Last Updated: April 26, 11:19
Friday, April 26, 2024
ރިޕޯޓް

ދިފާއުވާން ފުރުސަތު ނުދީ އޮތުމުން ކާނަލް ނާޒިމްގެ މައްޗަށް ކުރި ހުކުމް ބާތިލްކޮށްފާނެތަ؟

ދައުލަތުން ހުށަހެޅި ހެއްކަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ނުދީ އޮތުމުން މީހަކަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމެއް ހައި ކޯޓުން ބާތިލްކޮށް އިއްޔެ ވަނީ އެމީހާ މިނިވަންކޮށްފައެވެ.

ހައި ކޯޓުން އިއްޔެ ބާތިލްކޮށްފައިވަނީ، ލ. އިސްދޫ ޖަނަވަރީމާގޭ ރާމިޒް އަހުމަދުގެ މައްޗަށް މަސްތުވާތަކެތި ގެންގުޅުމުގެ ކުށް ސާބިތުވާ ކަމަށް ނިންމައި، އޭނާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމެވެ.

ރާމިޒް މިނިވަން ކޮށްފައިވަނީ އޭނާ ހައްޔަރުކުރި ތަނުން ފެނުނު މަސްތުވާތަކެތި އަޅާފައި ހުރި ސިޓީ އުރައިގައި އޭނާގެ ފިންގަޕްރިންޓް ފެނުނު ކަމަށް ފުލުހުންގެ ރިޕޯޓެއްގައި އޮތްއިރު އެ ރިޕޯޓު އޮތްކަން ނާންގާ އަދި އެ ރިޕޯޓާ ބެހޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ނުދީ އޮތުމުންނެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމްގައި ވަނީ، ""ކްރިމިނަލް ކޯޓުން ފުލުހުންގެ ފަރާތުން ހުށަހެޅި ރިޕޯޓަށް ރިއާޔަތްކޮށްފައިވަނީ އިޝާރާތް ކުރެވުނު މި ހައްގުތައް ރާމިޒު އަހުމަދަށް ދިނުމަކާ ނުލާކަން އެނގެން އޮތުމުން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މި އަސާސީ ހައްގުން ރާމިޒް އަހުމަދު މަހްރޫމްވެފައިވާކަން އެނގެން އޮންނަ ކަމެވެ،"

ހެއްކާ ބެހޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ނުދީ އިއްވި ހުކުމެއް ހައި ކޯޓުން ބާތިލްކޮށްފައިވާއިރު ކުރީގެ ޑިފެންސް މިނިސްޓްރ ކާނަލް ނާޒިމްގެ މައްޗަށް ކުރެވުނު ޝަރީޢަތުގައި ވެސް އެމަނިކުފާނަށް، އެކަށީގެންވާ ގޮތެއްގައި ދިފާޢު ވުމުގެ ފުރުސަތު ދީފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ކާނަލް ނާޒިމްގެ ޤާނޫނީ ޓީމްގެ ފަރާތުން ދިފާއީ ހެކީންގެ ގޮތުގައި ހުށަހެޅި 51 ހެކިންގެ ތެރެއިން ކޯޓުން ހެކި ބަސް ނަގާފައިވަނީ އެންމެ 3 ހެކިންގެ ހެކިބަސް ކަން ފާހަގަ ކޮށްލެވެއެވެ.

ކާނަލް ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ކަމަށް ފުލުހުން ބުނާ ފިސްތޯލައިން ފެނުނު ފިންގަރޕްރިންޓާއި ނަޒިމްގެ ފިންގަރޕްރިންޓް ދިމަލެއް ނުވެއެވެ. އެހެންނަމަވެސް ފިސްތޯލައިގައި އެކަކު ނުވަތަ ދެ މީހެއްގެ ފިންގަރޕްރިންޓް ހުރިކަން އިނގޭ އިރު އެއީ ކޮބައެއްގެ ފިންގަރޕްރިންޓް ތޯ ފުލުހުން ހާމަކޮށްފައި ނުވާތީ އެކަމާއި މެދު ވެސް ޝަރީޢަތުގައި ނާޒިމްގެ ވަކީލުން ވަނީ ސުވާލު އުފައްދާފައެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ކާނަލް ނާޒިމްގެ ޝަރީޢަތުގައި، ޤާނޫނު އަސާސީގެ ރޫޙާއި ޚިލާފް އެތައް ކަމެއް ފެނިގެންގޮސްފައިވެއެވެ. އެގޮތުން ހަނގުރާމަވެރި ހަތިޔާރު އެތެރެ ކުރިކަމުގެ ކުށް ނާޒިމްގެ މައްޗަށް ސާބިތުވާކަމަށް ނިންމައި ހުކުމް އިއްވަވަމުން، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން އިސް ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފް ވިދާޅުވެފައި ވަނީ ކާނަލް ނާޒިމް އާއި އޭނާގެެ އަނބިކަނބަލުން އަފާފް އަބްދުލް މަޖީދު ނިދާ ކޮޓަރިން ފެނުނު ހަތިޔާރަކީ އޭނާގެ އެއްޗެއް ނޫންކަން ސާބިތުކޮށް ދެއްވިފައެއް ނުވާ ކަމަށެވެ.

