Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

އިސްމެހެލާ ހެރާ ޕްރޮޖެކްޓް ކުރިއަށްދާ ކަމުގެ ޔަޤީންކަން އެބައޮތް: އައްދު

އިސްމެހެލާ ހެރަ ރިސޯޓަކަށް ހެދުމުގެ ޕްރޮޖެކްޓް ކުރިއަށްދާ ކަމުގެ ޔަޤީންކަން އެބައޮތް ކަމުގައި ހުޅުމީދޫ ދާއިރާގެ ކައުންސިލަރ އަލީ މުހައްމަދު (އައްދު) ވިދާޅުވެއްޖެއެވެ.

އިސްމެހެލާ ހެރަ ޕްރޮޖްކްޓްގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބާއި ބެހޭގޮތުން 'އައްޑޫލައިވް' އަށް މައުލޫމަތު ދެއްވަމުން ކައުންސިލަރ އަލީ މުޙައްމަދު ވިދާޅުވެފައިވަނީ، އިސްމެހެލާ ޕްރޮޖެކްޓް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

" އަޅުގަނޑަށް ޔަޤީންކަން އެބައޮތް އެ ޕްރޮޖެކްޓް ނުހުއްޓި ކުރިއަށް ދާކަން. އެކަމަކު ތަފްސީލް ދަންނަވާކަށް ނޭނގޭ. އަޅުގަނޑަށް ވުރެ ބޮޑަށް ތަފްސީލްކޮށް އެނގިވަޑައިގަންނަވާނީ ޓޫރިޒަމްގެ ބޭފުޅުންނަށް " އަލީ މުޙައްމަދު ވިދާޅުވިއެވެ.

ސިޔާސީ ބައެއް ފަރާތްތަކުން ސިފަކޮށްފައިވާ ގޮތުގައި އިސްމެހެލާ ޕްރޮޖެކްޓަކީ އަލީ މުޙައްމަދު (އައްދު) އެމްޑީޕީ އިން ޕީޕީއެމަށް "ޓްރާންސްފާރ" ވުމަށް އެބޭފުޅާގެ ފަރާތުން ސަރުކާރަށް ހުށަހެޅި ޝަރުތުތަކުގެ ތެރެއިން ހިމެނޭ ކަމެއްގެ ގޮތުގައެވެ.

ޕީޕީއެމް އަށް ސޮއި ކުރެއްވި އެންމެ ބޮޑު އެއް ސަބަބެއްގެ ގޮތުގައި، އަލީ މުހައްމަދު ފާހަގަކޮށްފައި ވަނީ ވެސް އޭނާ ދާއިރާގެ ރައްޔިތުންނަށް އޭނާ ވެވަޑައިގެންފައިވާ ވައުދެއް ކަމުގައިވާ އިސްމެހެލާ ހެރަ ރިސޯޓަކަށް ހެދުމުގެ ވައުދު ހަޤީޤަތަކަށް ހެދުމެވެ.

އިސްމެހެލާ ހެރަ ޕްރޮޖެކްޓްގެ ދަށުން 600 އެނދު ހިމެނޭ ރިސޯޓެއް ތަރައްޤީކުރެވިގެންދާއިރު، އެތަނުން 1800 ވަޒީފާ އުފެދިގެން ދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ފާއިތުވި އެޕްރީލް މަހު ސަރުކާރުން އިސްމެހެލާ ޕްރޮޖެކްޓް އިފްތިތާޙްކޮށްފައިވާއިރު އެ ޕްރޮޖެކްޓްގެ އަމަލީ އެއްވެސް މަސައްކަތެއް ފަށާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.