިވިލާތުގެ ހިމާޔަތް ހޯދައިގެން ދިވެހިރާއްޖޭގެ ސަރުކާރުން ކުރަމުން ގެންދާ ޤާނޫނާއި ޚިލާފް ކަންތައް ބޭރުގެ ފަރާތްތަކަށް އޮޅުން ފިލުވައި ދެއްވާށެވެ. އެ މަސައްކަތް އެންމެ އެކަށީގެންވާގޮތުގައި ނުކުރެވޭނަމަ އެމްޑީޕީގެ މެންބަރުން މަޔޫސްވެ ރާއްޖޭގައި މަޝްހޫރުވެފައިވާ "ފިލި ވަޙީދު"ގެ ލަޤަބް އަލީ ވަޙީދަށް ވެސް އެރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ނަމަވެސް 105000 ރައްޔިތުން ތަމްސީލްކުރައްވާ ޗެއާޕާސަން އަކީ އެފަދަ ލަޤަބެއް ހޯއްދަވާނެ ބޭފުޅެއް ކަމުގައި ވުމަކީ އެޕާޓީއަށް ތާއީދުކުރާ އެއްވެސް މެންބަރަކު އެދޭނެ ކަމެއް ނޫނެވެ.