ޖިނާޢީ ކުށްްތަކުގެ މައްސަލަތަކުގައި ޝައްކެތް ނެތް މިންވަރަށް ދައުވާ ސާބިތު ކުރުމަކީ ދަޢުވާ ހުށަހަޅާ ފަރާތުގެ ޒިންމާއެއް ނަމަވެސް، ކާނަލް ނާޒިމްގެ މައްސަލައިގައި އެކަން ވެސް އޮތީ ބަދަލުވެގެން ގޮސްފައެވެ.

ކްރިމިނަލް ކޯޓުގައި ކާނަލް ނާޒިމާއި މެދު ޢަމަލު ކުރެވުނު "ޚާއްސަ" ގޮތަށް، ހައި ކޯޓުގައި ވެސް އަމަލު ކުރެވިގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ހައިކޯޓުގައި ކާނަލް ނާޒިމް ހުށަހެޅުއްވި، އިސްތިއުނާފީ މައްސަލަ ބައްލަވަމުން ގެންދެވި ފަނޑިޔާރުންގެ ތެރެއިން ބައެއް ފަނޑިޔާރުން ހައިކޯޓުގެ އެހެން ގޮފިތަކަށް ކުއްލި ގޮތަކަށް ބަދަލު ކުރެވިގެން ދިޔައީ ވެސް "ޚާއްސަ" ގޮތަކަށް އަމަލު ކުރުމަށް ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ނާޒިމްގެ މައްސަލަ ހައި ކޯޓުގައި ބައްލަވާ ފަނޑިޔާރުންގެ ބެންޗް އަލުން އެކުލަވާލަން ޖެހޭއިރު، ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމް އިއްވި ކްރިމިނަލް ކޯޓުގެ ބެންޗުގައި ތިބި 2 ފަނޑިޔާރުން ކަމަށްވާ އަބްދުﷲ ދީދީ އާއި ޝުޖާއު އުޘްމާން ވެސް މިވަގުތު ހައި ކޯޓުގައި ތިބުމަކީ ވެސް ކާނަލް ނާޒިމަށް 'ޚާއްސަ' ގޮތްތަކެއް ހަމަޖެއްސުމަށް ކުރެވޭ މަސައްކަތެއް ކަމުގައި ވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ހައި ކޯޓުގެ ފަނޑިޔާރުން އިންސާފުވެރިކަމާއި އެކު ޝަރީޢަތް ކުރިއަށް ގެންގޮސްފި ނަމަ، މ. ލޮނުމިދިލިގޭ އިބްރާހިމް ޝަފާޒް އަބްދުއްރައްޒާގު (ސަފާ) 18 އަހަރަށް ޖަލަށްލުމަށް ދަށު ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރި ގޮތަށް ކާނަލް ނާޒިމްގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ވެސް ބާތިލް ކުރަންޖެހޭނެ ކަމަށް ޤާނޫނީ ދާއިރާގެ ގިނަ ބޭފުޅުން ދެކިލައްވައެވެ.

ސަފާގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމް ސަފާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ "ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ، އެކަށީގެންވާ، ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުނުވާ ނިސްބަތަށް ހެކި ދެއްކިފައި ނުވާތީ" ކްރިމިނަލް ކޯޓުން ކުރި ހުކުމް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ބާތިލް ކަމަށް ނިންމާ ކަމަށެވެ.

ހަމަ ގައިމުވެސް ކާނަލް ނާޒިމްގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު އެތެރެ ކުރުމުގެ ކުށް، ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައި ނުވާކަން އެއީ ދެބަސްވެވޭނެ ކަމެއް ނޫނެވެ.

އެގޮތުން ކާނަލް ނާޒިމްގެ ވަކީލުންގެ ފަރާތުން ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ހުށަހެޅި ޚުލާސާ ބަޔާނަށް ވަރުގަދަ ރައްދެއް ދިން އިރު، ފަނޑިޔާރުންގެ ބެންޗުން ހުކުމް އިއްވާފައި ވަނީ އެއިން އެއްވެސް ނުކުތާއަކަށް ރިޢާޔަތް ކުރުމެއް ނެތިއެވެ. ދައުލަތުގެ ހުރިހާ ހެކިންގެ ހެކިބަހުގައި ވެސް ދޮގު ހަދާފައިވާ ކަން ސާބިތުވާކަމަށާއި އެހެންކަމުން އެމީހުންގެ ހެކިބަހަށް ރިޢާޔަތް ނުކުރެވޭނެ ކަމަށާއި އަދި ދައުލަތުން ހުށަހެޅި ކިތާބީ ހެއްކާއި ނާޒިމް އާ ގުޅުމެއް ނެތްކަން ސާބިތުވާކަމަށާއި މީގެތެރެއިން ފިންގާރ ޕްރިންޓް މެޗް ނުވާކަމަށާއި ޕެންޑްރައިވް އާއި ވެސް ނާޒިމް އާ ގުޅުމެއް ނެތްކަމަށްވެސް ނާޒިމްގެ ވަކީލުން ކްރިމިނަލް ކޯޓުގައި ހާމަކޮށްފައިވެއެވެ.

ދެން އޮތީ ކާނަލް ނާޒިމްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައިގައި އެމަނިކުފާނަށް އިންސާފު ލިބިގެންދާނެތޯ ކުރެވޭ ސުވާލެވެ. ހައި ކޯޓުގައި އިސްތިއުނާފްގެ މައްސަލަ ލަސްވަމުންދާތީ އެކަން ވަނީ ސުޕްރީމް ކޯޓުގެ ސަމާލުކަމަށް ވެސް ގެނެވިފައެވެ.